ސިޑްނީ (އެޕްރީލް 14) - ވިކިލީކްސްގެ ބާނީ ޖޫލިއަަން އަސާންޖް އޮސްޓްރޭލިއާ އަށް ފޮނުވައިދިނުމަށް އޭނާގެ ބައްޕަ އެދިއްޖެ އެވެ.
ވިކިލީކްސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރާ އަސާންޖްގެ ބައްޕަ ޖޯން ޝިޕްޓަން ބުނީ އޭނާގެ ދަރިފުޅުގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ. ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީގެ ހިމާޔަތް ހޯދައިގެން ހަތް އަހަރު އުޅުނު އަސާންޖް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފަ އެވެ. އޭނާ މިހާރު ކުރީ އިނގިރޭސި ވިލާގުގެ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޮސްޓްރޭލިއާ އަށް އުފަން އަސާންޖްގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުގައި އޭނާ ސްވިޑަން އަށް ފޮނުވާލުން ނުވަތަ ވިކިލީކްސް އިން ބޭޒާރު ކުރި މައްސަލާގައި އޭނާ އެމެރިކާ އަށް ހަވާލު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
"އަސާންޖް އޮސްޓްރޭލިއާއާ ހަވާލު ކުރުމަށް ބާރު އެޅުމުގެ ގޮތުން ފޮރިން އޮފީހާއި ސެނެޓް އަދި ބޮޑު ވަޒީރަށް ވެސް މަސައްކަތް ކުރެވޭނެ،" ޝިޕްޓަން ބުންޏެވެ. "އަހަރެންގެ ދަރިފުޅު ހައްޔަރު ކުރި ގޮތާ މެދު ވެސް ކަންބޮޑުވޭ. ސިޑިމަތިން އޭނާ ގެންދިޔައީ ދަމާފައި."
ޝިޕްޓަން ބުނީ ހަތް އަހަރު ވަންދެން އަސާންޖް ދިރިއުޅުނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލެއްފަދަ ތަނެއްގައި ކަމަށެވެ.
"އަޅުގަނޑުގެ އުމުރުން 74 އަހަރު. އަސާންޖްގެ އުމުރުން 47 އަހަރު. އެކަމަކު ބަލާ ބެލުމަށް އަހަރެންނަށް ވުރެ އޭނާ މާ މުސްކުޅިހެން ހީވަނީ. އެމްބަސީގައި ހުރި އިރު އަސާންޖްގެ ކޮންމެ ހަރަކާތަކަށް ދިޔައީ ފާރަލަމުން،" ޝިޕްޓަން ބުންޏެވެ.
އިނގިރޭސި ފުލުހުން އަސާންޖް ހައްޔަރު ކުރީ އެމްބަސީ އަށް ވަނުމުގެ ހުއްދަ އިކުއެޑޯ ސަރުކާރުން ދިނުމުންނެވެ.