ނިއުދިއްލީ (ނޮވެމްބަރު 14) - އިންޑިއަން ޕްރިމިއާ ލީގުގައި ރޯހިތު ޝަރްމާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ދޭން ކުރީގެ ބައެއް ކުޅުންތެރިންނާއި ގިނަ ސަޕޯޓަރުންތަކެއް ގޮވާލައިފި އެވެ.

ދާދި ފަހުން ނިމުނު އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް މުމްބާއީ އިންޑިއަންސް ހޯދިއިރު، އެ ކާމިޔާބީގެ ކްރެޑިޓް ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު އެންމެ ހައްގީ ރޯހިތު އަށެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ރޯހިތު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އައިޕީއެލްގެ 13 މުބާރާތުގައި މިހާތަނަށް ވިރާތަށް މާ އެދެވޭ ކާމިޔާބެއް ލިބިފައިނުވެ އެވެ. އެކަމަކު މުމްބާއީ އިންޑިއަންސްއާ އެކު ރޯހިތުގެ ވިދުން އަންނަނީ ފަހަރަކަށް ވުރެން ފަހަރެއް ގަދަވަމުންނެވެ.

އައިޕީއެލް އަށް ފަހު އިންޑިއާ އަންނަނީ އޮސްޓްރޭލިއާގައި ތިން ޓީ20 މެޗާއި ތިން ވަން ޑޭ އިންޓަނޭޝަނަލް ކްރިކެޓް މެޗު ކުޅެން ތައްޔާރުވަމުންނެވެ. އެ މެޗުތަކުގެ ކުރިން ކުރިން ރޯހިތަށް ކެޕްޓަންކަން ހަވާލުކުރަން ގޮވާލާ އަޑުތައް އަންނަނީ ގަދަވަމުންނެވެ. މަޝްހޫރު ކުޅުންތެރިންނަށް ބަލާއިރު އިންޑިއާގެ ކުރީގެ ބެޓްސްމަން ގޯތަމް ގަމްބީރާއި އިންގްލެންޑްގެ ކުރީގެ ކެޕްޓަން މައިކަލް ވައުގަން ވަނީ ރޯހިތަށް އިންޑިއާގެ ޓީ20 ޓީމުގެ ކެޕްޓަންކަން ދޭން ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ.

"ރޯހިތަށް ފަސް ފަހަރު އިންޑިއަން ޕްރިމިއާ ލީގު ތަށި ލިބިއްޖެ. އޭނާ އަކީ އެ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ކެޕްޓަން. ކުރިއަށްދާއިރު އަހަރެންގެ ނަޒަރުގައި އޭނާ އަށް އިންގްލެންޑް ކެޕްޓަން ބޭންޑް ނުލިބުމަކީ ކްރިކެޓަށް ވެސް ދެރައެއް،" އީއެސްޕީއެންގެ ކްރިކެޓް ޝޯއެއްގައި ގަމްބީރު ބުންޏެވެ.

އޮސްޓްރޭލިއާގެ ރިކީ ޕޮންޓިން އަތުން މުމްބާއީ އިންޑިއަންސްގެ ކެޕްޓަންކަން ނެގުމަށް ފަހު 2013 ވަނަ އަހަރު ރޯހިތާ އެ ޓީމު ލީޑުކުރުމުގެ ޒިންމާ ހަވާލުކުރި ފަހުން އޭނާ ވަނީ ތަފާތު ދައްކައި އެ ޓީމަށް ފަސް ފަހަރު އައިޕީއެލް ހޯދައިދިނުމުގައި ލީޑަރެއްގެ ރޯލު އަދާކޮށްފަ އެވެ. އެކަމަކު އެންމެ ފަހުން ދެ ފަހަރު ވެސް ވިރާތު ކުޅެމުން އަންނަ ރޯޔަލް ޗެލެންޖާސް ބެންގަލޯ އަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ.

"އެއްވެސް ސުވާލެއް ކުރާނެ ޖާގައެއް ނެތް. އަހަރެންގެ ނަޒަރުގައި އިންޑިއާގެ ޓީ20 ކެޕްޓަންކަން ދެން ކުރަން ޖެހޭނީ ރޯހިތު،" ވައުގަން ބުންޏެވެ.

އިންޑިއާގެ ގިނަ ކްރިކެޓް ސަޕޯޓަރުން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ރޯހިތަށް ކެޕްޓަންކަން ދޭން ގޮވާލަމުންނެވެ. ގިނަ ސަޕޯޓަރުންގެ ނަޒަރުގައި ވިރާތަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ނަމަވެސް ލީޑަރެއްގެ ރޯލު ކުޅުމުގައި ރޯހިތަށް ވުރެން ވިރާތު އުޅެނީ ފަހަތުގަ އެވެ. އިންޑިއާގެ ކާމިޔާބު ކެޕްޓަން މަހިންދުރަ ސިންގް ދޯނީ އާއި ރޯހިތުގެ ލީޑުކުރުމުގައި ނިންމުންތައް އެއްގޮތް ކަމަށް އިންޑިއާގެ ގިނަ ކްރިކެޓް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.