ރާއްޖެ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، އެ ބަލި ޖެހުނު މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މި ފަހަރު ޕޮޒިޓިވްވީ، އއ. ކުރަމަތި އައިލެންޑް ރިސޯޓުގެ ދެ ބިދޭސީއެއް ކަމަށެވެ.
އެޗްޕީއޭ އިން ބުނީ، "ކޮންޓެކްޓް ޓްރޭސިން" ގެ ކަންކަން ކުރިއަށް ގެންދާތީ ކުރަމަތި ރިސޯޓަށް އަރައިފޭބުން އަދިވެސް އޮތީ މަނާކޮށްފައި ކަމަށެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އަށް މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ބަތަލާ ރިސޯޓުގެ ދެ މީހަކާއި އަދި އެންމެ ފަހުން އެ ބަލި ފެނުނު ކުރަމަތި ރިސޯޓުގެ ދެ މީހުންނެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
ކުރަމަތި ރިސޯޓަށް އިއްޔެ އިން ފެށިގެން އަރައިފޭބުން މަނާކުރީ، އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ބިދޭސީ ދެމަފިރިއެއްގެ ތެރެއިން އެކެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުންނެވެ.
ކޮވިޑް-19 އާ ގުޅޭ ބައެއް މައުލޫމާތު:
- ކަރަންޓީން ކޮށްފައި ވަނީ ކުރެއްދު އާއި ބަތަލާ އަދި ކުރަމަތި ރިސޯޓު.
- ނެގެޓިވް- 67.
- ޕޮޒިޓިވް- 8
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހާލު ބޮޑުވެގެން މިހާތަނަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައި ވަނީ ބަތަލާ އައިލެންޑު ރިސޯޓުގެ ގެސްޓަކު އެކަންޏެވެ. އުމުރުން 70 އަހަރުގެ އެ މީހާ "ކްލިނިކަލް ސްޓޭބަލް" ކަމަށް ސަރުކާރުން ރޭ ވަނީ ބުނެފަ އެވެ.