ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި އިންޓަ ސްކޫލް ޗެމްޕިއަންސް ލީގުގައި އިސްކަންދަރު ސްކޫލާއި ނ. ހޮޅުދޫ މޭނާ ސްކޫލުން ދެ ރަން މެޑަލް ހޯދައިފި އެވެ.
މިދިޔަ މަހުގެ 27 އިން މި މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 11 ސްކޫލަކުން ވާދަ ކުރި އެވެ. މުބާރާތް ކުރިއަށް ދިޔައީ އަންހެން އަދި ފިރިހެން ވަކިން ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
އިސްކަންދަރު ސްކޫލުން ގްރޭޑް 7/8 ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މޭނާ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ކެޓަގަރީގެ ތިންވަނަ ލިބުނީ ސ. ހިތަދޫ ސްކޫލަށެވެ. ހަމަ އެއާ އެކު ގްރޭޑް 9/10 ގެ އަންހެން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހިތަދޫ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މޭނާ ސްކޫލުގެ ގްރޭޑް 5/6 ގެ ފިރިހެން ޓީމު ވަނީ އިސްކަންދަރު ސްކޫލް ބަލިކޮށް މި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ކެޓަގަރީގެ ތިންވަނަ ހޯދީ ހިތަދޫ ސްކޫލެވެ.
މީގެ އިތުރުން މޭނާ ސްކޫލުން ދެން ޗެމްޕިއަންކަން ހޯދީ ގްރޭޑް 9/10 ގެ ފިރިހެން ބައިންނެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރެހެންދި ސްކޫލާ ވާދަކޮށެވެ. މި ކެޓަގަރީގައި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލް ވެސް ވާދަ ކުރި އެވެ. ތިންވަނަ ލިބުނީ ޝަރަފުއްދީނަށެވެ.
ގުރޭޑް 5/6 ގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. ގިޔާސުއްދީން ޗެމްޕިއަންކަން ހޯދީ އިސްކަންދަރާ ވާދަކޮށެވެ.
ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހް ގެ ގްރޭޑް 7/8 ގެ އަންހެން ޓީމު ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް މި ބައިގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އޭ ލެވެލް ކިޔަވާ ގްރޭޑް 11/12 ގެ އަންހެން ބައިގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިން ހޯދީ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާ ވާދަކޮށެވެ. މި ކެޓަގަރީގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސީއެޗްއެސްއީ ހޯދީ އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ) ބަލިކޮށްގެންނެވެ.