ނޮޓިންހަމް (އޮގަސްޓް 23) – އިންގްލެންޑާއި އިންޑިއާ އިން މިހާރު ކުޅެމުން އަންނަ ޓެސްޓް ސިލްސިލާގެ ތިން ވަނަ މެޗު އިއްޔެ 203 ލަނޑުން ކާމިޔާބުކޮށް އިންޑިއާ އިން ތާރީހީ ކާމިޔާބަކާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.
ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް އިންގްލެންޑް އަދިވެސް 2-1 އިން ކުރީގައި އޮތް ނަމަވެސް އިންޑިއާ އިން އިއްޔެ ދެއްކި މޮޅު ކުޅުމާ އެކު އެ ޓީމަށް ބާކީ ދެ މެޗު ކާމިޔާބުކުރެވިދާނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެ ނަމަ އެ ގައުމު ވެގެންދާނީ ޓެސްޓް ކްރިކެޓުގެ ތާރީހުގައި ފަސް މެޗުގެ ސިލްސިލާއެއްގައި ދެ މެޗުން ބަލިވެފައި އޮވެ ފަހަތުން އަރައި މޮޅުވާ ދެ ވަނަ ޓީމަށެވެ. އެ ޝަރަފް މިހާތަނަށް ހޯދި ހަމައެކަނި ޓީމަކީ 1937 ގައި އިނގިރޭސިންގެ މައްޗަށް ކުރި ހޯދި ޑޮން ބްރަޑްމަންގެ އޮސްޓްރޭލިއާ އެވެ.
އިންޑިއާގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ރަވީ ޝާސްތްރީ ބުނީ އިންޑިއާ އިން ނަގާނީ މެޗަކަށް ފަހު މެޗެއް ކަމަށާއި ސައުތުހެމްޓަންގައި އަންނަ ބުރާސްފަތި ދުވަހު ފަށާ ތިން ވަނަ މެޗާ ކުރިމާލީ އާ މެޗެއްގެ ގޮތުގައި ނަގައިގެން ކަމަށެވެ. އޭނާ ވަނީ، އިންގްލެންޑުގެ 20 ވިކެޓުގެ ތެރެއިން 19 ވިކެޓް ދުއްވާލި އިންޑިއާގެ ފާސްޓް ބޯލަރުންނަށް ތައުރީފްކޮށްފަ އެވެ.
"މޭލެއްގެ ތަފާތު، މޭލެއްގެ ތަފާތު. އިންޑިއާގެ އެހެން ޓީމެއް ކައިރި ވެސް ނުކުރާނެ،" އިންޑިއާގައި މިވަގުތު އޮތީ މިހާތަނަށް ދުށް އެންމެ މޮޅު ފާސްޓް ބޯލް އެޓޭކްތޯ އެހުމުން ޝާސްތްރީ ބުންޏެވެ.
ހޮނިހިރު ދުވަހު ފެށި މެޗުގެ ޓޮސް ދިމާވެ އިންގްލެންޑް ގަސްކުރީ ހޮވާށެވެ. ފުރަތަމަ އިނިންގްސްގައި އިންޑިއާ އިން 94.5 އޯވަރުގެ ތެރޭގައި 329 ލަނޑު ހެދިއިރު ޖަވާބުގައި އިނގިރޭސިންނަށް 38.2 އޯވަރުގެ ތެރޭގައި ހެދުނީ 161 ލަނޑެވެ. އިންޑިއާ އިން ދެ ވަނަ އިނިންގްސްގައި 110 އޯވަރުގެ ތެރޭގައި 352 ލަނޑު ހެދުމާ އެކު އިނގިރޭސިންނަށް ޖެހުނީ މެޗު ކާމިޔާބުކުރަން 521 ލަނޑު ހަދާށެވެ. އެކަމަކު ހުރިހާ ކުޅުންތެރިން ނުބައިވެ، 104.5 އޯވަރުގެ ތެރޭގައި ހެދުނީ 317 ލަނޑެވެ. އިއްޔެ ހެނދުނު ފަހު ދަންފަޅި ފެށިތާ 10 މިނެޓު ނުވަނީސް އިންޑިއާގެ އޮފް ސްޕިނާ ރަވީޗަންދްރަން އަޝްވިން ވަނީ އިންގްލެންޑުގެ ޖޭމްސް އެންޑަސަން ނުބައިކޮށް އިންޑިއާ އަށް މޮޅު ހޯދައިދީފަ އެވެ. މިއީ މި މެޗުގައި އިންޑިއާގެ ސްޕިން ބޯލަރަކަށް އިނގިރޭސި ކުޅުންތެރިޔަކު ނުބައި ކުރެވުނު ފުރަތަމަ ފަހަރެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ވަނަ އިނިންގްސްގައި ސައްތައެއް ހެދި ކެޕްޓަން ވިރާތު ކޯލީ އެވެ. އަންހެނުން އަދި ހިންދީ ފިލްމީ ބަތަލާ އަނުޝްކާ ޝަރްމާގެ ހާޒިރުގައި ކުޅުނު މި މެޗުގައި ހެދި ސައްތައަކީ ޓެސްޓް މެޗެއްގައި ހެދި 23 ވަނަ ސައްތަ އެވެ.
ވިރާތު ބުނީ ސީރީސްގެ މިހާ ހިސާބުން މި މޮޅު ހޯދަން ވަރަށް ބޭނުންވެފައި ތިބި ކަމަށާއި ޓީމުގެ ތިން ޑިޕާޓްމަންޓުންގެ ވެސް މަސައްކަތާ އެކު މޮޅު ކުޅުމެއް ދެއްކުމަކީ ކެޕްޓަނެއްގެ ހައިސިއްޔަތުން ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ މި މޮޅު ހާއްސަކުރީ، އިންޑިއާގެ ކެރެލާއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށެވެ.
"އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަދި އެންމެ އިސްކަންދީގެން، ޓީމެއްގެ ގޮތުގައި އަހަރެމެން ބޭނުންވަނީ މި މޮޅު ކެރެލާގައި ފެންބޮޑުވެ ގެއްލުން ލިބުނު މީހުންނަށް ހާއްސަކުރަން. މީހުން އެދަނީ ވަރަށް ބޮޑެތި ދަތިތަކެއް ތަހައްމަލުކުރަމުން،" ވިރާތު ބުންޏެވެ.
މިދިޔަ ގަރުނެއްހާ ދުވަހު އިންޑިއާގެ ދެކުނު ކެރެލާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ވިއްސާރައިގައި 400 އެއްހާ މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ޓެސްޓް ކްރިކެޓުގައި ދުނިޔޭގެ އެންމެ މޮޅު ޓީމުގެ ގޮތުގައި އިންޑިއާ އޮތް ނަމަވެސް މިދިޔަ ފަސް އަހަރު އޭޝިއާ އިން ބޭރުގައި ކުޅުނު ހަ ސިލްސިލާގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ ވެސް މިވަގުތު ދަށްކޮށް އޮތް ވެސްޓް އިންޑީޒް އަތުންނެވެ. އިންގްލެންޑާ ދެކޮޅަށް ކުޅޭ ސިލްސިލާގެ ތިން ވަނަ މެޗު އޮންނާނީ މި މަހު 30 އިން އަންނަ މަހު 3 އަށް ސައުތުހެމްޓަންގެ ރޯސް ބޯލްގަ އެވެ. ފަހު މެޗު އޮންނާނީ ލަންޑަނުގައި ދަ އޯވަލްގައި އަންނަ މަހުގެ 7-11 އަށެވެ.