ކުރަމަތި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ބިދޭސީ ދެމަފިރިއެއްގެ ތެރެއިން އެކެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނާތީ އެރަށަށް ވެސް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
ދަރުބާރުގޭގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކުރަމަތި ރިސޯޓުން ފެނުނު ޝައްކު ކުރެވޭ މީހާގެ ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ރިސޯޓްގެ އިތުރުން އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސެއްގެ ގައިގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން އޭނާގެ ޓެސްޓު ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށާއި އެރަށަށް ވެސް އަރައި ފޭބުން މި ވަގުތު މަނާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައިވެ އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި މިހާރު މާލޭގައި ވަނީ ދެ ފްލޫ ކްލިނިކް ގާއިމުކޮށްފަ އެވެ. ސެނަހިޔާގައި އެއް ކްލިނިކް ހުރި އެއީ ރާއްޖޭން ބޭރަށް ދަތުރު ނުކޮށް، އެކަމަކު ރޯގާގެ އަލާމާތް ހުންނަ މީހުންނަށް ހާއްސަ ކްލިނިކެކެވެ. އަނެއް ކްލިނިކް ހާއްސަކޮށްފައި ވަނީ ރާއްޖޭން ބޭރަށް ދަތުރުކުރި ފަހުން ރޯގާގެ އަލާމާތް ހުންނަ މީހުންނަށެވެ. ޓްރެވަލް ކްލިނިކްގެ ނަމުގައި ހިންގާ މިތަން ހުންނާނީ ސިނަމާލެ 2 ގެ ފުރަގަހުގަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ދެ މީހުން އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ ރިސޯޓް ވެސް އޮތީ އަރައި ފޭބުން މަނާކޮށް، ބައެއް މީހުން އެ ރަށުގައި އައިސޮލޭޓް ކޮށްފަ އެވެ. އެ ރަށު ދެ މުވައްޒަފަކަށް ބަލި ޖެހުނީ އެތަނުގައި އުޅުނު އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ.
އިޓަލީ ޓޫރިސްޓު މީހާ ކުރެއްދޫ ރިސޯޓުގައި އުޅުނު ދުވަސްވަރު އެ ތަނުގައި ހުރި މުވައްޒަފަކު އޭނާގެ އަމިއްލަ ރަށް ށ. ފޯކައިދު އަށް ދިއުމަށް ފަހު، ބަލީގެ އަލާމާތްތަކެއް ފެނިގެން ފަރުކޮޅުފުއްޓަށް ގެނެސް ޓެސްޓްކުރި އެވެ. އޭނާގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ. އަދި އެ ޓޫރިސްޓް މީހާ މާލެ އައިސް ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ގޮސް އެތަނުގެ މުވައްޒަފަކާ ކޮންޓެކްޓް ވެފައި ވާތީ އޭނާ ވެސް ޓެސްޓްކުރި އެވެ. އޭނާ އަށް ވެސް ވައިރަސް އަރާފައި ނެތްކަން ވަނީ ޓެސްޓްތަކުން އެނގިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.