ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޖުރަސިކް ވޯލްޑް" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އޭގެ ދެވަނަ ބައި މި އަހަރު ސިނަމާތަކަށް ގެނެސް ދޭން ތައްޔާރުވަމުން އަންނަ އިރު، ފިލްމްގެ ތިން ވަނަ ބައެއް ވެސް ގެނެސް ދޭން ނިންމައި، ފިލްމް ރިލީޒް ކުރާ ތާރީހު ޔުނިވާސަލް ޕިކްޗާޒުން އިއުލާންކޮށްފި އެވެ.

"ޖުރަސިކް ވޯލްޑް" ގެ ޓްވިޓާގައި އިއުލާންކޮށްފައިވާ ގޮތުގައި ފިލްމްގެ ތިން ވަނަ ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނީ ޖޫން، 11، 2021 ގަ އެވެ.

މި ސީރީޒްގެ ދެވަނަ ބައި "ޖުރަސިލް ވޯލްޑް: ފޯލެން ކިންގްޑަމް" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 22 ގަ އެވެ. ފިލްމްގެ ޓްރެއިލާ ވެސް ބެލުންތެރިންނަށް ވަނީ ދޫކޮށްލައިފަ އެވެ.

ޕްރިކްއެލްއާ އެއްގޮތަށް ދެވަނަ ބައިން ވެސް "ޖުރަސިކް ވޯލްޑް" ގެ މުހިއްމު ރޯލްތައް ކުޅުނު ބައެއް ތަރިން ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ކްރިސް ޕްރެޓާއި ބްރިޒް ޑަލަސް ހޮވަޑް ފާހަގަކޮށްލެވެ އެވެ. "ޖުރަސިކް ވޯލްޑް" އިން ބޮލީވުޑްގެ ތަރި އިރްފާން ހާން ވެސް ފެނިގެން ދިޔަ ނަމަވެސް، ސީކްއެލްއަކު އޭނާ ނުފެންނާނެ އެވެ.

ކާސްޓަށް ބަދަލުތަކެއް އައިސްފައިވާ އިރު، ފިލްމްގެ ޑައިރެކްޓަރު ވެސް މި ފަހަރު ވަނީ ބަދަލުވެފަ އެވެ. ފުރަތަމަ ބައި ޑައިރެކްޓް ކުރީ ކޮލިން ޓްރެވޮރޯ ނަމަވެސް ދެވަނަ ބައި ޑައިރެކްޓް ކުރީ ޖޭއޭ ބަޔޯނާ އެވެ.

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ތިން ވަނަ ފިލްމް އަނެއްކާ ވެސް ކޮލިން ޑައިރެކްޓް ކުރާނެ ކަމަށެވެ. "ޖުރަސިކް ވޯލްޑް 3" ގެ ސްކްރީންޕްލޭ މި ފަހަރު ލިޔާނީ ޑައިރެކްޓަރާ އެކު، އަލަށް މި ފްރެންޗައިޒްގެ ސްކްރިޕްޓްގައި މަސައްކަތް ކުރާ އެމިލީ ކާމިކަލް އެވެ. އޭނާ ވަނީ "ޕެސިފިކް ރިމް" ގެ ދެވަނަ ބައި "އަޕްރައިޒިން" ގެ ކޯ-ރައިޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

"ޖުރަސިލް ވޯލްޑް" އަކީ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް 1993 ގައި ގެނެސް ދިން "ޖުރަސިކް ޕާކް" ރިބޫޓްކޮށްލައިގެން ޔުނިވާސަލް އިން ގެނެސްދޭ ފްރެންޗައިޒެކެވެ. މީގެ މައިގަނޑު ވާހަކައަކީ ޑައިނޯޝާތަކެއްގެ ކިބައިން ސަލާމަތް ވާން އިންސާނުން ކުރާ މަސައްކަތެވެ.

ޖޫން، 12، 2015 ގައި ރިލީޒް ކުރި "ޖުރަސިކް ވޯލްޑް" އަކީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. އެކަމަކު ބޮކްސް އޮފީހުގައި ފިލްމަށް 1.672 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.