ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، ކުޅިވަރުގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި، "ޔެސްޓީވީ" އުވާލަން، އެ ގާނޫނަށް ސަރުކާރުން މިއަދު އިސްލާހު ހުށަހަޅައިފި އެވެ.

ސްޕޯޓްސް ކޯޕަރޭޝަން އޭރު އުފެއްދީ، ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ކުޅިވަރު ޗެނަލް ހިންގުމާއި ކުޅިވަރު ކުޅޭ މީހުންގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގައި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ މީހުން އިތުރަށް ކުރިއަރުވައި ތަމްރީން ހޯދާނެ މަގު ހޯދައިދޭށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކުޅިވަރު ވަސީލަތްތަކެއްގެ މިލްކުވެރިކަމާއި، އެތަންތަން ބޭޏުންކޮށްގެން އާމްދަނީ ހޯދުމަކީ އެ ކޯޕަރޭޝަނުގެ ޒިންމާ އެކެވެ.

އެކަމަކު މި ސަރުކާރުން، އެ ބާރުތައް ކޯޕަރޭޝަނެއް ދީފައެއް ނުވެ އެވެ. ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ކޯޕަރޭޝަނާ ވަސީލަތްތައް ހަވާލުކުރާ ހިސާބުން މިނިސްޓްރީގެ ކޮންޓްރޯލް ގެއްލޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފެށުނީއްސުރެ މަހުލޫފު ގެންދަވަނީ، އެއީ ބޭކާރު ކުންފުންޏެއް ކަމަށާއި އެތަން އުވާލަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

އެކަމަށް ބާރު ލިބޭ ގޮތަށް، ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ހިރިޔާ ނިޔާ) މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި އެދިފައިވަނީ ސްޕޯޓްސް ކޯޕަރޭޝަން އުފެއްދުމާއި ސްޕޯޓްސް ޗެނަލް އުފައްދަން ޖެހޭ ކަމަށް ބަޔާން ކުރާ ބާބު އެއްކޮށް އުވާލާށެވެ.

ނިޔާޒް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަކީ ތިން އަހަރު ތެރޭ އަމިއްލަ ފައި މައްޗަށް ތެދުވަންޖެހޭ ކުންފުންޏެއް ކަމަށާއި އަދިވެސް އެކަން ނުކުރެވޭ ކަމަށެވެ. އަދި އެ ކޯޕަރޭޝަން ހިންގަން ދައުލަތުން ހަރަދުދާ ކަމަށާއި އެހެންވެ މިވަގުތަށް އެއީ ބޭކާރުތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިސްލާހަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ވަނީ އެކަމަށް ތާއީދުކުރައްވައިފަ އެވެ. ދެކޮޅަށް ވާހަކަދެއްކެވީ، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުންނެވެ.

"ޔެސްޓީވީ" އަކީ ދައުލަތުގެ މީޑިއާ ކުންފުނި ޕީއެސްއެމްގެ ސްޕޯޓްސް ޗެނަލެކެވެ. އެކަމަކު، އެ ޗެނަލް އުފައްދަން ހަރަދުކުރީ، ކުޅިވަރު ގާނޫނުގެ ދަށުން އުފައްދަން ލާޒިމްކުރާ ޗެނަލް އުފެއްދުމަށް ދައުލަތުން ދިން ފައިސާ އިންނެވެ. އެކަމަކު ލިޔެކިޔުންތައް ވެސް ކޯޕަރޭޝަނުގައި އެބަހުއްޓެވެ. އެހެންވެ، ގާނޫނީ ގޮތުން އެ ޗެނަލް ވާނީ، ކުޅިވަރުގެ ގާނޫނުގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނުން އުފައްދަން ޖެހޭ ޗެނަލަށެވެ. އެއާ އެކު، އެ ބާބު އުވާލުމާ އެކު، އެ ޗެނަލް ވެސް އުވިގެންދާނެ ކަމަށް ބެލެވެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން ހުސެއިން މުހައްމަދު "މިހާރު" އަށް ވިދާޅުވީ، "ޔެސްޓީވީ" ގެ އަސްލަކީ، އެ ގާނޫނު ކަމަށްވާތީ، އެ ކޯޕަރޭޝަނާ ގުޅިގެން ޗެނަލް ހިންގަން ޕީއެސްއެމްގެ ބޯޑާ ވާހަކަދެއްކި ކަމަށާއި އެކަމަކު އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ.

"އަޅުގަނޑުމެން އެދުނިން ޓެކްނިކަލް މަސައްކަތްތައް ޕީއެސްއެމް އިން ކުރިޔަސް ކޮންޓެންޓުގެ ކަންކަމުގައި އަޅުގަނޑުމެންގެ ބަހެއް އޮންނަން. އެކަމަކު ޕީއެސްއެމް ބޯޑުގެ ބައެއް ބޭފުޅުންނަށް އެކަމާ އެއްބަސްނުވެވުނު،" ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.