އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ވާދަވެރިން ކުޑަ ތަންކޮޅެއް ބަދަލުކޮށްލައިގެން ވަމުންދާތީ ޒުވާނުން އެކަން ސިފަކުރަނީ އެޕަލް އާއި އެންޑްރޮއިޑްގެ ވާދަވެރިކަމެއް އައިސްގެން އުޅޭ ގޮތަށް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ އިންތިހާބުގެ ކެމްޕޭނުގައި ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ އޮޅުވެލިފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިންތިހާބުގެ ކަންކަން ދާ ގޮތް އެމަނިކުފާނާ އަރިހުގައި ދަތުރުކުރައްވާ ބައެއް ޒުވާނުން ގާތުން ސާފުކުރެއްވި ކަމަށެވެ.
"އެ ކުދިން ބުނީ ވަރަށް މަޖާ ކަމެއް އެބަވެއޭ. އެޕަލް ފޯނާއި އެންޑްރޮއިޑް ފޯނަށް ވާ ކަހަލަ ގޮތެކޭ. އެޕަލް އިން ބުނާނޭ މިފަހަރު ތިމަންނަމެން ނެރޭ ފޯނުގައި ތިން ކެމެރާ އިންނާނެއޭ. ހަމަ ބުނާއިރަށް އެއް ހަފުތާ ފަހުން އެންޑްރޮއިޑުން ބުނާނެއޭ ތިމަންނަމެން ނެރޭ ފޯނުގައި ހަތަރު ކެމެރާ ބައިންދާނަމޭ. ހަމައެހެން މިވަނީ،" ވާދަވެރިންގެ ވައުދުތައް ދުނިޔޭގެ އެންމެ މަޝްހޫރު ދެ ފޯނު ބްރޭންޑުގެ ވާދަވެރިކަމުން މިސާލު ނަންގަވައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ވާދަވެރިންގެ ފަރާތުން ވެސް ފެންނަމުންދަނީ އެފަދަ މަންޒަރެކެވެ. އެމަނިކުފާނުގެ ވައުދުތައް ބަދަލުކޮށްލައިގެން ވާދަވެރިން މިހާތަނަށް ދެއްކެވި ވާހަކަތަކުން ބައެއް މިސާލު ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހައުސިން ލޯނު ހަ ޕަސަންޓަށް ކުޑަކޮށްދޭނަމޭ ބުނީމާ އަނެއް ދުވަހު އަރާފަ މިބުނަނީ ފަސް ޕަސަންޓަށް ހަދާނަމޭ. އަޅުގަނޑުމެން ރޯދަ މަހުގެ ފަހު 10 ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިދޭން ބުނީމާ، އިހަށް ދުވަހު ވިދާޅުވެއްޖެ އެ 10 ދުވަސް ބަންދުކުރާނަމޭ،" އެމަނިކުފާނުގެ ވައުދުތައް ކުޑަކޮށް ބަދަލުކޮށްލައި ގޮތް ސިފަކުރައްވައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިވެނި ރަށެއްގައި 1200 މީޓަރުގެ އެއާޕޯޓެއް އަޅާނެ ކަމަށް ބައެއް ކެންޑިޑޭޓުން ވިދާޅުވާއިރު އެ ރަށުގައި 1،600 މީޓަރުގެ އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށައިގެން މި ސަރުކާރުން ކުރިއަަަށް އެބަގެންދެ އެވެ.
އެއްވެސް ރަހުނެއް ނެތި އެސްއެމްއީ ލޯނު އެމަނިކުފާނުގެ ސަރުކާރުން ދެމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓް ހަމަ އެ ވައުދު ވެވަޑައިގެންފައިވާ ކަމަށެވެ.
"މިއީ މިހާރު ވެސް ކުރަމުންގެންދާ ކަންތައްތައް. އެހެންވީމާ ތި ބޭފުޅުން ވިސްނާވަޑައިގަންނަވަން ޖެހޭނެ ވާދަވެރިން ދައްކާ ވާހަކަތަކާ ދޭތެރޭގައި. އަޅުގަނޑަށް ހަމަ ޔަގީން ކުރިއަށް މިއޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި މިވަރުގެ ތަފްސީލީ މިއަށް ވުރެން ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފައިދާ ކުރަނިވި މެނިފެސްޓޯއެއް ހިފައިގެން ނުކުމެ ހުންނެވި ބޭފުޅެއް ނުހުންނާނެ ކަން،" ރައީސް ވިދާޅުވި އެވެ.
އެއާ އެކު، ރައީސް އެދިވަޑައިގެންނެވީ ވާދަވެރިން ދައްކާ ވާހަކަތަކާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނުމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯ ފިޔަވައި، ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދޭނެ ވާދަވެރި މެނިފެސްޓޯ އެއް ނެތް ކަމަށް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 600 އެއްހާ މީހުންގެ އަބާދީ އެއް އޮންނަ އޮޅުވެލިފުށި ބާކީވެފައި އޮއްވައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި ދެން އަންނަ ދައުރަކަށް އިންތިހާބު ވެވަޑައިގެންފިިނަމަ، އެ ރަށުގެ ބިން ހިއްކައި، ފްލެޓު ނޫނީ ރޯ ހައުސް އަޅައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.