ދެހާސް ފަނަރައިގައި ކޮލިން ޓްރެވެރޯ ޑައިރެކްޓްކޮށް ގެނެސް ދިން ކާމިޔާބު ފިލްމް "ޖުރަސިކް ވޯލްޑް" އަށް ފަހު، އޭގެ ދެވަނަ ބައި "ޖުރަސިކް ވޯލްޑް: ދަ ފޯލެން ކިންގްޑަމް" އެހެން ޑައިރެކްޓަރަކާ އެކު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ އިރު، ފިލްމްގެ ތިން ވަނަ ބައި ލިޔެ، ޑައިރެކްޓް ކުރަން ކޮލިންއާ އަނެއްކާ ވެސް ހަވާލުކޮށްފި އެވެ.
ފިލްމްގެ އެކްޒެކެޓިވް ޕްރޮޑިއުސަރު އަދި މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ. "ޖުރަސިކް ވޯލްޑް" ގެ ފިލްމްތަކަކީ އޭނާ 1993 ގައި ގެނެސް ދިން ފިލްމް "ޖުރަސިކް ޕާކް" ގެ ވާހަކަ ކުރިއަށް ގެންދާ ފިލްމްތަކެވެ. މިއީ ޑައިނަސޯތަކާއި އިންސާނުންނާ ދެމެދު ހިނގާ ކުރިމަތިލުންތަކެއްގެ މައްޗަށް ގެނެސްދޭ ފްރެންޗައިޒެކެވެ.
ދި އިމްޕޮސިބަލް (2012) އާއި އަ މޯންސްޓާ ކޯލް (2016) ފަދަ ފިލްމްތައް ގެނެސް ދިން ޖޭއޭ ބަޔޯނާ ޑައިރެކްޓްކޮށްފައިވާ "ޖުރަސިކް ވޯލްޑް: ދަ ފޯލެން ކިންގްޑަމް" ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 22 ގަ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ޕްރިކްއެލްގައި ހިމެނޭ ކްރިސް ޕްރެޓް އަދި ބްރިޒް ޑަލަސް ހަވަޑް ހިމެނެ އެވެ.
ސްޕީލްބާގް ބުނި ގޮތުގައި "ޖުރަސިކް ވޯލްޑް" ގެ ކޯ-ރައިޓަރެއްގެ ގޮތުގައި ކޮލިން ކުރިން މަސައްކަތް ކުރި ނަމަވެސް ތިން ވަނަ ބައި ލިޔުމުގައި އިސްކޮށް ހުންނާނީ ވެސް ކޮލިން އެވެ. އަދި އޭނާއާ ތިން ވަނަ ފިލްމް ޑައިރެކްޓް ކުރަން ހަވާލު ކުރީ، އަނެއްކާ ވެސް ތަޖުރިބާކޮށްލުމުގެ ގޮތުން ކަމަށް ބުންޏެވެ.
ސްކްރީންޕްލޭގައި ކޮލިންއާ އެކު، އެމިލީ ކާމައިކަލް ހިއްސާވާނެ އެވެ. ފުރަތަމަ ބަޔާއި ދެވަނަ ބައިގައި ކޮލިންއާ އެކު، ސްކްރީންޕްލޭގައި ހިއްސާވީ ޑެރެކް ކޮނޮލީ އެވެ.
ތިން ވަނަ ބައި ޑައިރެކްޓް ކުރަން ލިބުމުން 41 އަހަރުގެ ކޮލިން ހުރީ ވަރަށް އުފަލުންނެވެ.
"އަހަރެން ގަބޫލު ކުރަނީ ދެވަނަ ބައި ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް. މި ކަހަލަ ފްރެންޗައިޒެއްގެ ޑައިރެކްޓަރު ބަދަލުވުމަކީ މައްސަލައެއް ނޫން. އެއީ އިތުރު އުފެއްދުންތެރި ކަމެއް ފެންނާނެ ކަމެއް" ކޮލިން ބުންޏެވެ.
ޔުނިވާސަލް އިން ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ "ޖުރަސިކް ވޯލްޑް" ގެ ފުރަތަމަ ބަޔަށް ބޮކްސް އޮފީހުގައި 1.672 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.