އެމްއެންޕީގެ ވެރިކަމެއްގައި ޒުވާން މަސްވެރިންނަށް ޒަމާނީ މަސްދޯނިތައް ބަނދެދީ، ދިގު މުއްދަތަކަށް ފައިސާ ދައްކާ އުސޫލުން ދޫކުރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކެމްޕެއިންގައި މ. މުލަކުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީ ވެރިކަމެއްގައި މަސްވެރިކަމަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނަވާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ، ޒަމާނީ މަސްދޯނިފަހަރު ބަނދެ، އެ ބޭނުންވާ ފަރާތްތަކަށް ދޫކުރުމެވެ.
"މި ދޯނިތަކަކީ ޒަމާނީ ފެންވަރަށް ބަނދެފައި ހުންނަ ދޯނިތަކަކަށް ހަދާނަން. އަދި މި ދޯނިތައް އެދޭ ފަރާތްތަކަށް ދޫކޮށް ފައިސާ ދައްކަން ޖެހޭނީ ދިގު މުއްދަތަށް. ގަބޫލު ކުރައްވާ, ތައްޔާރަށް ތިއްބަވާ, ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ތެރޭގައި ޒަމާނީ ފެންވަރުގެ މަސްދޯނިތައް ތިޔަ ބޭފުޅުންގެ އަތްޕުޅަށް އަރާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މަސް ދޯނިފަހަރުގައި މިހާރު އޮތް އެންމެ ބޮޑު ތަކުލީފަކީ ފިނިކުރާނެ ނިޒާމެއް ނެތުމެވެ. އެކަން ހައްލުކުރުމަށް އެމްޓީސީސީން ދޯނިތަކުގައި ޔަމްމާ އިންޖީނު އަޅާ އުސޫލުން އެމްއެންޕީގެ ސަރުކާރެއްގައި ދޯނިތަކުގައި ފިނިކުރާ ނިޒާމް ވެސް ދިގު މުއްދަތަކަށް ފައިސާ ދައްކާ އުސޫލުން އަޅައިދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މަސްވެރި ގިނަ ރަށްތަކަށް ކުރި ދަތުރުން ފާހަގަވި ކަމަކީ، ތެލު އަގު ބޮޑުވުމާއި މަސް ކިރުވޭ އަގު ދަށްވުމުގެ ސަބަބުން މަސްވެރިކަމަށް ލިބެމުންދާ ގެއްލުން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި މަސް ރައްކާކުރާނެ ގިނަ ތަންތަން ހަދައި، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އުފުލޭއިރު އެ މަސްތައް ވިއްކުމުގެ އިންތިޒާމް ހަމަޖައްސަވާނެ ކަަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އޭރަށް ލިބޭ އަދަދު ބޮޑުވާނެ. އޭރަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު ވެސް ބޮޑު ކުރެވޭނެ. އަޅުގަނޑުމެން ޖެހި ހިސާބުން 22 ރުފިޔާގައި މަހުގެ ހިފެހެއްޓޭނެ ވާހަކަ ދަންނަވާލަން،" ނާޒިމް ވިދާޅުވި އެވެ.