ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލުނު އިންޑިއާ މީހަކަށް އިނާމެއްގެ ގޮތުގައި މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަޒީފާ ގެއްލި އާއިލާގެ ހަރަދުތައް ބެލެއްޓުމަށް ދަތިވި، އަބޫ ދާބީގައި ދިރިއުޅޭ ނަވްނީތު ސަޖީވަން، 30، އަށް އިނާމެއްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބުނީ ދުބާއި ޑިއުޓީ ފްރީގެ މިލީނިއަމް މިލިއަނާ އެންޑް ފައިނެސްޓް ސަޕްރައިޒް ޕްރޮމޯޝަންގައި ނަސީބުވެރިޔަކަށް ހޮވިގެންނެވެ.

އަންހެނުންނާއި ދަރިފުޅާ އެކު މީގެ ހަތަރު އަހަރު ކުރިން އަބޫ ދާބީގައި ދިރިއުޅެން ފެށި ނަވްވީތު ބުނީ ޕްރޮމޯޝަނުގައި ބައިވެރިވެގެން އެއް މިލިއަން ޑޮލަރުގެ ނަސީބުވެރިއަކަށްވުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ. އޭނާ ބުނީ އަދާކުރަމުން ދިޔަ ވަޒީފާ ގެއްލުމުގެ ހިތާމައިގައި ހުއްޓާ ލިބުނު މި އުފަލަކީ އޭނާގެ ހަޔާތް އެއްކޮށް ބަދަލުކޮށްލާނެ ނަސީބެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ސަޕްރައިޒެއް، ދުބާއީ ޑިއުޓީ ފްރީން ގުޅާފައި ނަސީބުވެރިޔަކަށް ހޮވުނު ވާހަކަ ބުނީމަ ފުރަތަމަ ގަބޫލުކުރަން ވެސް ދަތިވި،" ނަވްނީތު ބުންޏެވެ. "ވަޒީފާއަކަށް އިންޓަވިއުއަކަށް ގޮސްފައި ގެއަށް ދިޔަ ތަނުން އެތަނުން ގުޅީ. މިއަށް ވުރެ ވަކި ބޮޑު އުފަލެއް މީހަކަށް ލިބޭނެތަ؟"

އޭނާ ބުނީ މިލިއަނަރަށްވުމުގެ އުފަލާ އެކު މިހާރު ބޭނުން ވަނީ އުފަން ގައުމަށް ދާން ކަމަށެވެ.

"އިންޑިއާ އަށް ނުދާތާ މިހާރު ދެ އަހަރު ވެދާނެ. އެހެންވެ ކުރު ބްރޭކަކަށް ދެން ބޭނުން ވަނީ ގައުމަށް ދާން،" ކެރެލާ އަށް އުފަން ނަވްނީތު ބުންޏެވެ. "މިލިއަން ޑޮލަރު ލިބުނަސް އަހަރެންގެ މުސްތަގުބަލު ދެން ބައްޓަންކުރާނެ ގޮތެއް އަދިއެއް ނުނިންމަން."

ދުބާއީ ޑިއުޓީ ފްރީ މިލީނިއަމް މިލިއަނާ އަކީ 1999 ގައި ތައާރަފުކުރި ޕްރޮމޯޝަނެކެވެ. ނަވްނީތަކީ މި ޕްރޮމޯޝަންގައި މިލިއަނަރަކަށްވި އިންޑިއާގެ 171 ވަނަ މީހާ އެވެ.