ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސެޓިފައިޓް ބަޔަކަށް ހެދުމަށް ތަމްރީނު ދިނުމަށާއި ޕޮލިޓެކްނިކުން ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށް އަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެ ކުންފުނީގެ މައި އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ އެ އެއްބަސްވުމުގައި ސްޓެލްކޯއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމެވެ.
ސްޓެލްކޯ އާއި ޕޮލިޓެކްނިކާއި ދެމެދުވި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގައި މިހާރު ކޮލިފިކޭޝަނެއް ނެތް މުވައްޒަފުންނަށް އެމްކިއުއޭ ލެވެލް ތިނެއްގެ ސެޓްފިކެޓް ލެވެލްގެ ތަމްރީނު ދޭނެ އެވެ. އަދި ޕޮލިޓެކްނިކުން ކިޔަވާ ނިންމާ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީ، ދެ ކުންފުނީގެ އެކި ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ އެ އެއްބަސްވުމަކީ ސަރުކާރުން ރާއްޖޭގައި ހުނަރުވެރި ގާބިލު ޒުވާނުން އުފެއްދުމުގެ ސިޔާސަތުގެ ދަށުން މީހުން ބިނާ ކުރުމަށް ގާއިމު ކުރި އެއްބަސްވުމެއް ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އަމާޒަކީ އެ އެއްބަސްވުމުގެ ދަށުން ބޭސިކް ސެޓްފިކެޓެއް ލިބިފައި ނުވާ ހުރިހާ ޓެކްނިކަލް ސާޓާފުން މި އަހަރު ތެރޭގައި ސެޓިފައިޑް ބަޔަކަށް ހެދުމެވެ.
"އަޅުގަނޑުމެންގެ ހިދުމަތްތައް ދޭ ރަށްރަށުގައި މަސައްކަތްކުރާ ހުރިހާ ސްޓާފުންނަކީ ސެޓިފައިޑް ޓްރެއިންޑް ބަޔަކަށް ހެދުމުގެ ޕްލޭނެއް ވާނީ ރާވައިފަ. އެ ޕްލޭންގެ ދަށުން މި އެއްބަސްވުމުގެ އެހީގައި މި މަސައްކަތްކުރަނީ ކޮންމެ ސްޓޭޝަނެއްގައި ހުންނަ ޓެކްނިކަލް ހެޑުންނަކީ ވެސް ސެޓިފައިޑް ބަޔަކަށް ހެދުން." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކުންފުންޏަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް އެ ކުންފުނިން ސްކޮލާޝިޕް ސްކީމަށް ވަނުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށާއި، މިހާރު އެ ކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ބޭނުންވަނީ ކުންފުނިން ހުރިހާ ކަމެއް މެނޭޖުކުރެވޭ ލެވަލްގެ ބަޔަކު އުފައްދައި ޑިގްރީ ފެންވަރުގެ ސަނަދު އޮތް ބަޔަކު މުސްތަގުބަލުގައި ބިނާކުރުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ސަބަބުން ގިނަ ބަޔަކު ތަމްރީނުކުރެވި، ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ސަނަދެއް ލިބޭނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކޮލިފިކޭޝަނެއް ނެތި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އިލެކްޓްރިކަލް އިންސްޓަލޭޝަން އާއި އެ މަރުކަޒުން ތަމްރީނު ހިންގާ ކޮންމެ ދާއިރާއަކުން ވެސް ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
ސްޓެލްކޯ އާއި ޕޮލިޓެކްނިކާ ދެމެދުވި އެއްބަސްވުމުގެ ސަބަބުން ދެ ކުންފުންޏަށް ވެސް ނުހަނު ފައިދާ ކުރާނެކަމަށް ދެ ކުންފުނިން ވެސް ފާހަގަކުރެ އެވެ.