ށ. މިލަންދޫގައި އޮޔާދިޔަ ކުއްޖަކާއި އެ ކުއްޖާ ސަލާމަތްކުރަން އުޅެނިކޮށް ގެނބެމުން ދިޔަ މީހަކު، އެ ރަށުގެ ޓީޗަރެއްގެ މަސައްކަތުން ސަލާމަތްކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހިނގި ހާދިސާގައި ސީ ބެޑެއްގައި އޮޔާ ދިޔަ ދެ ތިން އަހަރުގެ ފިރިހެން ކުއްޖަކާއި އެ ކުއްޖާ ސަލާމަތްކުރަން އެ ހިސާބަށް އެންމެ ފުރަތަމަ ދިޔަ އަލީ އަފީފް ނަމަކަށް ކިޔާ ޒުވާނަކު ސަލާމަތްކުރީ، ދެ ކުދިންނާއި އަންހެނުންނާއެކު މޫދަށް ގޮސް އުޅުނު މިލަންދޫ ސްކޫލްގެ ލީޑިން ޓީޗަރު އާދަމް އަކްރަމެވެ.
އަކްރަމް "މިހާރު" އަށް ވިދާޅުވީ ހަވީރު 5:00 ހާއިރު އަތިރިމައްޗަށް ދިޔައިރު ތަންކޮޅެއް ދުރުގައި މޫދަށް އެރިގެން އެހެން ބަޔަކު އުޅުނު ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާއަށް ގޮވައި އޮޔާ ދަނީއޭ ކިޔައި ގޮވަން ފެށި ކަމަށް ބުންޏެވެ.
"މޫދުން އެރިގެން ކުދިންނާ އެކު ވެލި ކުޅެން އިންދައި މި އިވެނީ ސަރ އޭ، މި އޮތް ގެނބެނީއޭ ކިޔައި ގޮވާ އަޑު. ދެން އެ ކުއްޖާ ސަލާމަތްކުރަން ދަނިކޮށް [މޫދުގައި އޮތް] އެހެން މީހަކު އެ ހިސާބަށް އަރައި ހަމަވިތަނާ ކުއްޖާ ސީބެޑުން މޫދަށް ފުންމާލީ،" އަކްރަމް ބުންޏެވެ.
ފަސް ފޫޓަށް ވުރެ ފުން އެ ހިސާބަށް ކުއްޖާ ފުންމާލުމުން މޫދުގައި އޮތް މީހާ ކުއްޖާ ނަގައި ފަތަމުން ދަނިކޮށް އެ މީހާ ވެސް ވަރުބަލިވީ ކަމަށް އަކްރަމް ބުންޏެވެ. އަކްރަމް ބުނި ގޮތުގައި ކުއްޖާ ގޮވައިގެން އޮތް މީހާ އޭރު ދިޔައީ ވަރުބަލި ވެއްޖެ ކަމަށާއި ކުއްޖާ އަތުން ދޫވަނީ ކަމަށް ގޮވަމުން ދިޔަ ކަމަށެވެ. އޭރު އަކްރަމަށް އެ މީހުންނާ ދިހަ ވަަރަކަށް ފޫޓު ކައިރިއަށް ދެވިއްޖެ އެވެ.
"އަފީފް ވެސް، އޭނާ ބަލިވެއްޖެއޭ ކުއްޖާ ދޫވަމުންދާ ކަމަށްބުނެ އެހީއަށް އެދެމުން ދިޔައީ. އަޅުގަނޑު އަވަހަށް އެ ހިސާބަށް ގޮސްފައި ދެ މީހުން ގެނައީ،" އަކްރަމް ވިދާޅުވި އެވެ.
ކުއްޖާއަށް އަނިޔާއެއް ނުލިބެ ސަލާމަތްވި ނަމަވެސް އަފީފްގެ ހާލު ދެރަވުމުން އޭނާއަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.