މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އުފެއްދުމުގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެ ޕާޓީން ވަކިވީ މިވަގުތަށް ސިޔާސީ ކަންކަމުން ދުރުވުމަށް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ލޭބާ ޕާޓީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުންނާއި މެމްބަރުކަމުން މިހަފުތާގައި ވަކިވެފައިވާ ހަސީން މިއަދު "މިހާރު" އަށް ވިދާޅުވީ އޭނާ ޕާޓީން ވަކިވީ އެ ޕާޓީގެ ލީޑާޝިޕާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ. މިވަގުތު ބޭނުންވަނީ ގާނޫނީ ބައެއް އަމިއްލަ މަސައްކަތްތަކަށް ވަގުތު ދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްވެސް މަގާމަކަށް ދިއުމުގެ ވިސްނުމެއް ވެސް ނުގެންގުޅުއްވާ ކަމަށް ހަސީން ވިދާޅުވި އެވެ.
"ވަކި އެޖެންޑާއެއް އޮވެގެނެއް ނޫން. ސިޔާސީ ކަންކަމަށްވުރެ އަމިއްލަ މަސައްކަތުގައި އުޅެން ވެގެން މިވަގުތަށް ސިޔާސީ ކަންކަމުން މިދުރުވެލީ،" ކުރިން އެމްޑީޕީގައި އުޅުއްވި ހަސީން ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ސިޔާސީ ކަންކަމުން ފެނިދާނެތޯ ސުވާލު ކުރުމުން ހަސީން ވިދާޅުވީ އެކަމަށް އަދި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
ހަސީންގެ އިތުރުން ދެން އެ ޕާޓީގެ ލީޑާޝިޕަށް އިންތިޚާބު ކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގު ހޯދައިދިނުމަށް އުފައްދާފައިވާ ޖަމިއްޔާގެ އިސް މެމްބަރު މައުރޫފް ޒާކިރާއި އިތުރު 13 މީހެކެވެ.
އެ ޕާޓީ އުފެއްދި ސަބަބާ ގުޅޭގޮތުން ކުރިން ބުނެފައިވަނީ މިހާތަނަށް އުފައްދާފައިވާ ސިޔާސީ ޕާޓީތަކުން މުޅިން މަސައްކަތްކުރަނީ ވެރިންނާއި ވިޔަފާރިވެރިން އަންގާ ގޮތަށް ކަމަށް ވިޔަސް ލޭބާ ޕާޓީން އުޅޭނީ މަސައްކަތްތެރިންގެ ހައްގުގައި ކަމަށެވެ.