މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި މައިގަނޑު ސަބަބަކީ އިގްތިސޯދީ ބޮޑު ބަދަލެއް ރާއްޖެ އަށް ގެނައުމަށް ކަމަށާއި މިހާރު ބައެއް ޒުވާނުން ތިބީ 8،000ރ. ގެ މުސާރައެއްގައި ފިތިފިފައި ކަމަށް ވާތީ އެ ކަމުން ސަލާމަތް ކޮށްދޭން ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް އެހެން ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާގަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ އޭނާ ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ވަޑައިގަންނަވަނީ އިގްތިސޯދީ ގޮތުން ބޮޑު ބަދަލެއް ގެންނަން ކަމަށެވެ. އިގްތިސޯދީ ގޮތުން ދިވެހިން ބާރުވެރި ކުރުވަން ކަމަށެވެ. ދިވެހިންނަކީ މުއްސަނދި ކަމުގެ ނަފާ ލިބޭ ބަޔަކަށް ހެދުމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިއަދުގެ ހަގީގަތަކީ އެންމެންނަކީ ދަރަނިވެރިންނެވެ.

"ގަނެފައި އޮންނަ ފޯނަކީ ކޮންމެވެސް ތަނަކަށް ދަރާފައި އޮތް ފޯނެއް. އަރާފައި ހުންނަ ސައިކަލަކީ ދަރާފައި އޮތް ސަައިކަލެއް. ބޭންކަށް ދިޔައިއްޔާ ބޭންކަށް ދަރާފައި. ކްރެޑިޓް ކާޑަށް ލާރި ނުދެއްކޭ ހާލަތުގައި މީހުން މި ތިބީ. ގެ ހެދުމަށްޓަކައި ނަގާ ލޯނަކީ ދެއްކޭ އެއްޗެއްގެ ގޮތަކު ނޫން މި އޮންނަނީ. ލިބޭ މުސާރަ އިން ދެކޮޅެއް ނުޖެހޭ. މީހުން މި ތިބީ ހާލުގައި،" އެވްރެޖް ދިވެއްސެެއްގެ ހާލަތު ސިފަކޮށްދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އެހެންވެ އޭނާ ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވަނީ ދިވެހިންނަކީ 8،000ރ. ގެ މުސާރައިގައި ކަސްތޮޅު އަޅުވާފައި ތިބޭ ބަޔަކަށް ނުހަދައި ތަފާތު އިގްތިސާދީ ބަދަލަކާ އެކު ޖީބަށް ފައިސާ ވަންނަ ގޮތެއް ހަދަން ކަމަށެވެ.

ނާޒިމް ވިދާޅުވީ، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ ރައްޔިތުންނަށް ފައިސާ ލިބޭނެ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނުއަސާސީން ކޮންމެ ސަރުކާރެއްގެ މައްޗަށް ވެސް ލާޒިމު ކަމެއް ކަމަށެވެ. އެކަމަކު، އެ ކަން ވެސް ފުރިހަމަ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، މ. އަތޮޅުގެ އިގްތިސޯދު ކުރިއެރުވުން އޮތީ އެ އަތޮޅުގެ އެއާޕޯޓްގެ ހުވަފެން ހަގީގަތަކަށް ހަދައިގެން ކަަމަށެވެ. އެ އެއާޕޯޓަށް ދަތުރުކުރަން ލުއި ގޮތްތަކެއް ހަމަޖައްސައިދީގެންނެވެ. މ. އަތޮޅުގައި ޓޫރިޒަމް ފައިދާ ނެތް އިރު ނާޒިމް ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރެއްގައި އެންމެ އިސްކަންދޭނެ އެއް ކަމަކީ އެ އަތޮޅުގެ އެއާޕޯޓް ފުރިހަމަ ކޮށްދިނުމެވެ.

"ގަނެފައި އޮންނަ ފޯނަކީ ކޮންމެވެސް ތަނަކަށް ދަރާފައި އޮތް ފޯނެއް. އަރާފައި ހުންނަ ސައިކަލަކީ ދަރާފައި އޮތް ސަައިކަލެއް. ބޭންކަށް ދިޔައިއްޔާ ބޭންކަށް ދަރާފައި. ކްރެޑިޓް ކާޑަށް ލާރި ނުދެއްކޭ ހާލަތުގައި މީހުން މި ތިބީ. ގެ ހެދުމަށްޓަކައި ނަގާ ލޯނަކީ ދެއްކޭ އެއްޗެއްގެ ގޮތަކު ނޫން މި އޮންނަނީ. ލިބޭ މުސާރަ އިން ދެކޮޅެއް ނުޖެހޭ. މީހުން މި ތިބީ ހާލުގައި،"--- ނާޒިމް

ވިދާޅުވީ، އެމްޓީސީސީއަކީ ގާބިލް ކުންފުންޏަކަސް އެފަދަ މަސައްކަތްތައް ނުކުރެވެނީ އިސްކަންދޭ ތަރުތީބުގެ ސަބަބުން ކަމަށެވެ.

"އެއް އަހަރު ނުވަތަ ދެ އަހަރުން އެޅޭ އެއާޕޯޓް އެބަ އަޅާ އެހެން ތަންތާނގައި. އެހެނަސް މ. އަތޮޅަށް މި އޮތީ ސަރުކާރުން އިހުމާލު ވެފައި. މި އިހުމާލު ނުވެފައި އޮތް ނަމަ މިހެންނެއް ނުވާނެ. އެހެންވީމާ ގަބޫލު ކުރައްވާ އަޅުގަނޑު މި އަންނަނީ މި އަތޮޅުގެ ތަރައްގީއަށްޓަކައި އެއާޕޯޓް އަޅަން،" އޭނާ ވިދާޅުވި އެވެ.

"މި އެއާޕޯޓް އެޅުނީމާ ގަބޫލުފުޅު ކުރައްވާ ތިބޭފުޅުންނަށް ތަރައްގީ އެ ފެށުނީ."

ނާޒިމް ވިދާޅުވީ، ރަށްރަށުގައި ގެސްޓް ހައުސް ސަރުކާރުން ހަދައި ދިނުމަކީ އޭނާގެ ސިޔާސަތެއް ކަމަށެވެ. ސަރުކާރުން ގެސްޓް ހައުސްތައް އިމާރާތް ކޮށްދިނަސް އޭނާ ވިދާޅުވި ގޮތުގައި އޭގެ ހަރަދު އެ ލިބޭ ބަޔަކު އަދާކުރަން ދިގު މުއްދަތެއް ލިބޭނެ އެވެ. އޭގެ ނަތީޖާއަކީ ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ލިބުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކެމްޕެއިން ޖަލްސާއެއްގައި ނާޒިމާއި އެމްއެންޕީގެ ދެ ނައިބު ރައީސުން ކަމަށްވާ ރިޔާޒާއި އުޝާމް.
ކެމްޕެއިން ޖަލްސާއެއްގައި ނާޒިމާއި އެމްއެންޕީގެ ދެ ނައިބު ރައީސުން ކަމަށްވާ ރިޔާޒާއި އުޝާމް.

އޭނާ ވިދާޅުވިގޮތުގައި މިއަދު ޒުވާނުންނަށް ވިސްނައިދީފައި ވަނީ 8،000ރ. އަކީ އެ މީހުންނަށް ހައްގު ވަރު ކަމަށެވެ. ސަރުކާރުގެ ބައެއް ކުންފުނިން ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުވައްޒަފުން ނަގައި އެ މީހުން ތިބެނީ ގޭގައި ބަތިއްބާފައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެއްވެސް ހަރަކާތަކަށް އެ މީހުންނަށް ނުކުމެވޭކަށް ނެތް. އެ މީހުން މި ތިބީ ފިއްތާލާފައި. އެ މީހުން ބޭރަށް ބޯ ދިއްކޮށްލައިފި ކަމުގައި ވިޔަސް ވަޒީފާ އިން ވަކިކުރާ އެ މީހުންގެ މިނިވަންކަން ގެއްލުވާލައިފި،" އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ އެއް ސިޔާސަތަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި މިހާރަށް ވުރެ ލުއި ގޮތަކަށް ފައިސާ ހަމަޖައްސައި ދިނުމެވެ. ދެ ޖިންސުގެ މީހުންނަށް ހާއްސަކޮށް ޒުވާނުންނަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމު އޭނާގެ ވެރިކަމެއްގައި ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.