އެމެރިކާގެ މިސިސިޕީގެ ގެޔަކަށް ވަދެ އުޅުނު ވަގަކު އެ ގޭގައި އޮންނަ ބުޅަލުގެ އަތްދަށުވެއްޖެ އެވެ.

މިސިސިޕީގެ ބެލްޑެންގައި ދިރިއުޅޭ އުމުރުން 68 އަހަރުގެ ފްރެޑް އެވެރިޓްގެ ގެއަށް މިދިޔަ ހަފުތާގައި ދެ ވަގުން ވަތް އިރު އެވެރިޓް އޮތީ ނިދާށެވެ.

ގެއަށް ވަގުން ވަތް އިރު ހޭލާ އުޅުނީ ފްރެޑްގެ ބުޅާ "ބެންޑިޓް" އެކަންޏެވެ. ވަގުން ގެއިން ވައްކަން ކުރުމުގެ ކުރިން ބެންޑިޓަށް އެކަން އެނގުނެވެ.

ބުޅާ ގޮސް ފްރެޑަށް ގޮވައި، ފްރެޑްގެ ގައިގައި ވަކި އަޅަން ފެށުމުން އޭނާ އަށް ހޭލެވުނެވެ. ދެން ބެންޑިޓް ދިޔައީ ވަގުން ތިބި ތަނަށެވެ.

"އެއީ މީގެކުރިން އެއްގޮތަކަށް ވެސް ބެންޑިޓް އުޅުނު ގޮތެއް ނޫން. އެހެންވެ ހީވެއްޖެ ކަމެއް ގޯސްވެއްޖެ ހެން،" ފްރެޑް ބުންޏެވެ.

ފްރެޑްގެ ގޭގެ ތިރީ ބަޔަށް ދިޔައިރު ދެ ވަގުން ތިބި ކަމަށް އޭނާ ބުންޏެވެ. އެކަކު އަތުގައި ބަޑިއެއް އޮތުމުން ފްރެޑަށް ފުލުހުންނަށް ގުޅޭ ގޮތެއް ނުވި އެވެ. ނަމަވެސް އެ ހާލަތުގައި ބުޅާ އަޑުގަދަކޮށް އެމީހުންނާ ދިމާލަށް ގޮސް ދަތް އަޅަން ފެށުމުން ދެމީހުން ދުވެފައި އެ ގެއިން ފިލީ އެވެ.

މިސިސިޕީ ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހިމެނޭ ކަމަށް ޝައްކު ކުރެވޭ ދެ މީހަކު ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ.