ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ އަށް ޔުއޭއީ އިން ގޯލްޑެން ވިސާ 10 އަހަރުގެ މުއްދަތަކަށް ދީފި އެވެ.

މި ވާހަކަ އެ ގައުމުގެ ޖެނެރަލް ޑިރޮކްޓަރޭޓް އޮފް ރެޒިޑެންސީ އެންޑް ފޮރިނާ އެފެއާޒް (ޖީޑީއާރްއެފްއޭ) އިން ޓްވިޓާގައި ވެސް އާންމުކޮށްފައިވެ އެވެ. ގޯލްޑަން ވިސާ އަކީ ޔުއޭއީ އިން ދޫކުރާ އެކްސްކޫލްސިވް ވިސާއެކެވެ. އެ ވިސާގެ އެހީގައި އެ ގައުމުގައި އިތުރު ނެޝަނަލް ސްޕޮންސައަކާ ނުލައި ދިިރިއުޅުމާއި ވަޒީފާ އަދާކުރުމާއި ވިޔަފާރި ހިންގުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު ލިބިދެ އެވެ.

ޔޫއޭއީ އިން ކުރިން ގޯލްޑެން ވިސާ ދޫކޮށްފައިވާ ފުޓްބޯޅަ ތަރިންގެ ތެރޭގައި ޔުވެންޓަސް އަށް ކުޅޭ ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޗެލްސީގެ ލެޖެންޑް ޑިޑީއާ ޑްރޮގްބާ އާއި ބާސެލޯނާގެ ކުރީގެ ތަރި ސެމުއެލް އެޓޫ ހިމެނެ އެވެ.

މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑީނިއޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާއާ އެކު ބްރެޒިލް 2002 ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވާ އިރު، ރޮނާލްޑީނިއޯ އަކީ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ދެ ފަހަރު ހާސިލުކޮށްފައިވާ ތަރިއެކެވެ. އަދި އޭނާ އަށް ބެލެން ޑިއޯ އެވޯޑު ވެސް ލިބިފައިވެ އެވެ.

ޕްރޮފެޝަނަލް ފުޓްބޯޅައާ ދުރުވި ނަމަވެސް ރޮނާލްޑީނިއޯ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ މީހެކެވެ. އެގޮތުން ޔޫއޭއީގެ މި ފަހަރުގެ ދަތުރުގެ ތެރެއިން އެ ގައުމުގައި ވެސް ފުޓްބޯޅައިގެ ހަރަކާތްތަކެއް "ފުޓްބޯލް ފިއެސްޓާ" ގެ ނަމުގައި ހިންގާނެ އެވެ.