ހދ. ނޮޅިވަރަންފަރު، ގަރީބީ ވިލާ، އާދަމް އަލީ (އާދަމްބެ)، 75، އަކީ މުސްކުޅި ބަލީގައި އުޅެމުން އަންނަ ލޯފަން މީހެކެވެ. އާދަމްބެ އަށް މި މަހުގެ 10 ވަނަ ދުވަހު ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެފައިވާ އިރު، އޭނާ ބަލަހައްޓައިދީ އަޅައިލާނެ މީހަކު މިހާރު ނެތެވެ.
އާދަމްބެ އަކީ ލޯފަން މީހަކަސް، މީގެ ކުރިން ފެންވަރައި ހިނގާ ބިނގާވެ އުޅުނީ އެކަންޏެވެ. ނަމަވެސް ސްޓްރޯކްގެ ސަބަބުން މިއަދު އޭނާ އޮތީ އެ ކަންކަން ކުރުމަށް ނުކުޅެދިފަ އެވެ. އެކަނި ހާލަށް ނޫޅެވެ އެވެ. ބަލި ހާލުގައި ދުވާލު ހަތަރުދަމު ގޭގައި އޮންނަން ޖެހެނީ އެކަނިމާ އެކަންޏެވެ.
އެންމެ ކުރީންސުރެ ވެސް އާދަމްބެ އަށް ކާންބޯންދެމުން އަންނަނީ އެރަށު އަންހެނެކެވެ. އެ ހުރިހާ ދަރިންނަކީ ވެސް އަންހެނުންނަށް ވާތީ، ތެދުވެ ހިނގާބިނގާވެ ނޫޅެވޭ އާދަމްބެ ފެންވަރުވައި ސާފުތާހިރު ކޮށްދޭނެ މީހަކު ނުހުރެ އެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި އާދަމްގެ އަންބަކު ނުހުންނަ އިރު އޭނާ އަށް ލިބިފައިވަނީ އެންމެ އަންހެން ދަރިއެކެވެ. ނަމަވެސް އެއީ ދަރިއެއް ކަމަށް އާދަމްބެ އިންކާރު ކުރާތީ، އާދަމްބެއާ އެ އަންހެން ކުއްޖާއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ.
ނޮޅިވަރަމްގައި މިހާރު ހުރީ އާދަމްބެގެ ތިމާގެ އެންމެ ފިރިހެނެކެވެ. ނަމަވެސް އޭނާ ވެސް އޮތީ ބަލި އެނދުގަ އެވެ.
"ބައެއް ފަހަރު ސިއްހީ މަރުކަޒުގެ ބޭފުޅުން އައިސް ނޫނިއްޔާ ފުލުހުން އައިސް އާދަމްބެ ސާފުކޮށް ދެނީ. ދާއިމީކޮށް އެކަން ކުރެވޭނެ ގޮތެއް ނެތް،" އާދަމްބެގެ ހާލަތު ކިޔައިދެމުން އަހުމަދު ވިދާޅުވި އެވެ.
ދުވަސްވީ މީހުންނަށް ލިބޭ 5،000 ރުފިޔާ އިން މުސާރަ ދީގެން އާދަމްބެ ބަލަހައްޓާނެ މީހަކު ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބު ނުވި ކަމަށް އަހުމަދު ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ، ލޯފަން އާދަމްބެ ބަލާނެ މީހަކު ނެތުމުން ނޮޅިވަރަންފަރު ކައުންސިލުން ވަނީ މިދިޔަ ހަފުތާގައި އެކަން ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ. ކައުންސިލްގެ އެދުމަކީ އާދަމްބެ ބެލެހެއްޓުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމެވެ.
ކައުންސިލްގެ ރައީސް އަހުމަދު ވިދާޅުވީ މިހަފުތާގެ ތެރޭގައި ވަކި ގޮތެއް ނިންމާނެ ކަމުގެ ޔަގީންކަން ޖެންޑާ މިނިސްޓްރީން ދީފައިވާ ކަމަށެވެ.