ސްޓޮކްހޯމް (ނޮވެމްބަރު 20) - ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖުގެ މައްޗަށް ކުރި ރޭޕުގެ ތުހުމަތުގެ މައްސަލަ ސްވިޑަން އިން ދޫކޮށްލައިފި ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން އިއްޔެ ބުނެފި އެވެ.
ރޭޕުގެ ތުހުމަތުތަކާ ގުޅިގެން، ސްވިޑަން އަށް ގެންގޮސްފައިވާނެތީ އަސާންޖް ވަނީ ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީގެ ހިމާޔަތުގައި 2012 ވަނަ އަހަރުން ފެށިގެން ހަތް އަހަރު ވަންދެން ދިރިއުޅެފަ އެވެ. ނަމަވެސް އިނގިރޭސި ފުލުހުން މި އަހަރުގެ އެޕްރީލް މަހު ވަނީ އެމްބަސީ އަށް ވަދެ އަސާންޖް ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ އިކުއެޑޯއިން ދީފައިވާ ހިމާޔަތް އެ ގައުމުން އުވާލުމުންނެވެ.
ކޯޓަށް ހާޒިރުވުމުގެ އަމުރަކަށް ތަބާވެފައި ނުވާތީ އަސާންޖް މިހާރު ހުރީ 50 ހަފުތާ އަށް ލަންޑަނުގެ ޖަލެއްގަ އެވެ.
އަސާންޖުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ މައްސަލަ ސްވިޑަން އިން 2017 ވަނަ އަހަރު ވެސް ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް އެ މައްސަލަ އަލުން ބަލަން ނިންމީ އޭނާ އިކުއެޑޯ އެމްބަސީން މި އަހަރު ކުރީކޮޅު ނެރުމާ ގުޅިގެންނެވެ.
އަސްކަރީ އަދި ޑިޕްލޮމެޓިކް ސިއްރު މައުލޫމާތުތަކެއް ވިކިލީކްސް މެދުވެރިކޮށް އާއްމުކުރި މައްސަލާގައި އެމެރިކާ އިން ވެސް ވަނީ އަސާންޖް އެ ގައުމާ ހަވާލުކުރުމަށް އެދިފަ އެވެ.
ސްވިޑަންގެ ޑިޕިއުޓީ ޑިރެކްޓަ އޮފް ޕަބްލިކް ޕްރޮސެކިއުޝަން އީވާ-މާރީ ޕާސަން ވިދާޅުވީ އަސާންޖުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމީ އެ މައްސަލަ މާ ދިގުލައިގެން ދިއުމާ އެކު ހެކި ބަލިކަށިވެފައިވާތީ ކަމަށެވެ. އަދި އެ ގޮތަށް ނިންމީ މައްސަލައާ ގުޅޭ ހެކިންގެ އިންޓަވިއުތައް ނެގުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.