ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރީ-މެޑިސިންގެ ކޯސް އަނެއްކާވެސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރަން ފަށައިފި އެވެ.
ޕްރީ މެޑިސިންއަކީ ޑޮކްޓަރުކަމުގެ ފުރަތަމަ ޑިގްރީ (އެމްބީބީއެސް) ނުވަތަ ޑެންޓިސްޓްރީ ކޯސް (ބީޑީއެސް) ކޯހަށް ޝަރުތު ހަމަކުރުމަށްޓަކައި އޭ ލެވެލްގެ ބަދަލުގައި ހަދާ އެއް އަހަރުގެ ކޯހެކެވެ.
އެކަމަކު މެޑިކަލް ކައުންސިލުން ޖެނުއަރީ، 2019 ގައި ނެރުނު ބަޔާނުގައި ބުނީ ޕްރީ މެޑިސިން ގަބޫލުކުރުން ހުއްޓާލަން ނިންމީ ބައެއް ގައުމުތަކުގެ އެ ކޯސްތައް ފަރުމާ ކޮށްފައިވާ ގޮތުން ދަރިވަރުންގެ ފެންވަރު ދަށްވާ ކަމަށް ފާހަގަ ކުރެވޭތީ ކަމަށެވެ.
އެއް އަހަރުގެ މުއްދަތަށް ޕްރީ މެޑިސިން ކޯސް ހިންގުމުގައި ނަމުގައި ބައެއް ގައުމުތަކުން ހަ މަސް ދުވަހުގެ މުއްދަތަށް ވެސް އެ ކޯސް ހިންގާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ނަމަވެސް ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އެ ކައުންސިލުން ވަނީ އެ އުސޫލަށް ބަދަލު ގެނެސްފަ އެވެ.
އޮގަސްޓް 22، 2023 ގައި ނެރުނު އުސޫލުގައި ބުނީ ބަޔޮލޮޖީ އާއި ކެމިސްޓްރީ އާއި ފިޒިކްސް އަދި ހިސާބުން ސީ ގްރޭޑަށް ވުރެ ދަށުން ފާސްވެފައިވާ ދަރިވަރުން އެއް އަހަރު ނުވަތަ އެކަޑެމިކް 32 ހަފުތާގެ ޕްރީ މެޑިސިން ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.
ކުރިން ނެރުނު ބަޔާނުގައި ބުނީ ދިވެހި ދަރިވަރުންނަށް އަމާޒު ކޮށްގެން ބޭރުގައި ކުރިއަށް ގެންދިޔަ ޕްރީ މެޑިސިން ކޯސްތަކުގެ ސަބަބުން އެ ކުދިންނަށް ނަފްސާނީ އަދި މާލީގޮތުން ގެއްލުން ލިބިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެކަމަކު މި ފަހަރު އެ ބަދަލު ގެނައި ސަބަބެއް ނުބުނެ އެވެ.