ސްޓީވެން ސްޕީލްބާގް މީގެ 26 އަހަރު ކުރިން ގެނެސްދިން ސައިންސް ފިކްޝަން އެޑްވެންޗަ ފިލްމު "ޖުރަސިކް ޕާކް" ގެ ސިލްސިލާގެ ދަށުން ގެނެސްދޭ ފިލްމުތަކުގެ ތެރެއިން ކުރިއަށް އޮތް ފިލްމު "ޖުރަސިކް ވޯލްޑް 3" އޮރިޖިނަލް ކާސްޓް ވެސް ހިމަނައިގެން ގެނެސް ދޭން ނިންމައިފި އެވެ.

ތިން އޮސްކާ އެވޯޑް ހޯދި 1993 ގެ "ޖުރަސިކް ޕާކް" ގެ އޮރިޖިނަލް ކާސްޓުން، އާ ފިލްމުގައި ހިމެނޭ ތަރިންނަކީ ލައުރާ ޑާން، ސޭމް ނީލް އަދި ޖެފް ގޯލްޑްބްލަމެވެ. އެ ތިން ތަރިން ވެސް 2021 ގައި ގެނެސްދޭ "ޖުރަސިކް ވޯލްޑް 3" އިން ފެންނާނީ އޮރިޖިނަލް ފިލްމުގައި ކުޅުނު ރޯލްތަކުންނެވެ.

ޖުރަސިކް ސީރީޒްގެ ފިލްމުތައް "ޖުރަސިކް ވޯލްޑް" ގެ ނަމުގައި ގެނެސްދެމުން އަންނަނީ 2015 އިން ފެށިގެންނެވެ. މީގެ ދެވަނަ ބައި "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" ރިލީޒްކުރީ މިދިޔަ އަހަރު އެވެ. މި ފިލްމުތަކުގެ މުހިއްމު ތަރިންނަކީ ކްރިސް ޕްރެޓާއި ބްރީޒް ޑަލަސް ހަވަޑެވެ.

ޖޫން 10، 2021 ގައި "ޖުރަސިކް ވޯލްޑް 2" ރިލީޒްކުރަން ތާވަލުކޮށްފައިވާ އިރު، އެ ފިލްމުން "ޖުރަސިކް ޕާކް" ގެ ތަރިންނަށް ފުރުސަތު ލިބުމުން އެ މީހުން ވަނީ އެކަމާ އުފާފާޅުކޮށްފަ އެވެ. އެގޮތުން ޑާން ބުނީ އޭނާގެ ކުރީގެ ބައިވެރިންނާ އަލުން ގުޅުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ސީރިޒްގެ އިތުރު ފިލްމުތަކުގައި ތަރިން ވަކިވަކިން މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 1997 ގައި ރިލީޒްކުރި "ދަ ލޮސްޓް ވޯލްޑް: ޖުރަސިކް ޕާކް" އާއި 2001 ގައި ގެނެސްދިން "ޖުރަސިކް ޕާކް 3" ހިމެނެ އެވެ.

"ޖުރަސިކް ވޯލްޑް 3" ޑައިރެކްޓްކުރަނީ "ޖުރަސިކް ވޯލްޑް" ވެސް ގެނެސްދިން ކޮލިން ޓްރެވެރޯ އެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 1.672 ބިލިއަން ޑޮލަރުގެ އާމްދަނިއެއް ލިބުނު ފިލްމެކެވެ.

މިދިޔަ އަހަރު ޖޭއޭ ބެޔޯނާ ޑައިރެކްޓްކޮށް ގެނެސްދިން "ފޯލެން ކިންގްޑަމް" އަށް 1.308 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު، އެ ފިލްމު ހަދާފައި ވަނީ 187 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.