ހދ. ނޮޅިވަރަންފަރުގައި އަޅާލާނެ މީހަކު ނެތި ހާލުގައި ޖެހިފައިވާ ލޯފަން މީހެއް ކަމަށްވާ އާދަމް އަލީ (އާދަމްބެ)، ގަރީބީ ވިލާ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އުމުރުން 75 އަހަރުގެ އާދަމްބެގެ ހާލު ސީރިއަސްވީ މި މަހުގެ 10 ވަނަ ދުވަހު ސްޓްރޯކެއް ޖެހުމުންނެވެ. އޭނާ ބަލަހައްޓައިދީ އަޅައިލާނެ މީހަކު މިހާރު ނެތެވެ. މިދިޔަ ބުދަދުވަހު ރަށު ކައުންސިލުން ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އާދަމްބެ ގެންގޮސްދޭން އެދިފަ އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް އާދަމްބެ ގެންދިޔައީ އިއްޔެ ކަމަށެވެ. އޭނާގެ މެޑިކަލް ޗެކަޕް ހެދުމަށް ފަހު ގުރައިދޫ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލުން މެޑިކަލް ޗެކަޕް ހެދުމަށް ފަހު މިހާރު މިގެންދަނީ އޭނާ ގުރައިދޫ މަރުކަޒަށް ބަދަލުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އާދަމްބެ އަކީ ލޯފަން މީހަކަސް، މީގެ ކުރިން ފެންވަރައި ހިނގާ ބިނގާވެ އުޅުނީ އެކަންޏެވެ. ނަމަވެސް ސްޓްރޯކްގެ ސަބަބުން މިހާރު އަމިއްލައަށް އެފަދަ ކަމެއް ވެސް ނުކުރެ އެވެ.

މީގެ ކުރިން އާދަމްބެ އަށް ކާންދީ ހެދީ ތިމާގެ އަަންހެނުންތަކެކެވެ. އެކަމަކު އެ މީހުންނަށް ފިރިހެނަކު ސާފުތާރިހުކޮށް ހެދޭކަށް ނޯވެ އެވެ. އެހެންކަމުން ދުވަސްވީ މީހުންނަށް ލިބޭ 5،000 ރުފިޔާ ދީގެން އާދަމްބެ ބަލަހައްޓާނެ މީހަކު ހޯދަން މަސައްކަތްކުރި އެވެ. އެކަމަކު އެރަށުން އޭގެ މީހަކު ލިބޭ ގޮތެއް ނުވި އެވެ.

އާދަމްބެގެ ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައި ވިޔަސް އެއީ އޭނާގެ ދަރިއެއް ކަމަށް ގަބޫލުނުކުރާ ކަމަށްވެ އެވެ. އެހެންކަމުން އެ އަންހެންމީހާގެ އެއްވެސް އެހީތެރިކަމެއް އޭނާއަށް ނުލިބެ އެވެ.

ދުނިޔޭގައި މިހާރު ހުރީ އާދަމްބެ ތިމާގެ އެންމެ މީހެކެވެ. ނަމަވެސް އެ ފިރިހެންމީހާ ވެސް މިހާރު އޮތީ މުސްކުޅި ބަލީގަ އެވެ.