މިހާރު ކުރިއަށްދާ 12 ވަނަ ބެޑްމިންޓަން އަތޮޅު ލީގުގެ ޓީމް އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީން ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލުގައި ހޮޅުދޫ މޮޅުވީ އައްޑޫ ސިޓީ ކައުންސިލް އަތުން 16-09 ޕޮއިންޓުންނެވެ. ރާއްޖޭގައި އެންމެ ރަނގަޅަށް ބެޑްމިންޓަން ޑިވެލޮޕްމަންޓް މަސައްކަތްކުރަމުން އަންނަ އެއް ރަށަކީ ހޮޅުދޫ އެވެ.

އިއްޔެގެ ފައިނަލުގައި ފުރަތަމަ ސިންގަލްސް އާއި ފުރަތަމަ ޑަބަލްސް މެޗުން މޮޅުވީ ހޮޅުދޫ އިންނެވެ. އެ ގޮތުން ފުރަތަމަ ސިންގަލްސްގައި ހޮޅުދޫގެ މުހައްމަދު ރަވީން ވަނީ 24-22، 21-13 އިން އިބްރާހިމް ނަޝީދު ބަލިކޮށްފަ އެވެ. ފުރަތަމަ ޑަބަލްސްގައި ހޮޅުދޫގެ ރަވީން އާއި އިބްރާހިމް ސިރާޖުގެ ޕެއާ ވަނީ އައްޑޫ ސިޓީގެ ނަޝީދާއި އަހުމަދު ފަވާޒްގެ ޕެއާ އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-12، 21-23، 21-19 އިންނެވެ.

ފުރަތަމަ ދެ މެޗު ގެއްލުމުން އައްޑޫ ސިޓީން ތަފާތު ރޫހެއްގައި ކުޅެ ދެން ކުޅުނު ދެ މެޗުން މޮޅުވި އެވެ. އެ ގޮތުން ދެ ވަނަ ޑަބަލްސްގައި ހޮޅުދޫގެ ސިރާޖާއި އައުވާން އިޒުހާމްގެ ޕެއާ އަތުން އައްޑޫ ސިޓީގެ ނާތިޖު އަލީ އާއި އިބްރާހިމް މުހައްމަދުގެ ޕެއާ ވަނީ މޮޅުވެފަ އެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 18-21، 10-21 އިންނެވެ. ދެ ވަނަ ސިންގަލްސް އިން އައްޑޫ ސިޓީގެ ނާތިޖު ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު އައުވާން އަތުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 11-21، 21-19 އަދި 06-21 އިންނެވެ.

ތިން ވަނަ ޑަބަލްސް މެޗުގައި މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭއިރު، ހޮޅުދޫގެ އަޒުހާން އިޒުހާމާއި މުހައްމަދު އާމިރުގެ ޕެއާ ވަނީ އައްޑޫ ސިޓީގެ ފައްވާޒާއި އަހުމަދު ދީދީގެ ޕެއާ ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-16، 21-19 އިންނެވެ.

މުބާރާތުގެ ރަނަރަަޕަށް އައްޑޫ ސިޓީ ކައުންސިލް ޓީމު ދިޔައިރު، ތިން ވަނަ އަށް ދިޔައީ އއ. ތޮއްޑޫ ބެޑްމިންޓަން ޓީމެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އަތޮޅު ލީގުގެ މެޗުތައް ކުރިއަށްދާއިރު، ރޭ ވަނީ މުބާރާތުގެ އޯޕަން ޑްރޯގެ މެޗުތައް ފަށައިފަ އެވެ. ބެޑްމިންޓަން އަތޮޅު ލީގަކީ ބެޑްމިންޓަން އެސޯސިއޭޝަނުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ކުރިން މި މުބާރާތް ގައުމީ ބެޑްމިންޓަން މުބާރާތާ އެކީ ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު މި މުބާރާތް ކުރިއަށް ގެންދަނީ ވަކިންނެވެ. އެއީ މި މުބާރާތަށް ވެސް އިތުރު ސަމާލުކަމެއް ދިނުމުގެ ގޮތުންނެވެ.