ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެއްގައި އަމަލު ކުރެއްވި ގޮތަކުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ އިތުރު މައްސަލައެއް ބަލަން މިއަދު ފަށައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ ހަސަންގެ، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައިވާ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ބެލެވޭ ގޮތުގައި ޖޭއެސްސީން ބަލަމުން އަންނަނީ ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި މައްސަލާގައި ހިޔާނާތުގެ އެތައް ދައުވާއެއް ލިބޭ އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމުމުންނެވެ.
އޭނާއަކީ ޖިންސީ ކުށުގެ ސީރިއަސް ދައުވާތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މީހަކު ޖާމިނުކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ވެސް ހުއްދަ ދެއްވީ ވެސް އަންމަޓީގެ މައްސަލަ ބައްލަވާ ގާޒީ އެވެ. އަލީ ވަހީދު ދޫކޮށްލުމާ ގުޅޭގޮތުން ވެސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު މިދިޔަ މަހުގެ 20 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލީ ދައްތައަކާއި އަންހެން ކޮއްކޮއަކު ޖާމިނުކޮށެވެ. ރަށުން ބޭރަށް ނުދިއުމަށާއި ކޮންމެ ދުވަހަކު ހެނދުނު 9:30 އަށް ކަރެކްޝަންސަށް ހާޒިރުވުމާއި ހެކިންނަށް ނުފޫޒު ނުފޯރުވަން ވެސް އޭނާ އަށް ޝަރުތުކޮށްފައިވެ އެވެ. ހުޅުމާލޭގައި 3،000 ފްލެޓު އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު، ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް މިދިޔަ މާޗު މަހު އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް އުފުލައި ބަންދުކުރީ މައްސަލަތަކުގެ ޝަރީއަތް ނިމެންދެންނެވެ.
އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ނިންމައިފަ އެވެ.