ދަނާލުގައި، އެކުގައި ކިޔަވަން އުޅުނު ދަރިވަރުންތަކެއް ބޭއްވި އެވޯޑު ހަފުލާއެއްގައި އަލީ ރަވާއުއަށް ލިބުނީ އެންމެ އަޑުގަދަ އެލާމްގެ އެވޯޑެވެ. ފަތިހު ހޭލަން އޭނާގެ ފޯނުގެ އެލާމަށް ލާފައި އިންނަނީ ވަރަށް ބާރަށް ހާ ގޮވާ އަޑެވެ. އޭނާއަށް ނުހޭލެވުނަސް އެ އެލާމުގެ އަޑަށް ދަނާލުގެ އެހެން ދަރިވަރުންނަށް ހޭލެވެ އެވެ. ރަވާއު ކައްކާ ބައެއް ދުވަސްތަކުގައި ތެލި ބޭނުން ނުކުރެވޭ ވަރަށް އެނދިޔަސް އެންމެ ގިނައިން ގަރުދިޔަ ކެއްކުމުގެ އެވޯޑު ހޯދީ އެހެން މީހެކެވެ. 

"އެހާ އަޑުގަދަ އެލާމުން އަޅުގަނޑަކަށް ނުހޭލެވޭ. އެހެން ކުދިންނަށް ހޭލެވެނީ." ރަވާއު ބުންޏެވެ.

މި ތަޖުރިބާ އޭނާ ކިޔައިދިނީ ދިރާގާ އެކު މިހާރު ބަދިގޭގައި މިންސްޑް ބީފް ޕިން ވީލް ތައްޔާރުކޮށްދެމުންނެވެ. 

އަލީ ރަވާއު، ބީފް ޕިން ވީލް ހަދަނީ
އަލީ ރަވާއު، ބީފް ޕިން ވީލް ހަދަނީ
އަޅުގަނޑުގެ އަބަދުވެސް ހުވަފެނެއް ވަރަށް ތަފާތު ކަމެއް ކުރަން. ޔުނީކްވާން. ބޭނުން ވަނީ އަޅުގަނޑު މަރުވުމަށް ފަހު ވެސް މީހުން ހަނދާންވާނެ ކަމެއް ކުރަން. އެކަހަލަ ކަމެއް ސޮސައިޓީއަށް ނަމަވެސް ކޮށްލެވިއްޖިއްޔާ ވަރަށް އުފާވާނެ.
އަލީ ރަވާއު

ސޯޝަލްމީޑިއާގައި އޭނާ ކޮންޓެންޓް ހަދަން ފެށީ ދަނާލުގައި ތަޖުރިބާކުރި ކަންކަމަށެވެ. އަސްލު ނަން ގިނަ ބަޔަކަށް ނޭނގި އޭނާ މަގްބޫލީ "ދަނާލް ލައިފް"ގެ ނަމުންނެވެ.

"ހިއެއް ނުކުރަން އެއްވެސް ވަރަކަށް ވައިރަލްވާނެ ކަމަކަށް. އެކަމަކު ފުރަތަމަ ވީޑިއޯއަށް ވެސް ވަރަށް ގިނައިން ވިއުސް އާއި ލައިކްސް ލިބުނު. ދަނާލް ޖަހައިގެން އުޅުނީ ހަމައެކަނި ހަދާނީ ދަނާލްގެ ވީޑިއޯތައް ކަމަށް ބަލައިގެން. ފަހުން ފަހުން ގޮސް އެހެން ކަހަލަ ވީޑިއޯތައް ވެސް ހަދާ ހިތްވީ،" ރަވާއު ބުންޏެވެ.

މިންސްޑް ބީފް ޕިން ވީލް 

ބޭނުންވާ ތަކެތި:

500 ގްރާމް ގެރިމަސް (ކުދިކޮށް ކޮށާފައި)

1 ފިޔާ 

1 ޓޮމާޓޯ

1 ކެޕްސިކަމް

ޕެޕްރިކާ 

ލޮނު 

އަސޭމިރުސް

ސެވަން ސްޕައިސް 

ޕަފް ޕޭސްޓްރީ ޝީޓް

މޮޒެރެއްލާ ޗީޒް (ގާނާފައި)

2 ބިސް (ޕޭސްޓްރީގައި އުނގުޅުމަށް)

ތައްޔާރުކުރާނެ ގޮތް

ބޯތައްޓެއްގެ ތެރެއަށް ގެރިމަހާއި ކޮށާފައި ހުރި ފިޔަ އާއި ޓޮމާޓޯ އާއި ކެޕްސިކަމް އާއި ޕެޕްރިކާއި ލޮނާއި އަސޭމިރުސް އަދި ސެވަން ސްޕައިސް ކޮޅެއް އަޅައި އެއްކޮށްލާށެވެ.

ރަނގަޅަށް މޮޑެވުމުން ޕަފް ޕޭސްޓްރީ ޝީޓް މަތީގައި މަސްގަނޑު ރީއްޗަށް ފަތުރާލާށެވެ. މައްޗަށް ޗީޒް ބުރުވާލާށެވެ.

ޕޭސްޓްރީ ޝީޓް ރަނގަޅަށް އޮޅާލުމަށް ފަހު ބައިބަޔަށް ބުރިކޮށްލާށެވެ. ދެން މަތީގައި ބިސް އުނގުޅާލައި މުށިކުލަ އަރަންދެން ފިހެލާށެވެ. 

ރަވާއު ބުނި ގޮތުގައި ކިޔެވުމުގެ ތެރޭގައި ދަނާލެއްގައި އުޅުމުގެ ތަޖުރިބާކޮށްލަން ޖެހެ އެވެ. ކޮންމެ މީހަކު ވެސް އަމިއްލައަށް ކަންކަން ކުރަން ދަސްވެ ވަރަށް ގިނަ ކަންކަމަށް ލޯ ހުޅުވޭކަން ފާހަގަކުރި އެވެ.

"އެއް އުމުރެއްގެ ވަރަށް ގިނަ ކުދިން އުޅޭ އިމާރާތެއްގައި އުޅުނީމަ ވަރަށް ތަފާތު އެކްސްޕީރިއަންސަކަށް ވޭ. ގޯސްކަންތައްތަކާއި ރަނގަޅު ކަންތައްތައް ވެސް ހުންނާނެ." 

އަމިއްލަ ޝައުގުވެރިކަމުގައި ކޮންޓެންޓް ހަދާއިރު ކޮންމެ ވީޑިއޯއަކަށް ގާތްގަނޑަކަށް 6-8 ގަޑިއިރު ހޭދަވާ ކަމަށް އަލީ ރަވާއު ބުންޏެވެ. ގިނަ ވިޑިއޯތައް ހަދަނީ އަމިއްލަ އަށް ތަޖުރިބާ ކުރެވޭ ކަންކަމަށެވެ. ދަނާލު ލައިފުން ބޭރުވެ މިހާރު އޭނާ އަންނަނީ މުޖުތަމައުގައި ހުންނަ ހައްލުކުރަން ޖެހޭ މައްސަލަތަކަށް ވެސް ކޮންޓެންޓް ހަދަމުންނެވެ. 

ރަވާއު ބުނި ގޮތުގައި ކޮންޓެންޓް ކްރިއޭޓް ކުރުމަކީ ރާއްޖޭގައި އެކަށީގެންވާ އާމްދަނީ ލިބޭ ކަމަކަށް ނުވިޔަސް ވީޑިއޯގައި ދޭ މެސެޖު ގިނަ ބަޔަކަށް ކަމުގޮސްފި ނަމަ ހިތްހަމަޖެހެ އެވެ. 

"އަޅުގަނޑުގެ އަބަދުވެސް ހުވަފެނެއް ވަރަށް ތަފާތު ކަމެއްކުރަން. ޔޫނީކްވާން. ބޭނުން ވަނީ އަޅުގަނޑު މަރުވުމަށް ފަހު ވެސް މީހުން ހަނދާންވާނެ ކަމެއް ކުރަން. އެކަހަލަ ކަމެއް ސޮސައިޓީއަށް ނަމަވެސް ކޮށްލެވިއްޖިއްޔާ ވަރަށް އުފާވާނެ."