ޝާހިދު ކަޕޫރުގެ އުފަންދުވަހު، އޭނާގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓާރު އިންތިޒާމުކުރި ޕާޓީގެ ފޮޓޯތަކާއެކު، އެންމެންގެ ކަޅި ހުއްޓުނީ އިޝާން އާއި އޭނާގެ ލޯބިވެރިޔާ އަނަންޔާ ޕާންޑޭ އަށެވެ.
ޝާހިދު އާންމުކުރި ފޮޓޯތަކުން ފެންނަނީ އިޝާން، އަނަންޔާ ފަހަތުން އަބަދު އުޅޭ މަންޒަރެވެ. އިޝާން އޭނާގެ ލޯބިވެރިޔާއާ ދުރުގައި ހުންނަ ތަނެއް އެ ފޮޓޯތަކުން ނުފެނެ އެވެ. އަބަދުވެސް އޭނާގެ ގާތުގައި ނޫނީ އަނަންޔާގެ ކޮނޑަށް އަތްވައްޓާލައިގެން ހުއްޓާ ފެންނައިރު މި ޒުވާން ޖޯޑު ވަރަށް ލޯބި ކަމަށް ބުނެ މީހުން ކޮމެންޓް ކުރަން ފެށި އެވެ.
މިހާތަނަށް އިޝާން އާއި އަނަންޔާ ވެސް އެ މީހުންގެ ލޯބީގެ ގުޅުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ކޮނޑުގައި ބޯ އަޅާލައިގެން ތިބޭ ފޮޓޯތައް މީގެ ތެރޭގައި ހިމެނޭތީ މިއީ އެ މީހުންގެ ގުޅުން ރަސްމީކޮށް އިއުލާންކުރުން ކަމަށް ބެލެވެ އެވެ.
ޝާހިދުގެ އާއިލާގެ މެމްބަރުން ވެސް ތިބި އެ ޕާޓީގައި އަނަންޔާ ބައިވެރިވިއިރު، އެ ދެ ތަރިން ކުރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ދަރްމާ ޕްރޮޑަކްޝަނުން 2019 ވަނަ އަހަރު ނެރުނު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ނުކުތް އަނަންޔާ ވަނީ "ޕަތީ ޕަތްނީ އޯރީ ވޯ" އާއި ފަހުން ނެރުނު "ގެހެރާއިޔާ" އިން ވެސް ފެނިފަ އެވެ. އަދި 2017 ގައި "ބިޔޯންޑް ދި ކްލައުޑް" އިން ފިލްމީ ދާއިރާ އަށް ތައާރަފުވި އިޝާން ވަނީ ޖެހިގެން އައި އަހަރު ދަޅަކް އިން ވެސް މީހުންގެ ހިތާ ކުޅެލައިފަ އެވެ. އޭނާ އާއި އަނަންޔާ އެކުގައި މަސައްކަތްކުރީ 2020 ވަނަ އަހަރު ނެރުނު "ކާލީ ޕީލީ" ގަ އެވެ.