މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް ސްޓެލްކޯގައި ތަމްރީން ދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އާއި ޕޮލީޓެކްނިކްގެ ސީއީއޯ އަހްމަދު ނާސިރެވެ. ޕޮލިޓެކްނިކްގައި ހަކަތައާ ގުޅޭ ކޯސްތައް ފުރިހަމަކުރަމުން އަންނަ ދަރިވަރުންނަށް ސްޓެލްކޯގެ ތަޖުރިބާކާރު އިންޖިނިއަރުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.
މި ރަސްމިއްޔާތުގައި ޕޮލީޓެކްނިކްގެ ސީއީއޯ އަހްމަދު ވިދާޅުވީ މާލޭއިން ބޭރުގައި ހުންނަ ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމަލީ ތަމްރީނު ދިނުމުގައި ކުރިމަތިވާ ދަތިތައް މި އެއްބަސްވުމުގެ ސަބަބުން މަދުވާނެ ކަމަށެވެ. އެގޮތުން، ކެމްޕަސްތަކުގައި އެކަށީގެންވާ މެޝީންތައް ނެތުމުން، އަމަލީ ތަޖުރިބާ އާއި ތަމްރީނު ދިނުމަށް ސްޓެލްކޯގެ ސްޓޭޝަންތައް ބޭނުންކުރެވޭނެ އެވެ.
"އަޅުގަނޑުމެންނަށް ފަހިވެގެންދާ މި ފުރުސަތުތަކަކީ އަޅުގަނޑުމެންގެ ދަރިވަރުންނަށް ކްލާސްތައް ނަގައިދޭ އިރު [ސްޓެލްކޯގެ ސްޓޭޝަންތަކުގައި] ޕްރެކްޓިކަލް ދައްކާލުން،" ނާސިރު ވިދާޅުވި އެވެ.
މީގެ އިތުރުން އެ ތަނުން އަންނަނީ ޒަމާނާ އެއްގޮތަށް އެ ތަނުގެ ތަމްރީންތައް ބަދަލުކުރުމަށް މަސައްކަތްކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.