މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އުފެއްދުމުގެ އާއްމު ޖަލްސާ މިރޭ ބާއްވައި އެ ޕާޓީގެ ވަގުތީ ކައުންސިލާއި ޕާޓީގެ މުހިންމު ކަންކަން ފާސްކޮށްފި އެވެ.
އެމްޑީޕީގައި ކުރިން މަސައްކަތް ކުރެއްވި އަދި ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްވެ ހުންނަވައިގެން އުފައްދާ ލޭބާ ޕާޓީގެ އާއްމު ޖަލްސާ ބޭއްވީ 317 މެމްބަރުންނާ އެކު ދަރުބާރުގޭގަ އެވެ. އެ ޖަލްސާގައި، އެ ޕާޓީގެ ނަމާއި ލޯގޯ އާއި ކުލަ ވަނީ ފާސްކޮށްފަ އެވެ. ލޭބާ ޕާޓީގެ ކުލަ އަކަށް ފާސްކުރީ ރަތް ކުލަ އާއި ކަޅު ކުލައިގެ އިތުރުން ހުދު ކުލަ އެވެ. ޕާޓީ ލޯގޯ އިން ފެންނަނީ ބިންގަލެއްގެ މަތީގައި ބަހައްޓާފައިވާ ފަސް ތަނބުގެ ގުއްބެކެވެ.
އެ ޕާޓީގެ ވަގުތީ ލީޑާޝިޕަށް 15 މެމްބަރުން ވަނީ އިންތިޚާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ހަސީންގެ އިތުރުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގު ހޯދައި ދިނުމަށް އުފައްދާފައިވާ ޖަމިއްޔާގެ އިސް މެމްބަރު މައުރޫފް ޒާކިރު އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވެސް 13 ބޭފުޅަކު ވަނީ އިންތިޚާބު ކޮށްފަ އެވެ.
ލޭބާ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާއިރު، ހުރިހާ ކަމެއް ވެސް ފާސްކުރީ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
ލޭބާ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ، އިޖުތިމާއީ ހިދުމަތްތެރިޔާ، މުހައްމަދު ޝިހާބެވެ. އަދި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވެސް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ލަތީފް ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން ރަޖިސްޓަރީ ކޮށްފައިވާ އެމްޓީޑީ އުފެއްދުމުގެ ޖަލްސާގައި ވެސް ހާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. އެކަމަކު، އެ ޖަލްސާގައި ލަތީފް ވާހަކަ ދެއްކެވި އެވެ.
މިރޭގެ ޖަލްސާގައި ހަސީން ވިދާޅުވީ ލޭބާ ޕާޓީ އަކީ މަސައްކަތްތެރިން އެ މީހުންގެ ހައްގު ހޯދުމަށް ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވާނެކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށެވެ. މިހާތަނަށް އުފައްދާފައިވާ ސިޔާސީ ޕާޓީތަކުން މުޅިން މަސައްކަތް ކުރަނީ ވެރިންނާއި ވިޔަފާރިވެރިންގެ އަންގާ ގޮތަށް ކަމަށް ވިޔަސް ލޭބާ ޕާޓީން އުޅޭނީ މަސައްކަތްތެރިންގެ ހައްގުގައި ކަމަށް ހަސީން ވިދާޅުވި އެވެ.
"މަސައްކަތްތެރިން ތިބީ މުޅިން ބާކީ ވެފައި. އެ ކަން ހައްލު ކުރަން މި ޕާޓީ މި އުފެއްދީ. މުޅިން ވެސް ހިމާޔަތް ކުރެވެނީ ވަޒީފާ ދޭ ފަރާތުގެ މަސްލަހަތު. އަޅުގަނޑުމެން މަސައްކަތް ކުރާނީ ވަޒީފާ އަދާކުރާ މީހުންގެ ހައްގުގައި،" ހަސީން ވިދާޅުވި އެވެ.
ރާއްޖެ އަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި އެންމެ އަގު ބޮޑު މަންޒިލަށް ވެފައި ރައްޔިތެއްގެ ބޮލަށް 9،000 ޑޮލަރު ޖެހޭކަން ފާހަގަ ކުރައްވައި ހަސީން ވިދާޅުވީ، އެހެން ނަމަވެސް ދިވެހިން އުޅެން ޖެހިފައިވަނީ އަސާސީ ބޭނުންތައް ނުފުއްދި ކަމަށެވެ.
ހަސީން ވިދާޅުވި ގޮތުގައި، ލޭބާ ޕާޓީ ވާނީ ރާއްޖޭގެ އިގްތިސާދާއި ވިޔަފާރިތައް ކުރިއަރުވައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްްދިނުމަށް މަސައްކަތް ކުރާނެ ޕާޓީ އަކަށެވެ.
ލޭބާ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް ފަސް ޖަމިއްޔާއަކުން އެއްބަސްވެ މިރޭ ވަނީ އެ ޖަމިއްޔާތަކާ ލިޔުން ހަވާލު ކޮށްފަ އެވެ. އޭގެ ތެރޭގައި ޓޫރިޒަމް އެމްޕްލޯޔާސް އެސޯސިއޭޝަނާއި ޓީޗާސް އެސޯސިއޭޝަން ހިމެނެ އެވެ.