އައިފޯން 10 އަށް ބޭނުންވާ ބައިތައް އުފައްދަން އެޕަލްއިން އޯޑަރުދޭ މިންވަރު ދަށްކުރަމުން އަންނަ ކަމަށް، އެ ބައިތައް އުފައްދާ ކުންފުނިތަކުން ބުނެފި އެވެ. މައިގަނޑު ސަބަބެއް ކަމަށް ކުންފުނިތަކުން ބުނަނީ، އައިފޯން 10 އަށް ވުރެ ސްކްރީން ސައިޒް ބޮޑު ފޯނެއް 2018 ގައި އެޕަލް އިން ނެރެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން، އައިފޯން 10 އަށް އޯޑަރުދޭ މީހުންގެ އަދަދު ދަށްވުމެވެ.
އައިފޯން 10 އަށް ހާޑްވެއާ ޕާޓްސް އުފައްދައިދޭ ކުންފުނިތަކަށް އޮތް ފިކުރަކީ އަންދާޒާކުރި ވަރަށް އާމްދަނީ ނުލިބުމެވެ. އެޕަލްއިން އައިފޯން 10 ތައާރަފުކުރަން އުޅުނުއިރު ސަޕްލަޔަރުންނާ ދެއްކި ވާހަތަކަށް ބަރޯސާކޮށް ހެދި ހިސާބުކިތާބުތަކުން، ކުންފުނިތަކަށް ރަނގަޅު ފައިދާއެއް ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަަމަވެސް މިދިޔަ ނޮވެމްބަރުގައި ކުންފުނިތަކަށް ފައިސާ ލިބިފައިވާ މިންވަރުން ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ.
އައިފޯން 10 އަށް ކެމެރާ ލެންސް އުފައްދައިދޭ ލާގަން ޕްރިސިޝަންއިން ބުނި ގޮތުގައި، މާލީ ފައިދާގެ ގޮތުގައި، ފާއިތުވި ނޮވެމްބަރު މަހު، އެ ކުންފުންޏަށް އިތުރުވެފައި ވަނީ 0.05 ޕަސެންޓް އެވެ. ފޯނުގެ ތޮށިގަނޑު ސަޕްލައިކޮށްދޭ ކުންފުންޏަށް ވެސް އަންދާޒާކުރި ވަރަށް ފައިދާވެފައި ނުވެ އެވެ. އަދި ޓަޗް ޕެނަލް ފޯރުކޮށްދޭ ކުންފުނީގެ ހާލަތަކީ ވެސް މިއީ އެވެ.
އައިފޯން 10 އަށް ބައިތައް އުފައްދަން އެޕަލްއިން ދޭ އޯޑަރު އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް، އެކަން އެ ގޮތަކަށް ނުހިނގަ އެވެ. އެހެންވެ ކުރި އަށް އޮތް ޑިސެމްބަރުގައި، ކުންފުނިތަކަށް ފައިދާ އަދި ވެސް ދަށްވާނެ ކަމަށް މިހާރު ވަނީ ބަލާފަ އެވެ.
އެޕަލްއިން ދެން އުފައްދާ އައިފޯން އަގު ހެޔޮވާނެ ކަމަށް ވެސް ބުނެވެ އެވެ. މަސްރަހުގައި ވާހަކަތައް ހުރި ގޮަތަށް ބަލާއިރު، އޯލެޑް ޑިސްޕްލޭގެ ބަދަލުަގައި، އަގު ހޮޔޮކުރުމަށްޓަކައި، އެލްސީޑީ ޑިސްޕްލޭ އަށް އެޕަލް ރުޖޫއަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ބޮޑަށް ބެލެވެނީ އެއީ އައިފޯނުގެ ތަފާތު މޮޑެލްއަކަށް ވާނެ ކަމަށެވެ.