ނުކައިނުބޮއެ ބަނޑަށް ތިބެގެން މަރުވާ މީހުން ސުވަރުގެއަށް ވަދެވޭނެ ކަމަށް ގަބޫލުކުރާ، ކްރިސްޓިއަން ދީނުގެ ޖަމާއަތެއްގެ މީހުންތަކެއްގެ ތެރެއިން، ބަނޑަށް ތިބެގެން މަރުވި 58 މީހެއްގެ ހަށިގަނޑު، ކެންޔާ ފުލުހުން އިއްޔެ ހޯދައިފި އެވެ.

އެ ގަބޫލުކުރުމަށް އީމާންވެގެން އުޅޭ ޖަމާއަތެއްގެ ތެރެއިން 112 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް، ކެންޔާ ފުލުހުންނަށް ރިޕޯޓްކުރީ އެ ގައުމުގެ ރެޑްކްރޮސް ޖަމާއަތުންނެވެ. އެ ރިޕޯޓް ލިބުމާ ގުޅިގެން ކެންޔާ ފުލުހުން ނުކުމެ، އެ މީހުންތައް ދިރިއުޅުނު ސަރަހައްދު ކަމަށްވާ ކެންޔާގެ އިރުމަތީގައި އޮންނަ ސަކަހޯލާ ޖަންގަލީގެ ބޮޑު ސަރަހައްދެއް ބަލައި ފާސްކުރަމުން އަންނަތާ މިހާރު ދެ ދުވަސް ވެއްޖެ އެވެ.

އެ ޖަންގަލީގެ ތެރެއިން އާދަޔާ ޚިލާފަށް ފަސްގަނޑު ދޫކޮށް އޮތް ސަރަހައްދެއް ފެނުމުން، އެތަން ކޮނެގެން ބެލި އިރު، މަރުވެފައިވާ 58 މީހެއްގެ ހަށިގަނޑު ފެނުނެވެ. އަދި އިތުރު މީހުންގެ ހަށިގަނޑު ފެނޭތޯ ފުލުހުން އަންނަނީ އެ ޖަންގަލީގެ އެކި ސަރަހައްދުތައް ބަލަމުންނެވެ.

އަމިއްލައަށް ހައިހޫނުކަމުގައި ތިބެގެން މަރުވާ މީހުން ސުވަރުގެއަށް ދާނެ ކަމަށް ބުނާ ގަބޫލުކުރުމަކީ، ކެންޔާގެ ކްރިސްޓިއަނެއް ކަމަށްވާ ޕޯލް މެކެންޒީ އާއި އޭނާގެ އަންހެނުން 2003 ވަނަ އަހަރު އުފަންކޮށް، ކެންޔާގެ ކްރިސްޓިއަނުންގެ މެދުގައި ފަތުރަމުންދާ ގަބޫލުކުރުމެކެވެ. އޭނާ އުފައްދާފައިވާ މި ޖަމާއަތަށް ދީފައިވާ ނަމަކީ، ގުޑް ނިއުސް އިންޓަނޭޝަނަލް ޗާޗް އެވެ.

ޕޯލް އަކީ ސީދާ ކަލާނގެއާ ވާހަކަ ދެކެވޭ މީހެއް ކަމަށް ދައުވާކޮށް، ހައިހޫނުކަމުގައި ހުރެ މަރުވުމުން އީސާގެފާނާ ބައްދަލުވާނެ ކަމަށް ބުނެ ފަތުރާ ވާހަކަތަކަށް، ކެންޔާގެ އެތައް ސަތޭކަ ބަޔަކު މިހާރު ތިބީ ތަބާވެގެންނެވެ. ޕޯލްގެ ބަހަށް ހެއްލިގެން ހައިހޫނުކަމުގައި ތިބެގެން އެތައް ބަޔަކު މަރުވި މައްސަލައިގައި، ކެންޔާ ފުލުހުން މިހާރު ވަނީ ޕޯލް ހައްޔަރުކޮށްފަ އެވެ.

ކެންޔާގެ ނޫސްތަކުން ބުނާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ޕޯލް ހައްޔަރުކޮށްފައި ހުންނަ އިރު، އޭނާ ވަނީ އެއްވެސް އެއްޗެއް ކެއުމަށް އަދި ބުއިމަށް ދެކޮޅު ހަދައިފަ އެވެ.

އޭނާގެ އެ ވާހަކަތަކަށް ތަބާވެ، އަމިއްލަ އަށް ހައި ހޫނުކަމުގައި ތިބެގެން މަރުވުމުގެ އަޒުމްގައި ފައްޅިއެއްގެ ތެރޭގައި ތިބި 15 މީހަކު، ކެންޔާގެ ފުލުހުން ވަނީ މި މަހުގެ ކުރީކޮޅު ސަލާމަތް ކޮށްފަ އެވެ. އެ ފައްޅީގެ ތެރޭގައި އެމީހުން ތިބޭތާ ދުވަސްތަކެއް ފަހުން، ފުލުހުންނަށް އެކަން އެނގިގެން އެ ފައްޅިއަށް ވަދެ އެމީހުން ނެރެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު މީހަކު ވަނީ، ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި މަރުވެފަ އެވެ.

ޕޯލްގެ އެ ވަހަކަތަކަށް ހެއްލިގެން އަމިއްލަ އަށް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހޯދުމަށް ކެންޔާ ފުލުހުން ވަނީ ސަކަހޯލާ ޖަންގަލީގެ 800 އޭކަރަށް ވުރެ ބޮޑު ސަރަހައްދެއް ބަންދުކޮށްފަ އެވެ.