ރިޔާސީ ލޯންޗުކޮޅުގައި ކުރިމަތިވި ގޮވުމަކީ ގޭސް ލީކެއްގެ ސަބަބުން ހިނގި އެކްސިޑެންޓެއް ކަމަށް އެމެރިކާގެ އިތުރުން ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރުން ބުރަވާ އިރު ލަންކާ ޓީމުގެ ނިންމުންތައް ތަފާތެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހުޅުލޭ އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު މާލޭ ފަޅަށް ވަދެ، ރަސްމީ ފާލަމާ ކައިރި ކުރަނިކޮށް، އޭގައި އެއްޗެއް ގޮވި އެވެ. އެއީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އަޑީގައި ހުންނަވައިގެން ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ތަހުގީގުން ނިންމައި އެ މައްސަލައިގައި އަދީބު ވަނީ ޖަލަށް ލާފަ އެވެ.
ލޯންޗުކޮޅުގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލި ކަމަށް ނިންމީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން އެކުލަވާލި ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ސްރީ ލަންކާ އާއި ސައުދީގެ ފޮރެންސިކް ތަޖުރިބާކާރުންގެ ނިންމުންތަކަށް ވެސް ބެލުމަށް ފަހު އެވެ. އެހެން ބުނެފައި ވަނިކޮށް، އެމެރިކާގެ އެފްބީއައިން ވަނީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމުގެ ހެއްކެއް ނެތް ކަމަށް، ފޮރެންސިކް ތަހުލީލުތަކަކަށް ފަހު ބުނެފަ އެވެ.
އެ ފަރާތްތަކުގެ ރިޕޯޓު މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ. އެކަމަކު، ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީއާ އެކު އާއްމުކުރި ލިޔެކިއުންތަކުގެ ތެރޭގައި އެމެރިކާ އާއި ލަންކާ އަދި ސައުދީގެ ތަޖުރިބާކާރުންގެ ރިޕޯޓު ވެސް ވަނީ ހިމަނާފަ އެވެ.
އެފްބީއައި އަށް ފެނުނީ ސާފުކުރާ ކެމިކަލެއްގެ އަސަރު
ތިން ރިޕޯޓުން އެނގޭ ގޮތުގައި އެންމެ ތަފްސީލީ ތަހުލީލުތަކެއް ކުރީ އެެފްބީއައި އިންނެވެ. ލޯންޗުކޮޅުގައި ހިނގި ގޮވުމުގައި ގެއްލުން ލިބުނު ތަންތަނުގެ އެތިއެތިކޮޅާއި އެ ތަނުން ނެގި ދަގަނޑު ކޮޅުކޮޅާއި އިސްކުރާއި ކަރަންޓު ނަރުގެ އިތުރުން "ބޮޑީގާޑަކު ލައިގެން ތިބި ގަމީހާއި ފަޓުލޫނު" ހިމެނޭ ގޮތަށް ޖުމްލަ 25 ސާމްޕަލް އެފްބީއައިގެ ލެބޯޓަރީ އަށް ގެންގޮސް، ތަހުލީލުކުރި އެވެ.
އޭގެ ތެރެއިން، ކެމިކަލަށް ޓެސްޓުކުރީ 20 އެއްޗެކެވެ. އޭގެ ތެރޭގައި ހިމެނޭ ހެކި ހޯދި މީހުންގެ ގައިން ނެގި ސާމްޕަލްތަކާއި އޭސީގެ ކޮމްޕްރެސަރު އަދި ރޭޑިއޭޓަރުގެ ސާމްޕަލްތަކާއި ކައްޕި ހުންނަ ތަނުގެ ތެރެއިން ނެގި ސާމްޕަލްތަކުން އާރުޑީއެކްސް ވެސް ހިމެނޭ ގޮތަށް، ގޮވާއެއްޗެއްގެ އެއްވެސް އަސަރެއް ނުފެނުނެވެ. ދިވެހި ފުލުހުން ނަގައި އެފްބީއައިއާ ހަވާލުކުރި ތަކެތި (ކައްޕި ހުންނަ ތަނުގެ ސީލިންގު އަދި އިން ވަކިކުރަން ޖަހާފައި ހުރި ފިލާގަނޑުގެ ސާމްޕަލާއި ދެ ޕްލާސްޓިކު ފުޅި އާއި ބޮޑީގާޑުގެ ހެދުން) އިން ވެސް އެފަދަ އެއްވެސް އަސަރެއް ނުފެނުނެވެ. އެކަމަކު، ޓެސްޓު ކުރި ޓިޝޫ ކޮޅުތަކެއްގައި "އިސޮޕްރޮޕައިލް އަލްކޮހޯލް" ކިޔާ ކެމިކަލެއްގެ އަސަރު ހުއްޓެވެ. އެއީ، އެފްބީއައިން ބުނި ގޮތުގައި، ސާފުކުރަން ބޭނުން ކުރާ އެއްޗެހީގައި އާއްމުކޮށް ހުންނަ، ހުޅު ހިފާ ޒާތުގެ މާއްދާއެކެވެ.
ތަހުލީލުކުރަން ދެން ގެންގޮސްފައި ހުރީ އައިޑީއެއްގެ އެއްޗެއްސެއް ނޫން ކަމަށާއި އެއީ ބޯޓުގެ އެއްޗެހި ކަމަށް އެފްބީއައިން ނިންމި އެވެ. އޭގެ ތެރޭގައި ހިމެނޭ ކަރަންޓް ނަރުތަކަށް، ގޮވުމެއްގެ ކައިރީގައި ހުންނަ އެއްޗަކަށް ލިބޭނެ ވަރުގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެފްބީއައިން ބުންޏެވެ. ގޮވުމަކުން ލިބޭނެ ގެއްލުންތައް ފެންނަން ހުރީ، އެފްބީއައިން ބުނި ގޮތުގައި، އޭސީ ޔުނިޓުގެ އެއްޗެހިންނެވެ.
އެ ތަހުލީލުތަކުގެ އިތުރަށް، ގޮވާތަކެއްޗާ ބެހޭ އެފްބީއައިގެ ތަޖުރިބާކާރުން ގޮވި ތަން ބެލުމަށް ފަހު އެކުލަވާލި ރިޕޯޓުގައިވާ ގޮތުން، ގޮވުން ކުރިމަތިވީ ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިށީނދެވަޑައިގެން އިންނެވި ގޮނޑިކޮޅާ ސީދާ ފަހަތުންނެވެ. އެެތެރޭގެ އެ ގޮނޑިކޮޅާއި ޑެކުގެ ބާކީ އޮތް ބައި ވަކިކުރަން ފިލާގަނޑެއް ޖަހާފައި ހުންނައިރު، ގޮވީ އެ ފިލާގަނޑުގެ ފުރަގަހުގައި ހުންނަ ކައްޕި އަށް ހާއްސަ ގޮނޑިއެއްގެ އަޑީގައި ހަރުކޮށްފައިވާ ހުރި އޭސީ ޔުނިޓު ތެރެއިންނެވެ. އޭސީ ޔުނިޓް ހުންނަ ތަނުން ގުޑައި މައްޗަށް އަރާފައި ވާއިރު، ބްލޯވާ މޯޓަރާއި އެގްހޯސްޓް ހޮޅި ވަނީ އެއްކޮށް ހަލާކުވެފަ އެވެ. އަދި އިން ވަކިކުރަން ޖަހާފައި ހުރި ފިލާގަނޑުގެ ބުޑުން ފެށިގެން މަތީކޮޅަށް ވަރަށް ބޮޑު ރެނދެއް އަޅާފައި ހުއްޓެވެ.
އޭސީ ޔުނިޓު ލާފައިވާ ގޮނޑީގެ އަޑިން ތައްޓު މަތިން ގެއްލުން ލިބިފައި ވަނީ، ފޮޓޯ ވެސް ހިމަނާފައިވާ އެފްބީއައިގެ ރިޕޯޓުގައިވާ ގޮތުން، ނުވަ އިންޗި ދިގު އަދި 10 އިންޗި ފުޅާ ސަރަހައްދަކަށެވެ. އެ ތަނާ ދިމާ ތިރިން، އަޑީ ބައިގައި ހުންނަ ލޯންޗުކޮޅުގެ ބަދިގޭގެ ސީލިންގާ ދޭތެރޭ އެންމެ ދެ އިންޗި ހުއްޓަސް، ސީލިންގަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ބަދިގެ ހުންނަ ޑެކުގައި ލިބިފައި ހުރި ގެއްލުމަކީ ބަދިގޭގައި އެއްޗެހި އަޅަން ހަރުކޮށްފައި ހުރި ލަކުޑި ކެބިނެޓެއްގެ ފިލާކޮޅެއް ބިނދިފައި ވުމާއި އެ ތަނުގެ ފާހާނާއިގައި ހުރި މޫނުބަލާ ލޯގަނޑު ތަޅައިގެން ގޮސްފައި ވުމެވެ.
"ގޮވި ތަނުގެ ފޮރެންސިކް ތަހުލީލުތަކާއި ހޯދުނު ހެއްކާއި ކެމިކަލްގެ އަސަރު ހުރިތޯ ބަލަން ކުރި ޓެސްޓުތަކަށް ބިނާކޮށް، ލޯންޗުކޮޅުގައި ގޮވުމެއް ކުރިމަތިވީ އައިއީޑީއެއްގެ ސަބަބުން ކަމަށް ނިންމޭ ވަރުގެ ސާބިތު ހެއްކެއް ނެތެވެ،" މިދިޔަ އޮކްޓޯބަރު 28 ގައި ދިވެހި ސަރުކާރާ ހަވާލު ކުރި ރިޕޯޓުގައިވެ އެވެ.
އެފްބީއައިން ވަނީ އެހެން ތިއަރީއެއް ދީފަ އެެވެ. އެއީ ފިއުއަލް އެއާ އެކްސްޕޯޝަން (އެފްއޭއީ) އެވެ. އެފަދަ ގޮވުންތަކުގައި ހުޅު ހިފާ ޒާތުގެ ނުވަތަ އެފަދަ ގޭހެއް ބޭރުކުރާ ކެމިކަލެއް ވައިގެ ތެރޭގައި ހުންނަ އޮކްސިޖަންއާ އެކުވެ، ކަރަންޓުގެ ކިރިޔާ ވެސް އަސަރެއް ކޮށްފި ނަމަ އެ އެއްޗެއް ގޮވަނީ އެވެ. މެޝިނެއް ނުވަތަ އޭސީއެއް ކަހަލަ އެއްޗެއްގެ ހޫނު ގަދަވެފައި ހުންނަ ދަނޑިވަޅެއްގައި އެފަދަ ކެމިކަލެއް ބޭރުވިޔަސް މިފަދަ ގޮވުމެއް ކުރިމަތިވެދާނެ އެވެ.
އެފްބީއައި އާއި ސައުދީގެ ނިންމުން ދާދި އެއްގޮތް
ސަރުކާރާ ގުޅުން ބޮޑު ސައުދީން ފޮނުވި ތަޖުރިބާކާރުން ދެކޭ ގޮތުގައި ލޯންޗުކޮޅުގައި ކުރިމަތިވި ގޮވުމަކީ، "ބޮޑަށް ބެލެވޭ ގޮތުގައި"، އޭސީން ގޭސް ލީކުވެ، އޭސީ ޔުނިޓު ތެރޭގައި ހުރި ތެލާއި އެ ނޫން ވެސް ނުސާފު އެއްޗެއްސާ އެއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެކެވެ. ކެމިކަލް ރިއެކްޝަން ގޮވުމަކަށް ބަދަލުވީ އޭސީގެ ބުރަފަތީގެ ޑައިނަމޯ އިން ބޭރުވި ކަރަންޓު ޖެހުމުންނެވެ.
އެކަމަކު ސައުދީން ތަހުލީލުކުރި ހަތަރު ސާމްޕަލްގެ ތެރެއިން އެކަތީގައި ގޮވާތަކެތީގެ ބާވަތެއް ކަމަށްވާ އާރުޑީއެކްސްގެ އަސަރު ކޮންމެވެސް ވަރަކަށް ހުއްޓެވެ. އެކަމަކު ގޮވި ތަނާއި ގޮވުމުގެ ބާރު މިނާއި ލިބުނު ގެއްލުންތަކަށް ބެލުމަށް ފަހު، ސައުދީން ނިންމީ "ގޮވާތަކެތީގެ ސަބަބުން ކުރިމަތިވި ގޮވުމެއް ކަމަށް ބުނާނެ ގޮތެއް ސާފު ނުވާ" ކަމަށެވެ. އެެހެންވެ، ބާރުގަދަ ގޮވާ އެއްޗެއް ކަމަށްވާ އާރުޑީއެކްސްގެ އަސަރު އެއް ސާމްޕަލުން ފެނުނީ، ސައުދީން ބުނި ގޮތުގައި، ގޮވި ތަނުން ސާމްޕަލް ނަގަން އެހެން ގައުމުތަކުގެ ތަޖުރިބާކާރުން ބޭނުންކުރި އާލާތްތައް "ތަޣައްޔަރުވެފައި" ހުރުމުން ނުވަތަ ބޮން ހަދަން ބޭނުން ކުރި އާރުޑީއެކްސްގެ މިންވަރު މަދުކަމުންނެވެ.
އާރުޑީއެކްސް ފެނުމާ އެކު ސައުދީން ބޭނުންވީ ބޮމެއް ގޮއްވާލިތޯ ޔަގީންކުރަން އިތުރު ތަހުލީލުތައް ކޮށް، ބޮމެއްގެ އެތިކޮޅެއް ފެނޭތޯ ބަލާށެވެ. އެކަމަކު، ސައުދީގެ ތަޖުރިބާކާރުންނަށް އެފަދަ އެއްޗެހި ހޯދަން "ބަލަން ޖެހޭ ގޮތަށް" ބެލުމުގެ ފުރުސަތެއް ނުލިބުނެވެ. އެއީ "އެހެން ގައުމުތަކުން އައި ތަހުގީގު ޓީމުތަކަށް އެ ތަން ބަލަން ފުރުސަތު ދޭން، އެ ތަން އޮތް ގޮތަށް ބާއްވަން ރާއްޖޭން ބޭނުންވީމަ" އެވެ.
އާރުޑީއެކްސްގެ އަސަރު ފެނުނު ކަމަށް ސައުދީން ބުނި ފަހުން، ހިބަޅިދޫން ހޯދި ހަތިޔާރުތަކުގެ ތެރޭގައި އާރުޑީއެކްސް ހިމެނޭ އެއްޗެއް ފެނުނު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ލަންކާ އިން ބެލީ ފެނުނު އެއްޗަކަށް، ގޮއްވާލީ ޓީއެންޓީން
ލަންކާގެ ތަޖުރިބާކާރުންގެ ނިންމުންތައް މުޅިންހެން ބިނާކުރީ ވަނީ ގޮވުމުގެ ވީޑިއޯ އާއި ގޮވި ތަނުން ފެނުނު އެއްޗަކަށެވެ. ކެމިކަލެއްގެ އަސަރު ފެނޭތޯ އެއްވެސް ތަހުލީލެއް، ފަސް މީހުންގެ އެ ޓީމުން ކުރި ކަމެއް މިދިޔަ އޮކްޓޯބަރު 10 ގައި ދިވެހި ސަރުކާރަށް ހުށަހެޅި ރިޕޯޓުން އެނގޭކަށް ނެތެވެ.
ވީޑިއޯ ބެލުމަށް ފަހު ދެ ކަމެއް ނިންމި އެވެ. އެއީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކޮންމެވެސް އެއްޗެއް އަނދާފައިވާ ކަމަށާއި ބޭފުޅުން އިށީނދެވަޑައިގެން ތިއްބެވި ތަނުގެ ތެރޭގައި ޕްރެޝަރެއް ކުއްލި ގޮތަކަށް ގަދަވި ކަމަށެވެ.
ގޮވި ތަނަށް އެ މީހުން ޒިޔާރަތްކުރުމަށް ފަހު ނިންމީ، އެ ތަނުގައި ހިނގާފައި ވަނީ އެފްބީއައި އާއި ސައުދީން ބުނެފައިވާ ފަދަ ގޭސް ލީކުވެގެން ނުވަތަ ހުޅު ހިފާ ޒާތުގެ އެއްޗަކާއި ކަރަންޓާ އެކުވެގެން ކުރިމަތިވާ ކަހަލަ ގޮވުމެއް ނޫން ކަމަށެވެ. މައިގަނޑު ގޮތެއްގައި އެ ގޮތަށް ނިންމީ އޭސީ ޔުނިޓު ބަހައްޓާފައި ހުރި ގޮނޑީގެ އަޑިން، ތައްޓުމަތިން އުފެދިފައިވާ ބާގަނޑުގެ ސިފަތަކާއި ބުރައިގެން ގޮސްފައިވާ ލަކުޑި އެތިކޮޅުތަކުގެ ބައްޓަމާއި އެ ނޫން ވެސް އެފަދަ ކަންކަމަށް ބެލުމަށް ފަހު އެވެ.
މީގެ އިތުރުން، ލަންކާ އިން ބުނީ އޭސީ އަށް އަޅާ ގޭހުގައި ހުޅު ނުހިފާނެ ކަމަށެވެ. ގޮވި ތަނުގެ ކައިރީގައި ހުޅު ހިފާ ޒާތުގެ ގޭސް އެކުލެވޭ ފުޅިތަކެއް ހުއްޓަސް އެއިން އެއްވެސް ފުޅިއަކަށް ގެއްލުމެއް ލިބިފައި ނެތް ކަމަށާއި އެފަދަ ފުޅިއެއްގެ އެތިކޮޅެއް ވެސް އެ ތަނުން ފެންނާކަށް ނެތެވެ. އޭސީގެ ބްލޯވަރު ހަރުކޮށްފައި ހުރި ތަނަށް ވެސް ވައި ވަދެ ނުކުންނާނެ ޖާގަ އޮތެވެ. އެހެންވެ، އެ ތަނުގައި ގޭހެއް ހަރުލާފައި ހުރުމުގެ ފުރުސަތު ނެތް ކަމަށް ލަންކާ ތަޖުރިބާކާރުން ދެކެ އެވެ.
"[ގޮވި ތަނުން] ފެނުނު ކަންތައްތަކާއި އެ ކަންތައްތައް ޝަރަހަކުރުމަށް ފަހު މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް އިތުރަށް ވިސްނުމުން، ޝްރެޕްނެލް (ގޮވުމުން ބުރައިގެންދާ ދަގަނޑުކޮޅުތަކެއް) އެކުލެވިގެން ނުވާ ވައްތަރުގެ އައިއީޑީއެއް، އިން ވަކިކުރަން ޖަހާފައި ހުރި ފިލާގަނޑުގެ ބިއްދޮށުން އޭސީގެ ބްލޯވަރާ ޖެހިގެން ތައްޓުމަތީގައި ގޮވާފައިވާ ކަމަށް އަޅުގަނޑު ދެކެމެވެ،" ރިޕޯޓުގައިވެ އެވެ.
ލަންކާގެ ޓީމުން ވަނީ އެ ބޮމުގައި ބޭނުންކުރި ގޮވާތަކެތީގެ މިންވަރު ވެސް އަންދާޒާކޮށްފަ އެވެ. އެމީހުން ގަބޫލުކުރި ގޮތުގައި އެ އައިއީޑިގައި ހުރީ 200 ގުރާމުގެ ޓީއެންޓީ އެވެ. ބޮން ގޮއްވާލި ގޮތް ހޯދިފައި ނުވިޔަސް އެއީ ވަކި ވަގުތެއް ހަމަވުމުން ގޮވާ ގޮތަށް ހަދާފައި ހުރި ބޮމަކަށް ވުރެ ބޮޑަށް ބޭނުން ވަގުތަކު ގޮއްވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އައިއީޑީއެއް ކަމަށް ވެސް ލަންކާގެ ޓީމުން ބޮޑަށް ބުރަވެ އެވެ.
"ފިނިފެންމާގައި" ބޮމެއް ގޮއްވާލުމުގައި އަދީބުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އޭނާ ވަނީ ޖަލަށް ލާފަ އެވެ.
އެ ޝަރީއަތުގެ މަޖިލިހުގައި، ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިން ސިފައިންގެ މީހަކު ބުނީ އަދީބު އެދިވަޑައިގަތުމުން ދެ އައިއީޑީ ތައްޔާރުކޮށްދިން ކަމަށެވެ. ހަތިޔާރާއި ގޮވާތަކެތީގެ ރޮނގުން އިންޑިއާ، ޗައިނާ އަދި ޕާކިސްތާނުން އަސްކަރީ ތަމްރީނު ހޯދާފައިވާ އެ މީހާ ބުނީ ފުރަތަމަ އައިއީޑީ ގޮއްވާލީ ޓެސްޓަކަށް، ގަލްފު ކްރާފްޓުގެ ލޯންޗެއްގައި ކަމަށެވެ. ބަޔަކު މަރުވެދާނެތީ ދެ ވަނަ އައިއީޑީ ހެދީ ބާރު ދައްކޮށް ކަމަށާއި ރިޔާސީ ލޯންޗުކޮޅު ގޮއްވާލަން ބޭނުންކުރީ އެ އައިއީޑީ ކަމަށް އެ ހާދިސާގެ ފަހުން އަދީބު އޭނާ ކައިރި ވިދާޅުވި ކަމަށް ވެސް އެ މީހާ ބުންޏެވެ.
ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ އިތުރުން އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރުގެ މައްޗަށް އިއްވީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، ފިސްތޯލައެއް ގެންގުޅުއްވި މައްސަލައަކާއި ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ، އަދީބު ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާ މުއްދަތު ވަނީ 33 އަހަރަށް އަރާފަ އެވެ.
އެެމެރިކާ އާއި ސައުދީ އަދި ލަންކާގެ އިތުރުން، ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އެހީތެރިކަން ދޭން އިންޑިއާ އާއި އޮސްޓްރޭލިއާގެ ތަޖުރިބާކާރުން ވެސް ރާއްޖެ އައިސްފައިވެ އެވެ. އެކަމަކު، އެ ފަރާތްތަކުގެ ނިންމުންތައް އަދި އާއްމުކޮށްފައެއް ނުވެ އެވެ.