އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އިއްޔެ ރާއްޖެއަށް ކުރެވި ދަތުރުފުޅަށް އިދިކޮޅު ކޯލިޝަނުން މަރުހަބާ ކިޔައިފި އެވެ.

އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން އެމެރިކާގެ އިސްނެގުމާ އެކު އުފައްދާފައިވާ "އިންޑޯ-ފެސިފިކް އެލަޔަންސް"ގެ ބައްދަލުވުމަކަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު ޕޮމްޕެއޯ އިއްޔެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ނެރުނު ބަޔާނުގައި ބުނީ އެމެރިކާއަކީ ރާއްޖޭގެ ތަރައްގީގައި ދުވަސް ވީ މިހިންމު ބައިވެރިއެއް ކަމަށާއި މި ދަތުރުގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިދިކޮޅުން ބުނި ގޮތުގައި އެ ކޯލިޝަނުން އުއްމީދުކުރަނީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތާއި ގައުމުގެ އިގްތިސޯދު މިހާރު އޮތް ހިސާބުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރެއްވި ކަމަށެވެ. މީގެ އިތުރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ކަން ފާހަގަކުރައްވައި އިދިކޮޅުން ބުނީ ގާނޫނާއި ޑިމޮކްރެސީގެ ހަމަތައް ހިފަހައްޓައި، ގައުމު ޑިމޮކްރެޓިކް އުސޫލުން ހިންގުމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ގެންދިޔަ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ދެ ޕާޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ވަރުގަދަކުރަން އިންވެސްޓްމަންޓާއި ވިޔަފާރީގެ މަގުން އެމެރިކާގެ އެހީ ބޭނުންވެ އެވެ.

މިދިއަ ދެ އަހަރު ނެގި ލޯންތަކުގެ ސަބަބުން ގައުމު މިހާރު އޮތީ ބަނގުރޫޓުވުމާ ކައިރީގަ އެވެ. ގައުމުގައި ކޮރަޕްޝަން ހުއްޓުވައި ހަރަދުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރަށް ކޮރަޕްޝަން ހުއްޓުވައި ދެ ފުށް ފެންނަ ގޮތަށް ސަރުކާރު ހިންގަން އެމެރިކާގެ އެހީ ބޭނުންވާކަން އިދިކޮޅުން ފާހަގަކުރި އެވެ. ދެ ޕާޓީން ބުނީ ގައުމުގެ ކަންކަން ރަނގަޅުކޮށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ކުރަން ޖެހޭ މަޝްވަރާތަކާއި މަސައްކަތަށް ކޯލިޝަނުން އޮތީ ތައްޔާރަށް ކަމަށެވެ.