އިންޑިއާގައި އާދަޔާހިލާފަށް ހޫނުވުމުގެ ސަބަބުން މަރުވި ކަމަށް ނިންމައި ހަ މަހުގެ ކުއްޖަކު ވަޅުލަން އުޅެނިކޮށް ހޭ އަރައިފި އެވެ.

މީޑިއާތަކުން ބުނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ބިހާރުގެ ސްޓޭޓްގެ ޕަޓްނާގައި ހިނގި މި ހާދިސާގައި ދީޕަކް ކުމާރު ކިޔާ ކުއްޖާގެ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމުން ހީޓް ސްޓްރޯކެއް ޖެހިގެން ކުއްޖާ މަރުވެފައިވާ ކަމަށް، އެ ކުއްޖާ ބެލި ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

އެހެންވެ ކުއްޖާ ވަޅުލުމުގެ މަސައްކަތް އާއިލާ އާއި އަވަށްޓެރިން ފެށީ އެވެ. މަންޒަރު ދުށް މީޑިއާތަކަށް ބުނީ ކުއްޖާ ހަރަކާތްކޮށް، ހޭހެރީ ވަޅުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ. އެ ހިސާބުން ކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ. އަދި އެ ކުއްޖާގެ ހާލު ވެސް މިހާރު ރަނގަޅެވެ.

މިކަން އެނގުމާ އެކު ކުއްޖާ ބެލި ޑޮކްޓަރު ވަނީ ހޮސްޕިިޓަލުން ފިލައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ޕަޓްނާގެ ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

"މިއީ ވަރަށް ވެސް ހިތާމަވެރި އަދި ކަންބޮޑުވާން ޖެހޭ ހާދިސާއެއް. ޑޮކްޓަރަކު ބަލަންވާ ވަރަށް ނުބަލައި އިންސާނެއް މަރުވެފައިވާ ކަމަށް ނިންމުމަކީ ވަރަށް ވެސް ސީރިއަސް މައްސަލައެއް. އަދި ސިއްހީ ހިދުމަތް ދޭ ތަންތަނަށް އޮންނަ އިތުބާރު ވެސް ގެއްލޭނެ ކަމެއް." ފުލުހުންގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވި އެވެ. "މިވަރުގެ ކަމަކާ މިހާތަނަކަށް އަދި ދިމައެއް ނުވޭ. މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލާނެ."

މި ހާދިސާއާ ބެހޭ ގޮތުން ކުއްޖާގެ ބައްޕަ އަދި ރިކްޝާ ދުއްވައިގެން އާމްދަނީ ހޯދާ މީހާ ބުނީ ދަރިފުޅުގެ ފުރާނަ ސަލާމަތްވި ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މިއީ ވަރަށް ވެސް ބޮޑު އުފަލެއް ކަމަށް ބުންޏެވެ. އޭނާ ބުނީ ދަރިފުޅު މަރުވި ކަމަށް ބުނި ޑޮކްޓަރާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށެވެ.

"މިގޮތަށް ކިތައް ކުދިން، ކިތައް މީހުންގެ ފުރާނަ ގޮސްފައިވާނެކަމާ ދޭތެރޭ ވެސް މިހާރު ވަރަށް ބޮޑަށް ސުވާލު އުފެދޭ،" އޭނާ ބުންޏެވެ.