ށ. މިލަންދޫގައި މިއަދު މޫދަށް އެރި އުޅުނު ޒުވާން އަންހެނަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އެ ރަށުގެ ކައުންސިލް މެމްބަރު އަބްދުﷲ ފާއިޒު "މިހާރު" އަށް ވިދާޅުވީ މަރުވި 33 އަހަރުގެ މީހާ މެންދުރުފަހު މޫދަށް ދިޔައީ އޭނާގެ މަންމައާ އެކު ކަމަށެވެ. މޫދުން އަރައި ގެއަށް ދާން އުޅެނިކޮށް ކުއްލިއަކަށް ހޮޑުލާފައި ހޭނެތުނީ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
"އަސްލު ވީގޮތެއް ނޭނގެ، އޭނާގެ މަންމައާ އެކު ގެއަށް ދާން ވެގެން ސައިކަލަށް އަރަން ދިޔައީ. ދެން ކުއްލިއަކަށް ހޮޑުލާފައި [ހޭނެތިގެން] ވެއްޓުނީ،" ފާއިޒު ވިދާޅުވި އެވެ.
ވަގުތުން އެމްބިއުލާންސްގައި ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އޭނާ މަރުވީ އެތަނުގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާ ވަޅުލަން ހަމަޖައްސާފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހު އެވެ.
މަރުވި އަންހެން މީހާ އުޅެނީ ކައިވެނިކޮށްގެންނެވެ. ދެމަފިރިންގެ ދަރިއެއް ނުހުރެ އެވެ.