ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނެގީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ދައުލަތުން ނިންމައިފި އެވެ.
މިދިޔަ މަހު ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ނަގާފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމީ އެ އަމުރު ގޯސް ކަމަށެވެ. އެއީ ފުލުހުން އަމުރަށް އެދުމާއި އަމުރު ނެރުމުގައި ގާނޫނީ ގޮތުން ގޯސްތަކެއް ހަދާފައިވާތީ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމީ ހައި ކޯޓުގެ ހުކުމް އޮތްގޮތުން، ބެނާ އަތުލަން އާ އަމުރަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
ހައި ކޯޓުން ފާހަގަކުރި މައިގަނޑު މައްސަލަތައް
- އަމުރު ނެރެދިން ސަބަބެއް ކޯޓު އަމުރުގައި އެނގެން ނެތުން
- ދޫވެއްސަށް ނުވަދެ ބެނާ ނެގެން އޮއްވާ އެގެއަށް ވަންނަން އަމުރެއް ހޯދުން
- ބެނާއެއް ހަރުކުރުމުން އާންމު މަސްލަހަތަށް ގެއްލުންވާ ގޮތެއް ބުނެ ނުދެވުން
އެހެން ނަމަވެސް އެ އަމުރަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތެއް ނެރުނު އަމުރެއް ކަމަށް ނިންމެން ނެތް ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ނުވަތަ ނޫންކަމުގެ މައްޗަށް ގޮތެއް ނިންމެން މި ވަގުތު ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.