ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ކަމަށް ބުނާ ލަންކާގެ ސްނައިޕަރު ގެނައީ ބޮޑީގާޑެއްގެ ވަޒީފާ ހުށަހަޅައިގެން ކަމަށާއި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފައިސާ ދެއްވައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ގެނައި މީހެއް ކަމަށް އެއްބަސްކުރުވަން ދިވެހި ސަރުކާރުން އުޅުނު ކަމަށް އޭނާ ރާއްޖެ ފޮނުވައިދިން ކަމަށް ބުނާ މީހަކު ބުނެފި އެވެ.

ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ލަހިރު މަޑިޝަންކަރު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ރައީސްގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅު ގޮއްވާލައިގެން އެކަން ކުރަން އުޅެ، ކާމިޔާބު ނުވުމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ މައްސަލައިގައި މަޑިޝަންކަރުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މ. ލިލީޕާކް ފަޒީލް ހަމީދާއި ގ. އޮއިވާލި އިސްހާގު ހުސެންގެ މައްޗަށް ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.

ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން ޝާއިއުކުރި ތަހުގީގީ ރިޕޯޓެއްގައި، މަޑިޝަންކަރު ރާއްޖެ ފޮނުވުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ބުނާ މީހެއްގެ އިންޓަވިއު ވަނީ ހިމަނައިފަ އެވެ. ޔަސަސް ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ އެ މީހާ އަކީ، އޭނާ ބުނެފައިވާ ގޮތުގައި، ލަންކާ އަށް ގޮސް އުޅޭ ދިވެހިންނާ ބައްދަލުވެ، ގުޅުން ބާއްވާ މީހެކެވެ. މަޑިޝަންކަރު ރާއްޖެ ފޮނުވުމުގެ މަސައްކަތް ވެސް ފެށީ އެ ގޮތަށް ދިމާވި ބަޔަކު އެދިގެން ކަމަށް ޔަސަސް ބުނެ އެވެ.

މަޑިޝަންކަރު ދުވަހަކު ވެސް އަސްކަރީ ކަމެއްގައި ނޫޅޭ

ސަންޑޭ ޓައިމްސް އިން އިންޓަވިއުކުރި މަޑިޝަންކަރުގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު އޯލެވެލް ނިންމުމަށް ފަހު އެއާލައިން ޓިކެޓު ވިއްކުމާ ބެހޭ ކޯހެއް ހެދި އެވެ. އޭގެ ފަހުން، އިނގިރޭސި ބަސް ދަސްކޮށްގެން، ލޯބިވެރިޔާގެ ބައްޕައާ އެކު ދިޔައީ ސައުދީ އަރަބިއްޔާ އަށެވެ. ސައުދީގެ ޝާހީ ގަނޑުވަރުގައި މަސައްކަތު މީހެއްގެ ގޮތުގައި ދޮޅު އަހަރު ވަންދެން އުޅުމަށް ފަހު އެނބުރި ލަންކާ އަށް ގޮސް، ކައިވެނި ކުރީ އެވެ. އެ ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅަށް މިހާރު ހަތަރު އަހަރެވެ.

ހިބަޅިދޫން ފެނުނު ހަތިޔާރުތައް ދައްކާލަނީ: އޭގެ ތެރޭގައި ސްނައިޕަރު ރައިފަލެއް ވެސް ހިމެނޭ.-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ހިބަޅިދޫން ފެނުނު ހަތިޔާރުތައް ދައްކާލަނީ: އޭގެ ތެރޭގައި ސްނައިޕަރު ރައިފަލެއް ވެސް ހިމެނޭ.-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ލަންކާ އަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު މަޑިޝަންކަރު މަސައްކަތް ކުރީ އޭނާގެ ސްކޫލް ޓީޗަރެއްގެ ޑްރައިވަރަކަށެވެ. ހަތަރު އަހަރު ވަންދެން އެކަން ކުރުމަށް ފަހު ބަދަލުވީ ޓެކްސީ ސެންޓަރަކަށެވެ. އެ ވަޒީފާ އަދާކުރަމުން، ރާއްޖެ އައުމުގެ ދުވަސްކޮޅެއް ކުރިން އޮންލައިންކޮށް އެއްޗެހި ވިއްކާ ކުންފުންޏެއްގައި ވެސް މަސައްކަތް ކުރި އެވެ.

މަޑިޝަންކަރަކީ އެއްވެސް ވަރަކަށް އަސްކަރީ ތަމްރީނު ލިބިފައިވާ މީހެއް ނޫން ކަމަށް ލަންކާގެ ނޫސްތަކުން ކުރިން ވެސް ވަނީ ބުނެފަ އެވެ. އެ ނޫސްތަކުން އޭރު ބުނި ގޮތުގައި މަޑިޝަންކަރަކީ ހިކި މަސް ބޭރުކުރުމުގެ ވިޔަފާރި ކުރާ މީހެކެވެ. އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ސަންޑޭ ޓައިމްސް އިން ވެސް ބުނީ ލަންކާ ފުލުހާއި އަސްކަރިއްޔާގައި މަޑިޝަންކަރު އެއްވެސް އިރަކު އުޅުނުކަމުގެ ރެކޯޑެއް ނެތެވެ.

ރާއްޖެ އައީ ބޭފުޅެއްގެ ބޮޑީގާޑެއްގެ ވަޒީފާ ދޭން ބުނުމުން

އަމިއްލަ ކާރު ކުއްޔަށް ދީގެންނާއި އަމިއްލަ އަށް ޓެކްސީ ކޮށްދީގެން އާމްދަނީ ހޯދާ ކަމަށް ބުނާ ޔަސަސް ބުނި ގޮތުގައި "ކުއްލިއަކަށް ހުޅުވުނު" ވަރަށް މުހިއްމު ވަޒީފާއަކަށް މީހަކު ހޯދައިދޭން ދިވެހި ބަޔަކު އޭނާ ކައިރިން އެދުނެވެ. "ވީއައިޕީ މީހެއްގެ ބޮޑީގާޑެއް"ގެ ވަޒީފާ އަށް އަސްކަރީ ތަމްރީނު ލިބިފައިވާ މީހަކު ހޯދައިދޭން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެދުނީ، ޔަސަސް ބުނި ގޮތުގައި، އެއާޕޯޓުން ދިމާވެގެން ޓެކްސީ ކޮށްދިން ދިވެހި ބައެކެވެ.

"އޭގެ ތެރެއިން އެކަކީ ސަރުކާރުގެ ވަރަށް ނުފޫޒު ގަދަ ފަރާތްތަކާ ގުޅުން އޮތް މީހެއް،" އޭނާ ބުނެފައިވެ އެވެ.

ޔަސަސް އާއި އެ ދިވެހި ގްރޫޕާ ލަންކާ އިން އެތައް ފަހަރަކު ދިމާވެފައިވެ އެވެ. ގިނަ އަދަދަކަށް އެ މީހުން ފައިސާ ގެންގުޅޭ ތަން ފެނިފައިވާއިރު، އެ މީހުންގެ އަތަށް އެކި ފަރާތްތަކުން "ފޮށި ފޮށި" ގެނެސްދެ އެވެ. އެއީ، އެ މީހުން ބުނެފައިވާ ކަމަށް ޔަސަސް ބުނި ގޮތުގައި، މުޅިން ވެސް ފައިސާ އެވެ.

ސްނައިޕަރެއް ގެނެސްގެން ރައީސް އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށް އަދީބު ކޯޓަށް ގެންދަނީ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ސްނައިޕަރެއް ގެނެސްގެން ރައީސް އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށް އަދީބު ކޯޓަށް ގެންދަނީ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރާއްޖޭގައި ވަޒީފާއެއް ހުޅުވިފައިވާ ކަމަށް ޔަސަސް އެންމެ ފުރަތަމަ ބުނީ އޭނާގެ ރަށްޓެއްސެއްގެ ކައިރީގަ އެވެ. އެހެންވެ، މަޑިޝަންކަރަށް އެ ވަޒީފާ ހުށަހެޅުމުން އޭނާ ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރި އެވެ. ދިވެހި ގްރޫޕުން މަޑިޝަންކަރާ ބައްދަލުކޮށްފައި ނުވިޔަސް، އޭނާގެ ފޮޓޯއެއް ފޮނުވަން އެދުމުން ޔަސަސް މަޑިޝަންކަރުގެ ފޮޓޯއެއް ފޮނުވި އެވެ. މަޑިޝަންކަރާއި ދިވެހިންނާ އެއްވެސް ވަރަކަށް ސީދާކޮށް ވާހަކަ ދައްކާފައެއް ވެސް ނުވެ އެވެ. މުޅިން ވެސް ވާހަކަ ދެއްކީ ޔަސަސް މެދުވެރިކޮށެވެ.

ދިވެހިންގެ ޚަބަރެއް ނުވި، ހައްޔަރުކުރީ އެނބުރި ދާން އުޅެނިކޮށް

ހަމަޖެހިފައިވާ ގޮތަށް މަޑިޝަންކަރު ރާއްޖެ އަށް އައީ މިދިޔަ އޮކްޓޯބަރު 22 ގަ އެވެ. މާބުލް ހޮޓަލަށް ދާން ޔަސަސް މެދުވެރިކޮށް އޭނާ ކައިރީ ބުނެފައި އޮތަސް، އެ ތަން އަގު ބޮޑު ކަމުން މަޑިޝަންކަރު ދިޔައީ އެހެން ތަނަކަށެވެ. ދެން ބުނީ ރިސޯޓަކަށް ދާށެވެ. އެ ވަަރުން ވެސް ދިވެހިންގެ ޚަބަރެއް ނުވި އެވެ. ދެން ބުނީ އެނބުރި މާލެ ގޮސް، ހޮސްޕިޓަލެއްގެ ކައިރި އަށް ދާށެވެ. އެ ތަނުން ވެސް ދިމާވާ ގޮތެއް ނުވި އެވެ. ހޮޓަލަށް ގޮސް، ރިސެޕްޝަންގައި މަޑުކުރަން ބުނުމުން އެ ތަނުގައި އިނދެ އިނދެ ވަރުބަލިވި އިރު ވެސް އެ މީހުން ދައްކައެއް ނުލި އެވެ.

އެ ހިސާބުން ޔަސަސް އަށް ލިބުނީ ކުއްލި ފޯނު ކޯލެކެވެ. ދިވެހި ގްރޫޕުން އެކަކު ގުޅާފައި ބުނީ ދިވެހި ފުލުހުން މަޑިޝަންކަރު ހައްޔަރު ކުރާނެ ކަމަށާއި ފުލުހުންނަށް އެއްބާރުލުން ދީފި ނަމަ އެ ދެ މީހުންނަށް ވެސް ބޮޑު އަދަދެއްގެ ފައިސާ ދޭނެ ކަމަށެވެ. އެކަމަކު، އެކަމަށް ދެކޮޅު ހަދައި މަޑިޝަންކަރަށް ޔަސަސް އެންގީ އަވަހަށް ލަންކާ އަށް ދާށެވެ. އެއާޕޯޓުން މަޑިޝަންކަރު ހައްޔަރުކުރީ، އަދީބު ހައްޔަރު ކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

މަޑިޝަންކަރު ގެނައީ އަދީބު ކަމަށް އެއްބަސްކުރުވަން އުޅުނު

މަޑިޝަންކަރު ހައްޔަރު ކުރިތާ ފަސް ގަޑިއިރު ނުވެ، އެ މައްސަލަ ބަލަމުން ދިޔަ ދިވެހި ފުލުހުންގެ އިސް އޮފިސަރު ލަންކާ އަށް ގޮސް ޔަސަސްއާ ބައްދަލުކުރި ކަމަށް އޭނާ ބުންޏެވެ. އެ ފުލުސް މީހާގެ ލެޕްޓޮޕުން ބަޔާނެއް ދެއްކި ކަމަށާއި އޭގައި ސޮއިކުރަން ބުނި ކަމަށް ޔަސަސް ބުނެ އެވެ. އެ ބަޔާނުގައި އޮތީ، އޭނާ ބުނި ގޮތުގައި، މަޑިޝަންކަރު ރާއްޖެ ގެންދިޔައީ އޭރުގެ ނައިބު ރައީސް އަދީބު ފައިސާ ދެއްވައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ކަމަށެވެ.

"އެއަކު ސޮއެއް ނުކުރަން،" އެ މައްސަލައިގައި އިންޓަޕޯލް އިން ވެސް ސުވާލުކޮށްފައިވާ ކަމަށް ދައުވާކުރާ ޔަސަސް ބުންޏެވެ.

"... އޭނާ އަކަށް ލަނޑެއް ނުދެން. ރަށްޓެއްސަކަށް އެ ވަރުގެ ކަމެއް ނުކުރާނަން."

މަޑިޝަންކަރާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވާ ދައުވާގައިވާ ގޮތުން ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވީ އަދީބާއި ފަޒީލާއި އިތުރު ބައެކެވެ. އެ ދައުވާ ލިބޭ އިސްހާގުގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ އެކި ފަރާތްތަކަށް ފޯރުކޮށް ދިނުން ކަމަށް ދައުވާގައި ބުނާއިރު، މަޑިޝަންކަރު ރާއްޖެ އައީ އެކަމަށް އެއްބަސްވެގެން އެ ހަމަލާ ދޭން ކަމަށް ދައުވާގައިވެ އެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށައިގެން މިހާރު ވަނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް ނަގައިފަ އެވެ.

ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ އަދީބަށް ދައުވާ ކުރާއިރު، ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އޭނާ ޖަލަށް ލާން ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެކި މައްސަލަތަކާ އެކު ޖުމްލަ 33 އަހަރުގެ ހުކުމެއް އޭނާ އަށް މިހާރު ވެސް ވަނީ އައިސްފަ އެވެ. އިތުރު މައްސަލަތަކެއްގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަ ދެ އެވެ.