އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޮޑު ކަންނެލި ގަންނަން ފެށޭވަރު ވާނެ ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް މިފްކޯގެ އިސްވެރިން މިއަދު ހާޒިރުކޮށް، ބޮޑު ކަންނެލި ގަތުން ހުއްޓާލުމާ ގުޅޭ ގޮތުން މެމްބަރުން ވަނީ ސުވާލުކުރައްވައިފަ އެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ބޮޑު ކަންނެލި ގަތުން ހުއްޓާލީ އެ މަސައްކަތަށް ޚާއްސަކުރި ކ. ކަނޑުއޮށްގިރީގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަން އަލުން ފެށުމަށް އެސްޓީއޯއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި މިފްކޯގެ ޗެއާމަން ހުސައިން އަމްރު ވިދާޅުވީ 2015 އިން ފެށިގެން ކަނޑުއޮށްގިރި އަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މައްސަލަތަކާ އެކުގައި ވެސް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އޮޕަރޭޝަން އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަނޑުއޮށްގިރީގައިި ވަރަށް ބައިވަރު މައްސަލަތައް އެބަހުރި. މަރާމާތު ނުކޮށް ހުރުމުން މިހާރު ވަނީ ޖެޓީ އެއްކޮށް ވެއްޓިފައި. އެކަމަކު މި ހުރިހާ ދަތިތަކާ އެކު ވެސް އެންމެ މުހިންމު ކަމަކީ މަސް ބޭރުކުރުމުން އެ ގަންނާނެ ރަނގަޅު ޕާޓީއެއް ހޯދުން. އެ ކަންތައްކޮށް އެންމެ ލަސްވެގެން ވެސް ޖެނުއަރީ މަސްތެރޭގައި އެތަން އޮޕަރޭޝަނަށް ގެންނާނަން،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި މިފްކޯއިން މަސައްކަތް ކުރަމުން އަންނަނީ ކަޅުބިލަމަސް ބޭރުކޮށްގެން ލިބުނު ގެއްލުން އަނބުރާ ހޯދުމަށެވެ. އެ މަސައްކަތްތައް ކާމިޔާބު ކަމާ އެކު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަަހަރު ބޮޑަށް މަސައްކަތް މިކުރީ މިވީހާ ތަނަށް ކަލުބިލަމަސް ބޭރުކޮށްގެން ގެއްލުން ވަމުން އައި ބައި ރަނގަޅު ކުރަން. އެކަން މިހާރު ކުރެވިއްޖެ. އެހެންކަމުން އަންނަ ޑިސެމްބަރުން ފެށިގެން ސަރުކާރުން އެއްވެސް ޚަރަދެއް ނުކޮށް މިފްކޯ ހިންގޭނެ،" އޭނާ ވިދާޅުވި އެވެ.

،މި ބައްދަލުވުމުގައި އަމްރު ވަނީ މަސް ބޭރުކޮށްގެން ކުޑަ އަގުގައި ވިއްކަން ޖެހުމުން ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އަދި ދުނިޔޭގެ މަރުކޭޓުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް ރާއްޖޭގެ މަހުގެ އަގަށް ބަދަލު ނުގެނެވުމުގެ ސަބަބުން ގެއްލުންވާ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.