ބޮލީވުޑުން 2018 ވަނަ އަހަރު ނިންމައިލީ ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގަ އެވެ. އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އާ ތަރިންތަކެއް ވެސް ތައާރަފް ވުމެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރްގެ އިތުރުން ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްތަރު އެވެ.
މި އަހަރަކީ ވެސް ބޮލީވުޑަށް އާ ގިނަ ތަރިންތަކެއް ތައާރަފު ވާނެ އަހަރެކެވެ. ވަކިން ހާއްސަކޮށް މަޝްހޫރު ބައެއް ތަރިންގެ ދަރިންގެ ނަންތައް ވަކިން ފާހަގަކޮށްލަން ޖެހޭނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގޮށްލެވޭ 12 ނަމަކަށް ބަލައިލަމާ ހިނގާށެވެ.
މި އަހަރު ބޮލީވުޑަށް ތައާރަފު ވާނެ އެންމެ ވަރުގަދަ އެއް ނަމަކަށް ވާނީ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރެވެ.
މިހާރު އުމުރުން 18 އަހަރުގެ ހުޝީ ބޮލީވުޑަށް ތައާރަފު ކުރާނީ އޭނާގެ ދައްތަ ޖާންވީ ވެސް ބޮލީވުޑަށް ނެރެދިން ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމަކުންނެވެ. ބެލެވޭ ގޮތުން މި ފިލްމު އަހަރު ދެބައިވުމުގެ ކުރިން ކަރަން އިއުލާން ކުރާނެ އެވެ.
ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ، 22، އަކީ އެކްޓަރުންގެ ތެރެއިން މި އަހަރު އެންމެ އުންމީދު ކުރެވޭ އެކެކެވެ. އޭނާގެ ފުރަތަމަ ފިލްމު މިހާރު ވަނީ އިއުލާން ވެސްކޮށްފަ އެވެ. އެއީ ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ "އާރްއެކްސް 100" ގެ ހިންދީ ރިމެކެވެ. މިދިޔަ އަހަރު ހަމަ އެ ނަމުގައި ގެނެސް ދިން ތެލެގޫ ފިލްމުގެ ހިންދީ ފިލްމު ޑައިރެކްޓް ކުރާނީ "ދަ ޑާޓީ ޕިކްޗާ" ފަދަ ފިލްމުތައް ގެނެސް ދިން މިލަން ލުތުރިއާ އެވެ.
މި އަހަރު ތައާރަފުވާ ބަތަލާއިންގެ ތެރެއިން ބެލުންތެރިން މިހާރު ވެސް އެންމެ ބޮޑަށް އުންމީދު ކުރާ އެއް ބަތަލާއަކީ ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ، 20، އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.
ކަރަން ޕްރޮޑިއުސް ކުރާ ފިލްމުގައި އަނަންޔާ ފެނިގެން ދާނީ ޓައިގާ ޝްރޮފާއި އަލަށް ތައާރަފުވާ ބަތަލާ ތާރާ ސުތާރިއާއާ އެކީގަ އެވެ.
ސައިފް އަލީ ހާން ވެސް ވަނީ އަންނަ އަހަރު އާ ބަތަލާ އަކު ބޮލީވުޑަށް ނެރެން ނިންމައިފަ އެވެ. އެއީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އާލިއާ ފަރްނީޗަރުވާލާ، 21، އެވެ. ބައްޕައަކާއި ޒުވާން އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމުން ސައިފާއި އާލިއާ އެކުގައި ފެނިގެންދާ އިރު، ފިލްމަށް ދީފައިވާ ނަމަކީ "ޖަވާނި ޖާނެމަން" އެވެ. މީގެ ޑައިރެކްޓަރަކީ ނިތިން ކައްކަރް އެވެ.
މޮޅު ނެށުންތެރިއެއްގެ ގޮތުގައި މަޝްހޫރު އެކްޓަރު ޖާވިދު ޖެފްރީގެ ފިރިހެން ދަރިފުޅު މީޒާން ޖެފްރީ، 22، އަކީ ވެސް މި އަހަރުގެ އެންމެ އުންމީދީ އެއް ނަމެވެ. އޭނާ ބޮލީވުޑަށް ނެރޭނީ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސް ކުރާ ފިލްމަކުންނެވެ. އޭގެ މާ ބޮޑު ތަފުސީލެއް އަދި ނެތަސް، ފިލްމުން މީޒާންއާ އެކު ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރްމިން ސޭގަލް ވެސް ތައާރަފު ކުރާނެ އެވެ.
ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް، 28، ބޮލީވުޑަށް ނެރޭ ފިލްމުގެ މަސައްކަތް ފެށިތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. ސަނީ ޑައިރެކްޓް ވެސް ކުރާ ފިލްމުގެ ނަމަކީ "ޕަލް ޕަލް ދިލް ކޭ ޕާސް" އެވެ.
ކަރަން ކަޕާޑިއާ، 33، އަކީ ޑިމްޕަލް ކަޕާޑިއާގެ ކޮއްކޮ އަދި މަރުވެފައިވާ ކުރީގެ ބަތަލާ ސިމްޕަލް ކަޕާޑިއާގެ ދަރިފުޅެވެ. އޭނާ ބޮލީވުޑަށް ނެރޭ ފިލްމުގެ މަސައްކަތް ވެސް ފަށާފައިވާ އިރު، އޭގެ ނަމަކީ "ބްލޭންކް" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ޑިމްޕަލްގެ ދަރިފުޅު ޓްވިންކަލް ކަންނާގެ ފިރިމީހާ އަދި އެކްޓަރު އަކްޝޭ ކުމާރުގެ ވަރަށް ބޮޑު ހިއްސާއެއްވެ އެވެ. އަދި ފިލްމުގެ ހާއްސަ ރޯލަކުން ޑިމްޕަލްގެ ކުރީގެ ލޯބިވެރިޔާ ސަނީ ވެސް ފެންނާނެ ކަމަށްވެ އެވެ.
ޕްރަނޫޓާން، 25، އަކީ އަކީ ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި އެއް ބަތަލާ ކަމަށްވާ ނޫޓާންގެ މާމަދަރި އެވެ. މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ބޮލީވުޑަށް ތައާރަފު ކުރާނީ ސަލްމާން ހާނެވެ. އެއީ މާޗް 29 ގައި ރިލީޒް ކުރާ "ނޯޓްބުކް" އިންނެވެ.
ނިތިން ކައްކަރު ޑައިރެކްޓް ކުރާ މި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މީގެ ބަތަލަކީ ވެސް އާ އެކްޓަރެކެވެ. އެއީ ބަތަލާ ސޮނާކްޝީ ސިންހާގެ ލޯބިވެރިޔާގެ ގޮތުގައި މިހާރު އަޑު އަރާފައިވާ ޒަހީރު އިގްބާލެވެ.
އަލިޒޭ އަގްނިހޯތުރީ، 18، އަކީ ސަލްމާންގެ އަންހެން ކޮއްކޮ އަލްވިރާ ހާނާއި ޕްރޮޑިއުސަރު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީގެ އަންހެން ދަރިއެވެ. މި އަހަރު އަލަށް ތައާރަފު ކުރާ ބަތަލާއިންގެ ތެރެއިން އަލިޒޭގެ ފިލްމު ޔަގީނުން ވެސް ކުޑަ ފިލްމަކަށް ނުވާނެ އެވެ. މުޅި ހާން ހާންދާނު އަލިޒޭގެ ފިލްމަށް 100 ޕަސަންޓް ދޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
މި އަހަރު ތައާރަފު ވާނެ އިތުރު އެކްޓަރުންގެ ތެރޭގައި ކުރީގެ އެކްޓަރު އަމްރިޝް ޕޫރީގެ ކާފަ ދަރިފުޅު ވަރުދާން ޕޫރީ، 25، އަކީ ވެސް ފާހަގަކޮށްލެވޭ ނަމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ފުރަތަމަ ފިލްމު "ޕާގަލް" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ހޫނު މޫސުމުގަ އެވެ.
ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ފިރިހެން ދަރިފުޅު އައްމޯލް ތަކެރިއާ، 23، އަކީ ވެސް ބަންސާލީ ބޮލީވުޑަށް ނެރޭނެ އެކްޓަރެކެވެ. އޭނާގެ ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، އޭގެ ނަމަކީ "ޓިއުޒްޑޭ ފްރައިޑޭ" ކަމަށްވެ އެވެ.
މި އަހަރުގެ އާ ތަރިންނަށް ބަލާ އިރު ކުޅަދާނަ އެކްޓަރު ޑެނީ ޑެންޒޯންގްޕާގެ ފިރިހެން ދަރިފުޅު ރިންޒިން، 29، އަކީ ވެސް ފާހަގަކޮށްލެވޭ ނަމެކެވެ. އޭނާގެ ފުރަތަމަ ފިލްމު "ސްކޮޑް" އަކީ ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ނިލޭޝް ސަހޭ އެވެ.
މި އަހަރުގެ އިތުރު އާ ނަމަކަށް ބަލާ އިރު ބެލުންތެރިންގެ ހިތްތައް ފަހަތަ ކުރި ފިލްމު "މޭނާ ޕިޔާރު ކިޔާ" ގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ، 29، އަކީ ވެސް ފާހަގަކޮށްލެވޭ ނަމެކެވެ.
އޭނާގެ ފުރަތަމަ ފިލްމު "މަރްދު ކޯ ދަރުދު ނެހީ ހޯތާ" މިދިޔަ އަހަރުގެ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާކޮށްފައިވާ އިރު، އާންމުކޮށް މި ފިލްމު ސިނަމާތަކަށް މި އަހަރު އަންނާނެ އެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ "މަރްދު ކޯ ދަރުދު ނެހީ ހޯތާ" ގައި އަބިމަންޔޫއާ އެކު ލީޑް ރޯލް ކުޅެފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ޕަޓާހާ" އިން ބޮލީވުޑަށް ތައާރަފުވި ޓީވީ ބަތަލާ ރާދިކާ މަދަން އެވެ.
ތަރިންތަކެއް ދަރިން ފިލްމީ ދާއިރާ އަށް ނުކުންނަ އިރު، އެ މީހުންނާ ދޭތެރޭ ބެލުންތެރިން ކުރާ އުންމީދުތައް ވެސް ބޮޑު ވާނެ އެވެ. އެހެންވެ މި އަހަރު ބެލުންތެރިންގެ ހިތްތައް ފަތަހަ ކުރާނީ އާ ކޮންތަރިންނެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑެވެ.