ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ފަހު އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އިސް ގާޒީ ހަސަންއާ މެދު ޖޭއެސްސީން ބަލަން ފެށި މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ތަހުގީގު ކޮމެޓީން ނިންމާފައި އޮތީ އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށެވެ.
ޖޭއެސްސީން ބުނީ ކޮމެޓީގެ އެ ނިންމުމަށް ޖަވާބުދާރީވާން އިސްގާޒީ ހަސަނަށް ފުރުސަތު ދެއްވުމަށް ފަހު، އެކަމުގައި ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ހުރި ކަމަށް ކޮމެޓީން ނިންމި ނިންމުން ދަމަހައްޓާފައިވާ ކަމަށެވެ. އެކަމަކު އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވުމަށް ތަހުގީގު ކޮމެޓީން ދިން ލަފާގެ ބަދަލުގައި ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމާ އެކު އެހެން ކޯޓަކަށް ބަދަލު ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނިގޮތުގައި އިސްގާޒީ ހަސަން ދެން ބަދަލު ކުރާނީ ކްރިމިނަލް ކޯޓަށެވެ. އޭނާއަކީ ފެމިލީ ކޯޓުގެ އިސް ގާޒީކަން ދިގު މުއްދަތެއް ވަންދެން އަދާކުރެއްވި ބޭފުޅެކެވެ.
ޖޭއެސްސީން ބެލި މައްސަލައަކާ ގުޅިގެން މީގެކުރިން ވެސް އިސްގާޒީ ހަސަން ސަސްޕެންޑްކުރި އެވެ. އެ މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު، ފަހުން ވަނީ ސަސްޕެންޝަން އުވާލައިފަ އެވެ.