ނެޓްފްލިކްސް އިން ކުރިއަށް ގެނެސް ދޭން ހުރި އިންޑިއާގެ ޕްރޮޖެކްޓްތައް އިއުލާން ކުރި އިރު މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ ގެނެސްދޭން ތައްޔާރުވާ "ބުލްބުލް" އެވެ.

މި ޕީރިއަޑް ޑްރާމާއަކީ އަނުޝްކާ އާއި އޭނާގެ ކޮއްކޮ ކަރުނޭޝް ޝަރުމާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން އުފައްދާ އެއްޗެކެވެ. "ބުލްބުލް" އަކީ އިންޑިއާގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ، ކުޑަ އަންހެން ކުދިން ކައިވެނި ކުރުވާ މައްސަލަ އަށް ބިނާކޮށް ހަދާ އެއްޗެކެވެ.

މީގެ މާ ބޮޑު ތަފުސީލެއް ނެޓްފްލިކްސް އިން ސިންގަޕޫރުގައި ހުކުރު ދުވަހު ބޭއްވި "ސީ ވަޓްސް ނެކްސްޓް އޭޝިއާ" އިވެންޓްގައި ހިއްސާކޮށްފައެއް ނުވެ އެވެ.

ކުރިން އަޑުތައް އަރާފައިވާ ގޮތުން "ބުލްބުލް" ސައިފް އަލީ ހާން ދަރިފުޅު ސާރާ އަލީ ހާނަށް އަނުޝްކާ ހުށަހެޅި އެވެ. އެކަމަކު އޭނާ އަށް މިއަށް ސޮއިނުކުރެވުނީ އަންނަ މަހުގެ 7 ގައި ރިލީޒްކުރާ ސާރާގެ ފިލްމު "ކެދަރުނާތު" ގެނެސްދޭ ޑައިރެކްޓަރު އަބީޝެކް ކަޕޫރާ އެކު ހަދާފައި އޮތް އެގްރިމަންޓްގެ ސަބަބުން ކަމަށްވެ އެވެ.

މިހާރު ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ "ބުލްބުލް" އަންނަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމް ކުރާނެ އެވެ. އަނުޝްކާ ވަނީ މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާގެ ބަތަލާގެ ރޯލު ވެސް ކުޅުނު އެންއެޗް10 (2015) ،ފިލޯރީ (2017) އަދި މި އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު "ޕަރީ" ހިމެނެ އެވެ.

އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީއާ ކައިވެނިކޮށްގެން އުޅޭ އަނުޝްކާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ "ޒީރޯ" އެވެ. އޭނާ އެންމެ ފަހުގެ ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒް ކުރި "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ.

ނެޓްފްލިކްސް އިން ކުރިއަށް ގެނެސް ދޭން ހުރި އިންޑިއާގެ އިތުރު އުފެއްދުންތަކުގެ ތެރޭގައި މަދޫރީ ޑިކްސިޓް ޕްރޮޑިއުސްކޮށްފައިވާ މަރާޓީ ފިލްމު "ފިފުޓީންތު އޯގަސްޓް"، ޕްރިޔަންކާގެ މަރާޓީ ފިލްމު "ފަޔާބްރޭންޑް"، "ބާހްބަލީ" ގެ ވެބް ސީރީޒް، ދޭވް ޕަޓޭލްގެ "ހޮޓެލް މުމްބާއީ"، މާނަވް ކޯލްގެ "މިއުޒިކް ޓީޗާ"، އަބްހޭ ޑިއޯލްގެ "ޗޮޕްސްޓިކް، ރާޖާ މެނަންގެ "އަޕްސްޓާޓްސް"، ސަޗިން ކުންދަލްކަރުގެ "ކޮބަލްޓް ބުލޫ" އަދި ސުޖޯއި ގޯޝްގެ "ޓައިޕްރައިޓާ"، ރިޝީ ކަޕޫރުގެ "ރާޖްމާ ޗާވަލް" އަދި ސައިފް އަލީ ހާންގެ "ސެކެރެޑް ގޭމްސް 2" ފާހަގަކޮށްލެވެ އެވެ.