އިންގްރިޑިއެންޓްސް ދީފައި މަދު ވަގުތުކޮޅެއްގެ ތެރޭގައި ރެސިޕީއެއް ތައްޔާރުކުރަން ހަވާލުކޮށްފި ނަމަ އޭގެއިން މީރު ރަހައެއް ނެރެދެ އެވެ. ކެއްކުމަކީ އެހާ ވެސް އަބްދުލްމުމީތު (ޝެފް މުމީތުގެ) ހިތާ ގުޅިފައި އޮތް ކަމެކެވެ. 

އޭނާއަށް އަބަދުވެސް އެންމެ މީރީ މަންމަގެ ކެއުންތަކެވެ. ސްކޫލް ނިންމައި ޑެސްކް ޖޮބަކަށް ވަދެ ހަމަޖެހިލިއިރު އެއީ ކުރިއަށް ދާން ބޭނުންވާ ދާއިރާކަން އަބްދުލްމުމީތު (ޝެފް މުމީތު)އަށް ޔަގީނެއް ނޫނެވެ. އެ ވަޒީފާގައި އުޅެމުން ކަލިނަރީ ކޯހެއް ހަދަން ފެށީ އެހެންވެ އެވެ. އެ ހިސާބުން އޭނާގެ މިސްރާބު ކަމުގައި ކަނޑައެޅީ މި ދާއިރާ އެވެ.

ދިރާގާ އެކު މިހާރު ބަދިގެ އިން މިއަދު ކުކީސް އެންޑް ކްރީމް ޕައިގެ ރަހަ ހެޔޮވަރުކޮށްލާނީ ޝެފް މުމީތާ އެކުގަ އެވެ. އޭނާއަކީ މިހާރު މި ދާއިރާގައި އެންމެ ކުރީގައި އުޅޭ ޒުވާން އެއް ޝެފެވެ. އެތައް ރަހަތަކެއް އުފައްދަން އޭނާ ތަޖުރިބާތައްކޮށް އަމިއްލަ ރެސިޕީތަކެއް ވެސް ހަދައިފި އެވެ. 

ކެއްކުމަށް އޮތް ޝައުގުވެރިކަމުގައި މުމީތު ވަނީ ގިނަ ބަޔަކަށް ކަމުދިޔަ ކެއްކުމުގެ ވަރަށް ގިނަ ޝޯތައް ވެސް ހުށަހަޅައިދީފަ އެވެ. އޭނާ މިހާރު އަންނަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގައި މި ދާއިރާ އިން ދަރިވަރުންނަށް ކިޔަވައި ވެސް ދެމުންނެވެ.

ކުކީޒް އެންޑް ކްރީމް ޕައި 

ބޭނުންވާ ތަކެތި 

 

އޯރިއޯ ބިސްކޯދު (ކްރީމާއި ބިސްކޯދު ވަކިކޮށްފައި)

އޯރިއޯ ބިސްކޯދު (މުގުރާފައި)

2 މޭޒުމަތީ ސަމްސާ ބަޓަރު (މެލްޓްކޮށްފައި)

240 އެމްއެލް ވިޕިން ކްރީމް 

200 ގްރާމް ގެރިކިރު 

2/1 ސައި ސަމްސާ ވެނީލާ އެސެންސް 

 

ތައްޔާރުކުރާނެ ގޮތް 

ބިސްކޯދާއި ކްރީމްކޮޅު ވަކިކޮށްލާށެވެ. ކްރީމްކޮޅު ވަކިން ބަހައްޓާފައި ބިސްކޯދުތައް ކޮތަޅަކަށް އަޅައި މުގުރާލާށެވެ.

ރޯލިން ޕިންއެއް ބޭނުންކޮށްގެން އޯރިއޯތައް ކުދިކުދިވަންދެން ތަޅާލާށެވެ. ބޭނުން ނަމަ ފުޑް ޕްރޮސެސާ ވެސް ބޭނުންކޮށްލެވިދާނެ އެވެ. 

އެ ބިސްކޯދުތައް ބަޓަރާއެކު ރަނގަޅަށް އެއްކޮށްލާށެވެ. 

ކަޕްކޭކް ތަށިތައް ޓްރޭގައި އަތުރާލުމަށް ފަހު ކުދިކުރި ބިސްކޯދުތައް އެއްވަރަކަށް އަޅާލާށެވެ. ފިއްތާލައި އެއްވަރުކޮށްލަން ވާނެ އެވެ. 

ވަކިން ތައްޓެއްގައި ބިސްކޯދުން ވަކިކުރި ކްރީމްކޮޅާއި ވިޕިން ކްރީމާއި ގެރިކިރާއި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބިސްކޯދުތައް މަޑުމަޑުން އޭގެތެރެއަށް އެއްކޮށްލާނީ އެވެ. މިބައި އަޅާނީ ކުރިން ތައްޔާރުކުރި ކަޕްކޭކު ތަށިތަކުގެ ތެރެއަށެވެ. 

އައިސްކްރީމަށް ބަދަލުވާނީ ގާތްގަނޑަކަށް 4 ގަޑިއިރުންނެވެ. އެހާއިރު ވަންދެން ފްރިޖުގައި ބަހައްޓާށެވެ. 

މުމީތު ބުނި ގޮތުގައި މި ދާއިރާ އިން ކުރިއަށް ދާން ބޭނުން ނަމަ ވަރަށް ގިނަ ފުރުސަތުތައް ހުޅުވެ އެވެ. 

"ކިޔެވިއިރު ހީކުރި ވަރަށް ވުރެ ވެސް މާ ބައިވަރު ފުރުސަތުތައް އެބަހުރި މި ދާއިރާގައި. އެއްކަމަކީ އަޅުގަނޑު ކިޔެވި ތަނުގައި އެހެން ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް މިހާރު އެބަކުރެވޭ." 

މުމީތު މި ދާއިރާ އިން އެންމެ ދާން ބޭނުންވާ ހިސާބު އަދިވެސް އޮތީ އެވެ. އެއީ އޭނާގެ ރަހަތައް އާއްމުންނަށް މެދުކެނޑުމެއް ނެތި ލިބޭނެ ގޮތް ހެދުމެވެ. އޯޑަރުކޮށްގެން ގިނައިން މިހާރު ޑެލިވަރީކޮށްދެނީ ގިނައިން ފޮނި ކާއެއްޗެއްސެވެ. އެ ނޫން ރެސިޕީތައް ވެސް އާއްމުންނަށް ފޯރުކޮށްދޭން އޭނާ ބޭނުންވެ އެވެ. ދެން އޮތީ އެ ހިސާބަށް ދާން ކުރާ އުއްމީދު ހަގީގަތަކަށް ހެދުމެވެ.