އިންޑިއާގެ މަދްޔަޕްރަދޭޝްގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިނުކުރާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިންދޫންގެ ދީނީ ހަފުލާއެއް ފާހަގަކުރަން ހިންގި ހަރަކާތެއްގައި އެ ސަރަހައްދުގެ މިސްކިތްތަކުގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް އުނދަގޫކޮށް، ހިންގި ހަމަނުޖެހުމުގައި މުސްލިމުން ބައިވެރިވި ކަމަށް ތުހުމަތުކޮށް ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ދެކޮޅަށް އިންޑިއާ ސަރުކާރުން މުސްލިމުންނާ ދެކޮޅު ލާއިންސާނީ އަމަލު ހިންގަމުންދާ ކަމަށެވެ. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.
މުސްލިމުންނަށް އަނިޔާކޮށް، މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑައި ގެއްލުން ދިނުމަށް ހިންދޫ ޖަމާއަތްތަކުން ހިންގާ ކަންތައްތަކަށް އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ އެކަންކަން ކުރަން ހިތްވަރު ދެމުންދާ ކަމަށް ކޯލިޝަންގެ ބަޔާނުގައިވެ އެވެ.
ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް މުސްލިމުންގެ ގެދޮރު ވެސް ފުލުހުން ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. ސަރަހައްދީ ސަރުކާރުން ބުނެފައި ވަނީ އެއީ ހަމަނުޖެހުންތަކުގައި ބައިވެރިވުމުގެ އަދަބެއް ކަމަށެވެ.
އެހެންވެ، އެކަން ކުށްވެރިކޮށް ބޭރުގެ ފަރާތްތަކުގެ ސަމާލުކަމަށް އެ އަނިޔާވެރި އަމަލުތައް ގެނެސްދިނުމަށް ގޮވާލާފައިވެ އެވެ.
"މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތަކެއް އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާއިރު މިކަންކަމާ ދެކޮޅަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުން އެއީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގެ ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ވީމާ، މި އަމަލުތަކާ ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލުމާ އެކު ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމުގައި ދިވެހި ސަރުކާރު އިސް ނެގުމަށް ވެސް މި ކޯލިޝަންގެ ފަރާތުން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
އިންޑިއާގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު މި ފަހުން އުފެނު ހަމަނުޖެހުމުގައި މުސްލިމުންގެ ގެދޮރާއި ފިހަރާތަކަށް ގެއްލުން ދީ މުސްލިމުންނަށް ޖިސްމާނީ ގޮތުން ވެސް ގެންދަނީ އަނިޔާކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ މަދިޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ސިންގް ޗޫހާން، ހަރުކަށި ހިންދޫންގެ ވޯޓުގެ ބޭނުމުގައި އޭނާގެ ތާއީދާ އެކު ހިންގާ އަމަލުތަކެކެވެ.
އިންޑިއާ އާއި ރާއްޖޭގެ ސަރުކާރާ ދެމެދު އަޑި ނޭނގޭ އެއްބަސްވުންތައް ހަދާ ކަމަށާއި އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދިވެހި ސަރުކާރުން އަޅާނުލާ ކަމުގެ ކަންބޮޑުވުން އިދިކޮޅުން އަބަދުވެސް ފާޅުކުރެ އެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ކަމަށާއި އެކަމުން ރާއްޖެއަށް ނުރައްކާ ބޮޑު ކަމަށް ބުނެ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި ކެމްޕޭނެއް ވެސް އަންނަނީ ހިންގަމުންނެވެ.