ނިއު ދިއްލީ (ޖުލައި 12) - ގެރި ކަތިލުމަކީ މަނާކަމެއް ކަމަށް އިންޑިއާ ސަރުކާރުން ފާސްކުރި ގާނޫނު އެ ގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.

ގެރި އާއި ޖަމަލު ފަދަ ޖަނަވާރުތައް ކަތިލުން މަނާކުރި ސަބަބެއް ކަމަށް އިންޑިއާ އިން ބުނެފައި ވަނީ އެ ތަކެތީގެ ގަވާއިދާ ޚިލާފު ވިޔަފާރި ހުއްޓުވުމެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނެފައި ވަނީ ގެރި ކަތިލުން މަނާކޮށްފި ނަމަ އެއްގަމު މަހުގެ ބާޒާރަށާއި ލެދަރު އިންޑަސްޓްރީ އަށް އަސަރު ކުރާނެ ކަމަށެވެ. މި އިންޑަސްޓްރީތަކުގެ ކުރީގައި ތިބީ އިންޑިއާގެ މުސްލިމުންނެވެ.

އިންޑިއާ އަކީ ދުނިޔޭގައި ގެރި މަހުގެ އެންމެ ބޮޑު އެކްސްޕޯޓް މާކެޓް އޮތް ގައުމެވެ. އެ ގައުމުން އަހަރަކު ހަތަރު ބިލިއަން ޑޮލަރުގެ ގެރި މަސް އެކްސްޕޯޓް ކުރެ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ އަމުރު އައުމުގެ ކުރިން ދެކުނުގެ ޓަމިލް ނާޑޫ ސްޓޭޓުން ވެސް ވަނީ ވަގުތީ އަމުރެއްގެ ދަށުން މި ގާނޫނު މެއި މަހު ހުއްޓުވައިފަ އެވެ. އިންޑިއާގެ އެންމެ މަތީ ކޯޓުން ބުނެފައި މެޑްރާސް ހައި ކޯޓުގެ އަމުރު ދެމި އޮންނާނެ ކަމަށާއި އެ އަމަރު ގައުމުގެ ހުރިހާ ހިސާބަކަށް ވެސް ހިނގާނެ ކަމަށެވެ.

މި ގާނޫނަށް ބަދަލުތަކެއް ގެނެސް އިންޑިއާ ސަރުކާރުން އަލުން ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މުސްލިމް އޯލް އިންޑިއާ ޖަމިއަތުލް ގުރޭޝް އެކްޝް ކޮމިޓީގެ ޗެއާމަން އަބްދުލް ފަހީމް ގުރޭޝީ ވިދާޅުވީ މިއީ ކާމިޔާބީއެއް ކަމަށެވެ.

ހިންދޫންގެ ބީޖޭޕީ 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން ގެރި ކަތިލުން މަނާކުރަން ކުރަމުންދާ މަސައްކަތަށް ވަރަށް ގިނަ ސްޓޭޓްތަކުން ދަނީ ތަބާވަމުންނެވެ. ހުޅަނގުގެ ގުޖުރާތު ސްޓޭޓުން މާޗު މަހު ވަނީ ގެރި ކަތިލުމަކީ އުމުރަށް ޖަލަށްލާވަރުގެ ކުށެއް ކަމަށް ފާސްކޮށްފަ އެވެ. ނަމަވެސް އިރުމަތީގެ ވެސްޓް ބެންގާލް އާއި ދެކުނުގެ ކެރަލާ ސްޓޭޓުން ވަނީ ގެރި ކަތިލުން މަނާކުރާ އަމުރާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އެ ދެ ސްޓޭޓުގެ ކެއުންތަކުގައި އާއްމު ގޮތެއްގައި ގެރި މަސް ބޭނުން ކުރެ އެވެ. ގެރިކަތިލުން މަނާކުރުމާ ދެކޮޅު ހަދާ ސްޓޭޓްތަކުގެ ތެރޭގައި ދެކުނުގެ ކަރްނާޓަކާ އާއި ޓެލެންގާނާ، އިރު އުތުރުގެ މެގަލަޔާ ހިމެނެ އެވެ. އަދި ޕޮންޑިޗަރީން ވެސް ވަނީ ގެރި ކަތިލުން މަނާކުރާ އަމުރާ ދެކޮޅު ހަދަން ރަސްމީކޮށް ނިންމައިފަ އެވެ.

ގައުމުގެ އެއްވެސް ހިސާބެއްގައި ގެރި ކަތިލުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް އިންޑިއާގެ ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅި ޕެޓިޝަން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.