ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގު ނުނިމެނީސް އެ މައްސަލައިގެ ވިކްޓިމް އެނބުރި ގައުމަށް ހިނގައްޖެ އެވެ.

އާއިލާގެ ޚަރަދުތައް ހަމަޖައްސަން ރާއްޖޭގައި ވަޒީފާ އަދާކުރަން އައިސް އުޅެނިކޮށް ޖިންސީ ގޯނާ ކުރިމަތިވި 27 އަހަރުގެ އަންހެން މީހާ އެނބުރި ގައުމަށް ދިޔައީ އަމިއްލަ ހިމާޔަތަށް ކަން އެނގިފައިވެ އެވެ. ދައުވާ ކުރެވޭ ވަރުގެ ކުރިއެރުން ލިބިފައިވާ ކަމަށް ފުލުހުން ބުނިތާ ތިން މަސްވި އިރު ވެސް މި މައްސަލައިގައި ދައުވާކުރާކަށް ނުފޮނުވަ އެވެ.

މި މައްސަލައިގައި ޖޫން މަހު "މިހާރު"އާ ވާހަކަ ދައްކަމުން އަންހެން މީހާ ބުނެފައި ވަނީ ސަފާރީގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރީ ކުރިން އުޅުނު ވަޒީފާ ދޫކޮށް އެހެން ތަނަކުން ވަޒީފާ ޔަގީންވެފައި ވަނިކޮށެވެ. އެކަމަކު، އެ މައްސަލަ ކުރިމަތިވުމުން އެ ވަޒީފާ ގެއްލިފައިވާތީ، ވިސްނުމަކީ ބޯޑަރު ހުޅުވުމުން، ކެންޔާގައި ހުރި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅުގެ ގާތަށް ދިއުން ކަމަށް ބުނެފައިވެ އެވެ.

ތަހުގީގުގަށް ވަކީލުންނާ އެކު ބަޔާން ދިނުން ފަދަ ކަންކަމުގައި އޭނާ މިހާރު ބައިވެރިވަނީ ކެންޔާގައި ހުރެ ސްކައިޕް މެދުވެރިކޮށެވެ. ޖިނާއީ މައްސަލަތަކުގައި އާއްމު އުސޫލަކީ އެ މައްސަލައިގައި ހިމެނޭ މީހުން ޝަރީއަތަށް ހާޒިރުވެގެން ކުރިއަށް ގެންދިއުމެވެ.

ތަހުގީގުގައި ފުލުހުން ބޮޑެތި އިހުމާލުތަކެއް ވި ކަމަށް ތުހުމަތު އެޅިފައިވާ މި މައްސަލައިގައި ދާދި ފަހުން ވެސް ވަކީލުން ވަނީ އާ މައްސަލައެއް ފެންމަތިކޮށްފަ އެވެ.

އެއީ، ތަހުގީގަށް ވިކްޓިމް ދިން ބަޔާން ބަދަލުކުރުމުގެ ތުހުމަތެވެ. އެކަމަކު ވަކީލުން ހެދީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ބަޔާން ބަދަލުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސަފާރީގައި އޭނަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކުރި އެވެ. އެކަމަކު އެ ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމުގެ ތުހުމަތު ކުރެ އެވެ. ފުލުހުން މި ތުހުމަތު ވެސް ދޮގުކުރެ އެވެ.

ކެންޔާގެ އަންހެންމީހާ "މިހާރު"އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އޭނާގެ "ޖިންސީ ގުނަވަންތަކުގައި އަތްލި" ކަމަށެވެ. ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމާލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށް ބުނެފައިވެ އެވެ.

ރައްޓެއްސެއްގެ ދައުވަތަކަށް ސަފާރީ އަށް ދިޔައީ ޕާޓީކުރަން ކަމަށާއި ބަނގުރާ ބޭނުންކުރި ކަމަށް ވިކްޓިމް ބުނާއިރު، ސަފާރީގައި ތިބި މީހުން ބަނގުރަލަށް ޓެސްޓް ނުކުރީ ކީއްވެތޯ އެހުމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވެފައި ވަނީ އެ މީހުން ތިބީ ބަނގުރާ ބޭނުންކޮށްގެން ކަމަށް އެ ސީނަށް ދިޔަ ފުލުހުންނަށް ތުހުމަތު ނުކުރެވޭތީ ކަމަށެވެ. ފުލުހުންނަށް ހާދިސާ ރިޕޯޓްކުރިއިރު ވިކްޓިމްގެ ފަރާތުން ވެސް އެފަދަ ތުހުމަތެއް ނެތުމުން އެކަން ނުކުރީ ކަމަށް ވިދާޅުވި އެވެ. ފުލުހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި، ސަފާރީ ކޭސްގެ ތަހުގީގުގައި ބަނގުރަލާ ގުޅުން ހުރި މައްސަލައެއް ފުލުހުން ނުބަލަ އެވެ.

ފުލުހުން ބުނެފައި ވަނީ ތުހުމަތުތައް ކުރިޔަސް އެ މައްސަލައިގެ ތަހުގީގުގައި ނުފޫޒެއް ނެތް ކަމަށެވެ. މި މައްސަލައިގައި ފުލުހުން މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީވާން ޖެހުނެވެ. އެންއައިސީން ވެސް މައްސަލަ ބެލި ނަމަވެސް ފަހުން ތަފްސީލެއް އާއްމެއް ނުކުރެ އެވެ.