އޭޝިއާ ސަރަހައްދުގެ ޔުޓިލިޓީ ކުންފުނިތަކަށް ދޭ، އޭޝިއަން ޕަވާ އެވޯޑްސްގެ ސީއީއޯ އޮފް ދަ އިޔާ އެވޯޑު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ލިބިވަޑައިގެންފި އެވެ.

ޔުޓިލިޓީ ދާއިރާގެ "އޮސްކާ"ގެ ގޮތުގައި ސިފަ ކުރާ މި އެވޯޑު އެކި ދާއިރާތަކުން 50 ކުންފުންޏަކަށް ލިބުނެވެ. މީގެ ތެރެއިން ހަތަރު އެވޯޑު ފެނަކައިން ވަނީ ހާސިލް ކޮށްފަ އެވެ.

ފެނަކަ އަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި ސީއީއޯ އޮފް ދަ އިޔާގެ އިތުރުން އެ ކުންފުނިން ލ. ގަމުގައި ގާއިމްކޮށްފައިވާ ސެންޓްރަލް ޕަވާ ސްޓޭޝަން މަޝްރޫއަށް ލިބުނު ރާއްޖޭގެ "ޕަވާ ޕްލާންޓް އަޕްގްރޭޑް އޮފް ދަ އިޔާ"ގެ އެވޯޑާއި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ޕަވާ ޔުޓިލިޓީ ކުންފުނީގެ އެވޯޑާއި ގދ. މަޑަވެލި އަދި ހޯޑެއްދޫގައި ގާއިމްކުރާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއަށް ލިބުނު "ސޯލާ ޕަވާ ޕްރޮޖްކްޓް އޮފް ދަ އިޔާ" އެވޯޑު ހިމެނެ އެވެ.

ފެނަކައިން ބުނީ މި އެވޯޑުތަކަކީ އެ ކުންފުނިން މިދިޔަ އަހަރުން ފެށިގެން ކުންފުނި ހަރުދަނާ ކުރުމަށް ކުރި މަސައްކަތްތަކުގެ ސަބަބުން ލިބުނު އެވޯޑުތަކެއް ކަމަށެވެ. އަދި ސައީދަށް އެވޯޑު ލިބިވަޑައިގަތީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ކުރިއެރުވުމަށް އޭނާ ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭޝިއަން ޕަވާ އެވޯޑްސް އަކީ މިނިވަން ޖަޖުންގެ ޕެނަލަކުން ދުރާލާއި އިއުލާން ކުރާ މިންގަނޑުތަކަކަށް ބަލައިގެން ދޭ އެވޯޑެކެވެ. މި އެވޯޑަށް އޭޝިއާ ސަރަހައްދުގެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުން ކުރިމަތިލާފައިވާއިރު އެވޯޑު ލިބުނީ 50 ކުންފުންޏަކަށެވެ.