އެމެރިކާގައި ފުރާވަރުގެ އުމުރުގެ ޒުވާނަކު 35،000 ޑޮލަރު (539،700 ދިވެހި ރުފިޔާ)ގެ ޗުއިންގަމް ވަގަށް ނެގުމުން ޖަލަށް ލައިފި އެވެ.

އުމުރުން 18 އަހަރުގެ ކިއޯން ސޭންޑަސަން ނަމަކަށް ކިޔާ އެ ޒުވާނާ ވަނީ އެމެރިކާގެ އިލިނޯއި ސަރަހައްދުގައި ގިނަ އަދަދަކުން ޗުއިންގަމް ވަގަށް ނަގައިފަ އެވެ.

އޭނާ 19 ޕެލެޓްގެ ޗުއިންގަމް ވަގަށް ނެގީ ޑެލިވަރީ ކުރަމުން ގެންދިޔަ ލޮރީއަކުންނެވެ، އެ ވައްކަން ކުރީ ލޮރީގެ ޑްރައިވަރު އޭގެ ތެރޭގައި ނިދާފައި އޮތް ވަގުތު ބެލުމަށް ފަހުގަ އެވެ.

ކިއޯންގެ އެކުވެރިއަކު ވެސް އެ ވައްކަމުގައި ބައިވެރިވިއިރު، އެ އެކުވެރިޔާގެ ކާރަށް ހުރިހާ ޕެލެޓެއް އެޅުމުން އެ ކާރު ދުއްވީ އެކުވެރިޔާ އެވެ. އެ މަންޒަރު ފެނުމުން ލޮރީގެ ޑްރައިވަރު އެ މައްސަލަ ފުލުހަށް ހުށަހެޅީ އެވެ.

މިދިޔަ މޭ މަހުގައި ހިންގި އެ ވައްކަމާ ގުޅިގެން ފުލުހުން އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ ހަފުތާގަ އެވެ،

އެ ދެ މީހުން ހައްޔަރު ކުރުމުން ވަގުތުން ޖަލުން ނުކުތުމަށް ބޭނުންވެ އާއިލާގެ އެހީ ހޯދުމަށް ފަހު ދެ މީހުން ވަނީ ކަފާލާތުން ޖަލުން ނުކުމެފަ އެވެ. ނަމަވެސް ދެ މީހުންނަށް ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް ކޯޓުން އަންގަ އެވެ. އެކަމަކު ދެ މީހުން ދައްކަން ޖެހޭނެ ފައިސާގެ އަދަދު އަދި ނޭނގެ އެވެ.