ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، ކުޅިވަރުގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި "ޔެސްޓީވީ" އުވާލަން، އެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހަށް މިއަދު ބަލައިގަނެ، ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ކުޅިވަރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒް ހުށަހަޅާފައިވާ އެ އިސްލާހު މަޖިލިހަށް ބަލައިގަންނަން ފެންނަ ކަމަށް 42 މެންބަރުން ވޯޓު ދެއްވި އެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ނުފެންނަ ކަމަށް ވެސް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

އެހެންވެ، އެ އިސްލާހު ދިރާސާ ކުރުމަށް އިޖްތިމާއީ ކޮމިޓީ އަށް ފޮނުވަން ރިޔާސަތުން ނިންމި އެވެ.

ސްޕޯޓްސް ކޯޕަރޭޝަން އޭރު އުފެއްދީ، ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ކުޅިވަރު ޗެނަލް ހިންގުމާއި ކުޅިވަރު ކުޅޭ މީހުންގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގައި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ މީހުން އިތުރަށް ކުރިއަރުވައި ތަމްރީން ހޯދާނެ މަގު ހޯދައިދޭށެވެ.

ރާއްޖޭގެ ހުރިހާ ކުޅިވަރު ވަސީލަތްތަކެއްގެ މިލްކުވެރިކަމާއި އެ ތަންތަން ބޭނުންކޮށްގެން އާމްދަނީ ހޯދުމަކީ އެ ކޯޕަރޭޝަނުގެ ޒިންމާ އެކެވެ.

އެކަމަކު މި ސަރުކާރުން، އެ ބާރުތައް ކޯޕަރޭޝަނެއް ދީފައެއް ނުވެ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ކޯޕަރޭޝަނާ ވަސީލަތްތައް ހަވާލުކުރާ ހިސާބުން މިނިސްޓްރީގެ ކޮންޓްރޯލް ގެއްލޭނެ ކަމަށް ވިދާޅުވެފަ އެވެ. ފެށުނީއްސުރެ މަހުލޫފު ގެންދަވަނީ، އެއީ ބޭކާރު ކުންފުންޏެއް ކަމަށާއި އެތަން އުވާލަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި އެދިވަޑައިގެންފައި ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުފެއްދުމާއި ސްޕޯޓްސް ޗެނަލް އުފައްދަން ޖެހޭ ކަމަށް ބަޔާން ކުރާ ބާބު ކުޅިވަރުގެ ގާނޫނުން އެއްކޮށް އުވާލާށެވެ.

އެ އިސްލާހަށް ބަހުސް ކުރެއްވި، ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުން ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ. އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުންނާއި ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނެވެ.

"ޔެސްޓީވީ" އަކީ ދައުލަތުގެ މީޑިއާ ކުންފުނި ޕީއެސްއެމްގެ ސްޕޯޓްސް ޗެނަލެކެވެ. އެކަމަކު، އެ ޗެނަލް އުފައްދަން ހަރަދުކުރީ، ކުޅިވަރު ގާނޫނުގެ ދަށުން އުފައްދަން ލާޒިމްކުރާ ޗެނަލް އުފެއްދުމަށް ދައުލަތުން ދިން ފައިސާ އިންނެވެ. އެކަމަކު ލިޔެކިޔުންތައް ވެސް ކޯޕަރޭޝަނުގައި އެބަހުއްޓެވެ. އެހެންވެ، ގާނޫނީ ގޮތުން އެ ޗެނަލް ވާނީ، ކުޅިވަރުގެ ގާނޫނުގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނުން އުފައްދަން ޖެހޭ ޗެނަލަށެވެ. އެއާ އެކު، އެ ބާބު އުވާލުމާ އެކު، އެ ޗެނަލް ވެސް އުވިގެންދާނެ ކަމަށް ބެލެވެ އެވެ.