އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ ބޮލީވުޑަށް ނެރުމުގެ ޒިންމާއާ ސަންޖޭ ލީލާ ބަންސާލީ ހަވާލުވެފައިވާ އިރު، އޭނާ މި އަހަރު ބޮޑު ސްކްރީނުން ފެންނާނެ ކަަމަށް ގަބޫލުކުރެވެ އެވެ.
ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމަކުން ޒުވާން އެކްޓަރު ބޮލީވުޑަށް ނެރޭއިރު، ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ބަތަލާއަކީ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރްމިން ސޭގަލް އެވެ. އޭނާއަކީ ބަންސާލީގެ ކޮއްކޮ އަދި 2012 ގައި ރިލީޒް ކުރި "ޝީރީން ފަރުހާދު ކީ ތޯ ނިކަލްޕަޅީ" ގެ ޑައިރެކްޓަރު ބޭލާގެ ސޭގަލްގެ ދަރިއެކެވެ.
މީޒާން އާއި ޝަރުމިން ބޮލީވުޑަށް ނެރޭ ފިލްމާ ބެހޭ ތަފުސީލެއް މިހާތަނަށް ބަންސާލީގެ ޓީމުން ހާމަކޮށްފައި ނެތަސް މިއީ ބަންސާލީ ސްޓައިލްގެ ރަހަގަނޑަށް ހަދާ ފިލްމެއް ކަމަށްވެ އެވެ. މީގެ ޑައިރެކްޓަރަކީ މަންގޭޝް ހަޑަވާލޭ އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ވަނީ ފިލްމުން މީޒާން ފެނިގެން ދާނެ ލުކްސް ކަމަށް ބެލެވޭ ފޮޓޯއެއް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
އެތައް ފިލްމެއް ކުޅެފައިވާ އަދި ނެށުންތެރިއއްގެ ގޮތުގައި ވެސް މަޝްހޫރު މީޒާންގެ ބައްޕަ ޖާވިދުގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޓޯޓަލް ދަމާލް" އެވެ.
"ލުއްކާ ޗުއްޕީ" އާއި "ސޯންޗިޅިޔާ" ވެސް ހިނގާނެ
ހުކުރު ދުވަހު ވަރަށް ތަފާތު ދެ ޖޯންރާއެއްގެ ދެ ފިލްމު ސިނަމާތަކުގައި ދައްކަން ފަށާފައިވާ އިރު، މި ދެ ފިލްމަކީ ވެސް ވަރަށް ޝައުގުވެރި އަދި ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ދެ ފިލްމު ކަމަށް ކްރިޓިކުން ބުނެފި އެވެ.
އެ ދެ ފިލްމަކީ ކައިވެނި ކުރުމުގެ ކުރިން އެކުގައި ދިރިއުޅޭ ޒުވާން ޖޯޑެއްގެ ވާހަކަ ކިޔައިދޭ ރޮމޭންޓިކް ކޮމެޑީ "ލުއްކާ ޗުއްޕީ" އާއި ޑާކޫންގެ ވާހަކަ ކިޔައިދޭ ކްރައިމް ތުރިލާ "ސޯންޗިޅިޔާ" އެވެ.
ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކޮށްފައިވާ "ލުއްކާ ޗުއްޕީ" ގެ ތަރިންނަކީ ކާތިކް އާރިޔަން އާއި ކްރިތީ ސެނަން އެވެ. މި ފިލްމާ ބެހޭ ގޮތުން ފިލްމު ކްރިޓިކް ތަރަން ބުނީ މީގެ ކުރިން ވެސް ސިނަމާ އިން "ލިވް-އިން ރިލޭޝަންޝިޕް" އަށް ބިނާކޮށް ހަދާފައިވާ ފިލްމުތަކެއް ގެނެސް ދީފައި ހުއްޓަސް، "ލުއްކާ ޗުއްޕީ" އަކީ މި ކޮންސެޕްޓަށް އަައު ރަހައެއް ގެނުވައިދޭ ވަރަށް ތާޒާ ފިލްމެއް ކަމަށެވެ. އަދި ފިލްމަކީ އުފާވެރިކަން ގެނުވައިދޭ ފިލްމެއް ކަމަށާއި ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިލޮގްތައް ވެސް މަޖާކަމުން ފިލްމަށް ގިނަ ބަޔަކު ހިތްކިޔާނެ ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ލުއްކާ ޗުއްޕީ" ގެ ލީޑް ދެ ތަރިން ވަނީ މޮޅު އެކްޓިންއެއް ވެސް ދައްކުވައި ދީފަ އެވެ. މި ފިލްމަށް ތަރަން ވަނީ ފަހެކުން ތިނެއް ބައިގެ ރޭޓިންއެއް ދީފަ އެވެ.
އަބީޝެކް ޗޯބޭ ޑައިރެކްޓްކޮށްފައިވާ "ސޯންޗިޅިޔާ" އަކީ ވެސް ފުރިހަމަ ސްކްރިޕްޓަކަށް ހަދާފައިވާ މޮޅު ފިލްމެއް ކަމަށް ކްރިޓިކުން ބުންޏެވެ. އަދި ފިލްމުގައި ދައްކުވައިދޭ ހާދިސާތައް ޝައުގުވެރި ކަމަށާއި ހުރިހާ ތަރިންގެ އެކްޓިން އަށް ވެސް ސާބަސް ދޭން ޖެހޭ ކަމަށް ކްރިޓިކުން ބުންޏެވެ.
މި ފިލްމުގެ މުހިއްމު ތަރިންނަކީ ސުޝާންތު ސިންގް ރާޖްޕޫތު، ބޫމީ ޕެޑްނޭކަރް، މަނޯޖް ބަޖްޕާއީ، ރަންވީރު ޝޯރޭ އަދި އަޝުތޯޝް ރާނާ އެވެ. "ސޯންޗިޅިޔާ" އަށް ވެސް ތަރަން ވަނީ ތިނެއް ބައިގެ ރޭޓިންއެއް ދީފަ އެވެ.
ނެޕޮޓިޒަމަށް ޖޯކް
ބޮލީވުޑުން ފުރުސަތު ލިބެނީ ފިލްމީ ދާއިރާގައި ތިބޭ ނުފޫޒު ގަދަ މީހުންނާ އެކިއެކި ގޮތްގޮތުން ގުޅިފައިވާ މީހުންނަށް ކަމަށް ބުނެ އަމާޒުވެފައިވާ ފާޑުކިޔުންތަކަކީ މި ފަހުން، ބޮލީވުޑްގައި އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް މައްސަލަ އެވެ.
ނެޕޮޓިޒަމްގެ ވާހަކަ ބޮލީވުޑްގެ ހަ ފަރާތަށް ފެތުރިފައިވާ އިރު، ކުރީގެ މަޝްހޫރު ބަތަލާ ބަގިޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ ތައާރަފު ކުރާ ފިލްމު "މަރުދޯ ދަރުތު ނެހީ ހޯތާ" ގެ ޕްރޮމޯޝަނަލްގެ ތެރެއިން "ނެފޮޓީޒަމް" އަށް ޖޯކް ޖަހާ ވީޑިއޯއެއް ވަނީ ދައްކާލައިފަ އެވެ. މި ފިލްމުގެ ބަތަލާ ރާދިކާ މެނަން އަލުން ތައާރަފު ކުރާ ކަމަށް ބުނެ ގެނެސް ދީފައިވާ ވީޑިއޯގައި އޭނާ ވަނީ ނެޕޮޓިޒަމާ ބެހޭ ބައެއް ވާހަކަ ވެސް ދައްކައިފަ އެވެ. ކުރިން ޓީވީ ސިލްސިލާތައް ކުޅުނު ރާދިކާ ބޮލީވުޑަށް ތައާރަފު ކުރީ މިދިޔަ އަހަރު ރިލީޒް ކުރި ވިޝާލް ބަރަދްވާޖްގެ ފިލްމު "ޕަޓާހާ" އިންނެވެ.
ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ "މަރުދޯ ދަރުތު ނެހީ ހޯތާ" ސިނަމާތަކަށް އަންނާނީ މި މަހުގެ 21 ގަ އެވެ.
"ހީރާ ޕޭރީ 3" އިންދަރު ކުމާރަށް
މީގެ ތިން އަހަރު ކުރިން އިއުލާން ކުރި ކޮމެޑީ ފްރެންޗައިޒް "ހީރާ ޕޭރީ" ގެ ތިން ވަނަ ބައި ޑައިރެކްޓް ކުރަން "ޓޯޓަމް ދަމާލް" ގެ ޑައިރެކްޓަރު އިންދަރު ކުމާރާ ހަވާލުކޮށްފި އެވެ.
ފީރޯޒް ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ ފިލްމުގެ ޑައިރެކްޝަނާ ހަވާލުވިކަން ކަށަވަރުކޮށް ދެމުން އިންދަރު ބުނީ "ހީރާ ޕޭރީ 3" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށެވެ.
މި ފިލްމު ކުރިން އެކްޓަރު ނީރަޖް ވޯރާ ޑައިރެކްޓް ކުރާ ގޮތަށް އިއުލާން ކުރީ 2016 ގަ އެވެ. އެކަމަކު އެކި ކަހަލަ މައްސަލަތައް ދިމާވެގެން ފިލްމުގެ ޝޫޓިން ނުފެށި އޮއްވައި "ޕިރް ހީރާ ޕޭރީ" ވެސް ޑައިރެކްޓް ކުރި ނީރަޖް ވަނީ 2017 ގައި މަރުވެފަ އެވެ. މީގެ ފުރަތަމަ ބައި ޑައިރެކްޓް ކުރީ ޕްރިޔާދަރްޝަން އެވެ.
"ހީރާ ޕޭރީ" ގެ މުހިއްމު ތަރިންނަކީ އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އާއި ޕަރޭޝް ރަވަލް އެވެ. ތިން ވަނަ ބައިން ވެސް މި ތިން ތަރިން ފެނިގެން ދާނެ އެވެ. "ހީރާ ޕޭރީ" 2000 ވަނަ އަހަރު ގެނެސް ދިނުމަށް ފަހު، "ޕިރް ހީރާ ޕޭރީ" ރިލީޒް ކުރީ 2006 ގަ އެވެ.
އިންދަރު ބުނީ "ހީރާ ޕޭރީ 3" ވެގެން ދާނީ ކުރީގެ ދެ ފިލްމަށް ވުރެ ވެސް މަޖާ ފިލްމަކަށް ކަމަށާއި މީގައި ވަރަށް ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްސް ވެސް ހިމެނޭ މަންޒަރުތައް ހުންނާނެ ކަމަށެވެ.