ޅ. އޮޅުވެލިފުށީގެ ބަނދަރު ކައިރީގައި ހުރި ޖޯއްޔެއްގައި އިށީނދެލައިގެން ޒާހިރާ އަބްދުއްރަހީމް އިނީ ކުޑަކޮށް މާޔޫސް ވެފަ އެވެ.
"ސްކޫލަށް ކުދިން ގެންދަން ޖެހޭނެ 12:45 އަށް،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެނދުނު 11:00 އަށް އެ ރަށަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮއްވައި އެ ދަތުރުފުޅު މެންދުރު 12:30 އަށް ލަސްވިކަން އިއުލާނުކުރުމުން ގިނަ ބަޔަކަށް ރައީސަށް މަރުހަބާ ކިޔަން ނުނުކުމެވިދާނެތީ ކަންބޮޑުވެފައި ހުރި ޒާހިރާއްތަ ބުންޏެވެ.
އެ ރަށުގެ ގިނަ ބަޔަކު، ހާއްސަކޮށް އަންހެންވެރިން، ދަރިންކޮޅު ގޮވައިގެން ބަނދަރުމަތީގައި ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައި އެވެ. މާލޭގައި ދިރިއުޅުނަސް، ޒާހިރާއްތަ ވެސް އެ ރަށަށް އައިސް ހުރީ ރައީސް ދެކިލާށެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔައި، އޭނާ ކުރާ ތާއީދު ދައްކާށެވެ.
"އޮޅުވެލިފުއްޓަކީ ހުރިހާ ސަރުކާރެއްގައި ވެސް ބާކީ ވެފައި އޮތް ރަށެއް. އެއް ކަމެއް ވެސް ކޮށްނުދޭ މި ރަށަށް މީގެ ކުރިއަކުން. މި ކަހަލަ ކުދި ރަށްތައް ފެނުނީ [މިހާރުގެ] ރައީސަށް،" އޭނާ ބުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޮޅުވެލިފުއްޓަށް ވެވަޑައިގެންނެވި ގިނަ ވައުދުތައް އަދި ފުއްދައި ނުނިމެ އެވެ. މި ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް އޮތީ އެވެ. ސްކޫލްގައި އިތުރު ކްލާސް ރޫމް ހެދުމުގެ މަސައްކަތް ނުވެސް ފެށެ އެވެ. ބަނދަރު ބޮޑުކުރުމާއި ފުޓުބޯޅަ ދަނޑު މަރާމާތުކުރުން އަދި އޮތީ ބީލަން މަރުހަލާގަ އެވެ.
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދޭން ޒުލައިހާ އަށް އެވަރު ވެސް ފުދެ އެވެ.
"[އޮޅުވެލިފުއްޓަށް ކޮށްދޭން ރައީސް އިއުލާން ކުރެއްވި ކަންކަން] ނުނިމުނަސް، ފެށުނު ކަން ވެސް އެއީ ވަރަށް ބޮޑު ވަރު. މީގެ ކުރިން އެއްވެސް ކަމެއް ނުކޮށްދީ އޮތީމާ. ދެން ދެވަނަ ދައުރަކަށް އައިސް މި ހުރިހާ ކަމެއް ނިންމާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު ޒުލައިހާ އަށް އޮތީ ގުޑުވައިނުލެވޭނެ ޔަގީން ކަމެކެވެ.
އެއީ ބަނދަރު ސަރަހައްދުގައި ރައީސްގެ އިންތިޒާރުގައި ތިބި އެންމެންގެ ވިސްނުން ހުރި ގޮތެވެ. އޮޅުވެލިފުށި ބާކީ ވެފައި އޮއްވައި، އެ ރަށް "ފެނުނު" ހަމައެކަނި ވެރިއަކީ ޅ. އަތޮޅުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވާތީ އެވެ.
"ވަރަށް ބަރާބަރު މީހެއް އެއީ. އަނެއްކާ އަހަރެމެން އަތޮޅު މީހެއް ދޯ އެއީ؟،" ޒާހިރާއްތަ ކައިރީގައި ޖޯލީގައި އިން ސާދުނާ ބުންޏެވެ.
"އަތޮޅު ރައީސެއް ވީމަ ކަން ނޭނގޭ ދޯ މި ކަހަލަ ކުދި ރަށްތަކަށް އެހާ އަޅާލަނީ."
އެ ރޫހުގައި، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އޮޅުވެލިފުށީގެ އިތުރުން މުޅި ޅ. އަތޮޅުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމާ މެދު އެ މީހުންގެ ހިތުގައި ޝައްކެއް ނުހިނގަ އެވެ.
"ހަމަ އަސްލު ވެސް ސޯލިހެއް އެއީ. އިރާދަކުރެއްވިއްޔާ ހަމަ އެއްބުރުން،" ރައީސާ ސަލާން ކުރަން ސަފު ހަދަން ހިނގައިގަތުމުގެ ކުރިން ޒާހިރާއްތަ ދިން ޔަގީންކަމަކީ އެއީ އެވެ.